ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިމާރާތްކޮށްފައިވާ އާ ސީޕްލޭން ޓާމިނަލް ހުޅުވުން އަންނަ މަހަށް ލަސްކޮށްފައިވާ ކަމަށް އެއާޕޯޓްސް ކުންފުނި (އެމްއޭސީއެލް) އިން ބުނެފި އެވެ.
އާ ސީޕްލޭން ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލްއިން ކުރިން ދީފައިވާ ތާރީހަކީ މި މަހުގެ އެކެކެވެ. އެ ޓާމިނަލް ރަސްމީކޮށް ބޭނުން ކުރަން ނުފެށި ނަމަވެސް، މިދިޔަ މަހު ވަނީ ބައެއް ލައުންޖުތައް ހުޅުވާފަ އެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ޝައްމާން ޝާކިރު "އަދަދު"އަށް ވިދާޅުވީ އެ ޓާމިނަލްގައި މިހާރު ކުރިއަށްދާ މަސައްކަތަކީ ތަނުގެ ސޭފްޓީގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން ބިލްޑިންގް ސޭފްޓީއާއި ކޮންސްޓްރަކްޝަން ސޭފްޓީއާއި ފަޔާ ސޭފްޓީ ފަދަ މަސައްކަތްތަކެވެ.
އެ ޓާމިނަލްގައި އެންމެ ބޮޑުކޮށް މިހާރު ކުރިއަށްދާ މަސައްކަތަކީ ރިސޯޓްތަކާއި އަމިއްލަ ފަރާތްތަކުން ހަދާ ލައުންޖުތަކުގެ މަސައްކަތްތައް ކަމަށާއި އެ މަސައްކަތްތައް މުޅިން ނުނިމޭތީ ވެސް ހުޅުވުން ލަސްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އެންމެ ބޮޑަށް ކުރަމުންދާ މަސައްކަތަކީ ރިސޯޓުތަކުގެ ލައުންޖުