ވާގޮތް: ކޮމިއުނިސްޓު ޕާޓީ އުފެދުމާއި ޗައިނާގެ ކޮންޓްރޯލް ނެގި ގޮތް

ކޮމިއުނިސްޓު ޕާޓީގެ ވެރިކަމަށް 74 އަހަރު އަންނަ އަހަރު ފުރޭނެ. މުޅި ޗައިނާގެ ހުރިހާ ކަމެއް ހިނގަނީ އެ ޕާޓީން ބޭނުންވާ ގޮތަށް އެ ޕާޓީގެ ސިޔާސަތުތަކަށް.

ކޮމިއުނިސްޓު ޕާޓީގެ ވެރިކަމަށް 74 އަހަރު އަންނަ އަހަރު ފުރޭނެ. މުޅި ޗައިނާގެ ހުރިހާ ކަމެއް ހިނގަނީ އެ ޕާޓީން ބޭނުންވާ ގޮތަށް އެ ޕާޓީގެ ސިޔާސަތުތަކަށް.

ޗައިނާއަކީ ދުނިޔޭގެ އެހެން ގައުމުތަކާ ތަފާތު ގައުމެކެވެ. ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތީ ޗައިނާގަ އެވެ. ރަޝިއާ ނަގާލުމަށްފަހު ހުޅަނގުގެ ގައުމުތައް އެންމެ ޖެހިލުން ވަނީ ޗައިނާ ދެކެ އެވެ. ދެވަނައަށް އެންމެ ބޮޑު އިގްތިސާދެއް އޮތީ ޗައިނާގަ އެވެ. އަސްކަރީ ގޮތުން ވެސް އެހާ ބާރުގަދަ އެވެ. އުފެއްދުންތެރިކަމުގެ ރޮގުން ވެސް އުޅެނީ ކުރީ ސަފުގަ އެވެ.

އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ދުނިޔޭގެ ފާހަގަކޮށްލެވޭ ގައުމަކަށް ވުމަށް ޗައިނާއިން ކުރި ދަތުރަކީ އެންމެންނަށް ކަމުދާނެ ދަތުރެއް ނޫނެވެ. މި ދަތުރުގައި އެންމެ މުހިންމު ބައެއްގެ ގޮތުގައި އޮތީ ވެރިކަން ކުރާ ކޮމިއުނިސްޓު ޕާޓީ އެވެ. ވެރިކަން ކުރަނީ އެންމެ ޕާޓީއަކުންނެވެ. ބަސް ކިޔަނީ އެންމެ ޕާޓީއަކުންނެވެ. އިތުރު ހިޔާލާއި ފިކުރަށް ފުރުސަތެއް ނޯވެ އެވެ.

އެ ޕާޓީ އުފެދުނުތާ 100 އަހަރު މިދިޔަ އަހަރުގެ ޖުލައި މަހަށް ވަނީ ފުރިފަ އެވެ. ޕާޓީގެ ސަފުތައް އަދިވެސް ފެންނަނީ ބަދަހިކޮށް ވަރުގަދަކޮށެވެ. އެންމެ އަޖައިބު ކުރަނިވި ކަމަކީ މިދިޔަ 100 އަހަރު ތެރޭ 1.4 ބިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް ގައުމެއް އެންމެ ޕާޓީއަކުން ކޮންޓްރޯލު ކުރި ގޮތެވެ. އިނގިރޭސި ބަހުން މި ކިޔާ "އެބްސޮލިއުޓް ކޮންޓްރޯލް" ކޮމިއުނިސްޓް ޕާޓީން ހޯދުމުގެ ކުރިން ޗައިނާ އޮތީ ދާހިލީ ހަނގުރާމައާ ގުޅިގެން ދެފަޅި ވެފަ އެވެ.

ކޮމިއުނިސްޓު ޕާޓީގެ އުފެދުމަކީ ޖުލައި 1921، ގައި ޝަންގްހާއީގައި ހުންނަ މާއޯ ޒެޑޮންގެ ގޭގައި ބޭއްވުން ސިއްރު ބައްދަލުވުންތަކެކެވެ. މުޅި ދުނިޔެއަށް ކޮމިއުނިޒަމް ފެތުރުމަށް ސޯވިއެޓު ޔޫނިއަނުން ބޭނުންކުރަމުންދިޔަ 'ކޮމިއުނިސްޓް އިންޓަނޭޝަނަލް" ގެ ދެ އޭޖުންޓުން ވެސް ޑަޒަނެއްހާ މީހުން ތިބޭ މި ބައްދަލުވުންތަކުގައި ދިޔައީ ބައިވެރިވަމުންނެވެ.

ދުވަސްތަކެއް ވަންދެން މި ބައްދަލުވުންތައް ކުރިއަށް ދަނިކޮށް ޝައްކު ކުރެވޭ ގޮތަކަށް ހުރި މީހަކު ބައިވެރިވި އެވެ. އޭނާ އަކީ ޖާސޫސެއް ކަމަށް ހީކޮށް މި ބައްދަލުވުންތައް ހުއްޓާލި އެވެ. އެއަށްފަހު ޓޫރިސްޓު ބޯޓެއްގައި އަލުން މި ބައްދަލުވުންތައް ފެށި އެވެ. މިއީ ކޮމިއުނިސްޓު ޕާޓީ ވުޖޫދުވާން މެދުވެރިވި ގޮތެވެ. އެ ބައްދަލުވުންތަކުން ކުރި ފަޅައި އުފެދުނު ޕާޓީ ވެގެންދާނީ މުޅި ދުނިޔޭގައި ވެސް ކޮމިއުނިޒަމްގެ ރަމްޒެއްގެ ގޮތުގައި އޮތް މައި ގައުމަށެވެ.

އެންމެ 50 މެމްބަރުންނާއެކު އުފެދުނު ޕާޓީއަކުން ހަތިޔާރާ ނުލައި އާންމުންނާއެކު ނުކުމެ އެމެރިކާގެ ސަޕޯޓު އޮވެ ހަތަރު މިލިއަން ސިފައިންނާއެކު ނުކުތް ސަރުކާރެއް ބަދަލުކުރެވިދާނެ ކަމަށް 1927 ގައި ހަނގުރާމަ ފެށިއިރު އެއްވެސް މީހަކު ގަބޫލެއް ނުކުރެ އެވެ. އެހެން ނަމަވެސް، 1949 ގައި ހަނގުރާމަ ކާމިޔާބު ކުރުމަށްފަހު ވެރިކަން ބަދަލުކޮށް މާއޯ ޒެޑޮންގެ ލީޑާޝިޕުގެ ދަށުން ކޮމިއުނިސްޓު ޕާޓީން "ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ" ގާއިމުކުރި އެވެ.

އެހާ ހިސާބުން ފެށިގެން ޗައިނާގެ ބާރު ދުވަހެއް ދުވަހެއް އަންނަނީ ގަދަވަމުންނެވެ. ހުޅަނގުގެ ގައުމުތަކަށް މިއީ ބަލަން އެހާ ހިތްގައިމު މަންޒަރެއް ނޫނެވެ. އިރުމަތީގައި އޮތް ބަލި ގައުމެއްގެ ގޮތުގައި ލޭބަލް ވުމަށް ފަހު ޗައިނާއިން ހޯދި ކުރިއެރުންތަކުން ދަސްކުރަން ޖެހޭ ކަންކަން ހުރި ކަމަށް ބައެއް މީހުން ގަބޫލުކޮށްފާނެ އެވެ. އެއް ޕާޓީން ކުރާ ވެރިކަމާއި މާކްސިޒަމްގެ ސިޔާސަތުތައް ކާމިޔާބު ކަމެވެ.

ވެރިކަމުގައި ގަރުނެއް ފުރިހަމަކުރިއިރު މިއަދު ކޮމިއުނިސްޓު ޕާޓީގެ ބާރާ މެދު ދެބަސްވެވެން ނެތެވެ. މީގެ 25 އަހަރު ކުރިން ޗައިނާ އާ ގުޅިގެން ހުޅަނގުގެ އެއްވެސް ކަންބޮޑުވުމެއ ނެތެވެ. ނަމަވެސް، މިއަދު ހުޅަނގުގެ ގައުމުތައް އެންމެ ކަންބޮޑުވަނީ ޗައިނާ ދެކެ އެވެ. ޗައިނާއަކީ ހަމައެކަނި ހުދުމުހުތާރު ގައުމެއް ނޫނެވެ. އެއީ ހުޅަނގާ ދެކޮޅު ކޮމިއުނިސްޓު ފިކުރު އެންމެ އަޑިން ގަބޫލުކުރާ ގައުމެކެވެ.

ކޮމިއުނިސްޓު ޕާޓީގެ ބާރު އަންނަނީ ދުވަހެއް ދުވަހަކަށް ގަދަވަމުންނެވެ. ޑިޖިޓަލް ޓެކްނޮލޮޖީ އަންނަނީ ބާރު ފެތުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. އާޓިފިޝަލް އިންޓެލިޖެންސާއި ސަވައިލެންސު ކެމެރާތައް އަންނަނީ މީހުންނަށް ފާރަލާން ބޭނުން ކުރަމުންނެވެ. މޯބައިލު ފޯނުން ދައްކާ ހުރިހާ ވާހަކައެއް އަޑުއަހައި، ކުރާ ހުރިހާ މެސެޖެއް ކިޔަ އެވެ.

އިންޓަނެޓު މޯނިޓާ ކުރާ އެތައް ހާސް ބަޔަކު ކޮމިއުނިސްޓު ޕާޓީގެ ޕޭރޯލްގައި އެބަތިއްބެވެ. މި މީހުން ބޭނުންކޮށްގެން "ޑީރެޑިކަލައިޒް" ކުރުމުގެ ނަމުގައި އެތައް ލައްކަ ވީގާ މުސްލިމުންނެއް ވަނީ ޖަލުތަކުގައި ބަންދުކޮށްފަ އެވެ. ޓެކްނޮލޮޖީ ވެފައި ވަނީ ކޮމިއުނިސްޓު ޕާޓީގެ ހަރަކާތްތައް އެހެން ހަރުފަތަކަށް ގެންގޮސްދިން އެއްޗަކަށެވެ.

ޗައިނާގެ މިހާރުގެ ރައީސް ޝީ ޖިންޕިން ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ކޮމިއުނިސްޓު ޕާޓީން އެންމެ އިސްކުރި އެއް ސިޔާސަތަކީ އެ ޕާޓީގެ ބާރުތައް ޗައިނާ އަށާއި ދުނިޔެއަށް ހާމަ ނުކުރުމެވެ. ނަމަވެސް، ޝީ ގެ ރިޔާސަތުގައި އެކަން މުޅިން ބަދަލުކޮށް ޗައިނާގެ ބާރު ދެއްކެން އޮތް ކޮންމެ ޕްލެޓުފޯމެއްގައި އަންނަނީ ދައްކަމުންނެވެ.

ޝީގެ ކުރިން ވެރިކަމުގައި ހުންނެވި ހޫ ޖިންޓާއޯ އޮތީ އެ މަސައްކަތް ފައްޓަވާފަ އެވެ. 2009 ގައި ދުނިޔެއަށް ކުރިމަތިވި މާލީ އަނދަވަޅަކީ ހުޅަނގުން ގެންގުޅޭ ކެޕިޓަލިޒަމްގެ ބަލިކަން ހާމަވި ދަނޑިވަޅެއް ކަމަށް ދެކި ޗައިނާގެ ވަގުތު އައިސް ޖެހިފައިވާ ކަމަށް އޭނާ ދެކެވަޑައިގެންނެވި އެވެ. ދުނިޔޭގެ ބާރުގަދަ އަދި މުހިންމު ގައުމެއްގެ ގޮތުގައި ހުޅަނގުން ޗައިނާ ބަލައިގަތުމަކީ ޝީ އެންމެ ބޭނުންފުޅުވާ ކަންތަކެވެ. ހުޅަނގުން ކަންބޮޑުވަނީ އެއާއެކު ކޮމިއުނިސްޓު ޕާޓީ އާއި އެ ޕާޓީގެ ފަލްސަފާތައް ވެސް އަންނާތީ އެވެ.

ޕާޓީއަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވަރަށް ފާޅުގައި ޝީ ވާހަކަފުޅު ދައްކަވަ އެވެ. ޓިނަމެން ސްކޮޔާގައި 1989 ގައި ހިނގި މުޒާހަރާތަކަށް ފަހު އައި އެހެން އެއްވެސް ލީޑަރަކު ނުދައްކަވާ މިންވަރަށް ޝީ އެ ވާހަކަތައް ދައްކަވަ އެވެ. އަންނަ އަހަރާއެކު ކޮމިއުނިސްޓު ޕާޓީން ވެސް 1991 ގައި އުވުނު ސޯވިއެޓު ޔޫނިއަންގެ ކޮމިއުނިސްޓު ޕާޓީން ވެރިކަން ކުރި 74 އަހަރާ ހަމަކުރާނެ އެވެ.

ޝީ ދެކެވަޑައިގަންނަވާ ގޮތުގައި ކޮމިއުނިސްޓު ޕާޓީ ތެރޭގައި ވެސް ހުޅަނގުގެ ފިކުރުތައް ވަނީ އަށަގެންފަ އެވެ. ކޮރަޕްޝަނާއި، ބޭވަފާތެރިވުމާއި ފެކްޝަންތަކެވެ. ވެރިކަމުގައި 10 އަހަރު ފުރިހަމަކުރައްވާ އިރު ވެސް ޝީ ގެންދަވަނީ ޕާޓީގެ އެތެރެ ސާފު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއްވެސް މީހަކަށް އިތުބާރު ކުރައްވާ ތަނެއް ނުފެނެ އެވެ.

ސޯވިއެޓުން ނިމިގެންދިޔަ ގޮތުން ކަންކަން ދަސްކޮށް އިބުރަތް ހާސިލުކުރުމަށް ޝީ ހާއްސަ އަހަންމިއްޔަތު ކަމެއް ދެއްވަ އެވެ. މާއޯ އަކީ އެއްވެސް ކުށެއް ނުކުރާ މީހެއް ކަމަށް ދެއްކުމަކީ ޕާޓީގެ އެތެރެ ބަދަހިކޮށް ހިފެހެއްޓުމަށް ޝީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމެކެވެ.

ޗައިނާގެ 18 އަހަރު ފުރިފައިވާ އާބާދީގެ އަށް ޕަސެންޓު މީހުންނަކީ ކޮމިއުނިސްޓު ޕާޓީގެ މެމްބަރުންނެވެ. މިވަގުތު 92 މިލިއަނަށް ވުރެ ގިނަ މެމްބަރުން ތިބިއިރު ޝީ ބޭނުންފުޅުވަނީ ޕާޓީއަށް ވަދެވެން އޮންނަ ގޮތްތައް މަދުކުރުމަށެވެ. ހަވާލުކުރާ ކޮންމެ މަސައްކަތެއް ކުރެވޭ މެމްބަރުން ގިނަ ކުރުމަކީ އަމާޒެކެވެ. ޕާޓީގެ ރޯލުތަކާއި ސަރުކާރުގެ ރޯލުތައް އެކައްޗަކަށް ވަނީ ހަދާފަ އެވެ.

ގައުމަށް ދިމާވާ ކާރިސާތަކުގައި އެންމެ ފުރަތަމަ އެހީ ދޭން ނުކުންނަ ބަޔަކީ ކޮމިއުނިސްޓު ޕާޓީ މެމްބަރުންނަށް ވާން ޖެހެ އެވެ. ނެއިބަހުޑްތަކާއި ކެމްޕަސްތަކުގައި ދައްކާ ވާހަކަތައް އަޑު އަހައި ޖާސޫސު ކުރުމަކީ އެމީހުންގެ ޒިންމާއެކެވެ. ކިރިޔާ ވެސް ޕާޓީއަށް ނުރައްކަލެއް ވެދާނެ ފަދަ ކަމެއް އުޅޭނަމަ އެކަމެއްގެ މައުލޫމާތު އޮފިޝަލުންނާ ހިއްސާކުރަން ޖެހެ އެވެ.

މިއަދު ޗައިނާގެ ސަރުކާރަށް ވުރެ ބާރުގަދައީ ކޮމިއުނިސްޓު ޕާޓީ އެވެ. ސަރުކާރާއި ޕާޓީއަކީ އެކައްޗަކަށް ވި ނަމަވެސް ކަންކަމުގައި ގޮތް ކަނޑައަޅަނީ ޕާޓީގެ އިސް އޮފިޝަލުންނެވެ. ޖަލަށް މީހުން ލުމާއި ދޫކޮށްލުމުގައި އެންމެ ފަހުބަސް ބުނަނީ ކޯޓުތަކުންނެއް ނޫނެވެ. އެ ބަސް ބުނަނީ ޕާޓީގެ ސެކްރެޓަރީންނެވެ. ޖަލުތައް ހިންގަނީ ފުލުހުންނާއި ޕްރިޒަން އޮފިސަރުންނެވެ. ނަމަވެސް، އެއީ ގާނޫނު ނުހިނގާ ޖަލުތަކެކެވެ.

ދެން އަަންނަ އޮތް 100 އަހަރަށް ޗައިނާގައި ވެރިކަން ކުރާނީ ކޮމިއުނިސްޓު ޕާޓީން ކަމަށް ނުވެދާނެ އެވެ. ނަމަވެސް، މިދިޔަ 100 އަހަރު އެ ޕާޓީން ވެރިކަން ކުރި ގޮތާއި ބާރު ދެމެހެއްޓި ގޮތަކީ ތާރީހުގައި ލިޔާނެ ވާހަކަތަކެކެވެ. އެއް ބަޔަކަށް ރަނގަޅު ވާހަކަތަކެކެވެ. އަނެއް ބަޔަކަށް އެއީ ވެރިކަން ކުރަން ކުފޫ ހަމަނުވާނެ ގޮތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox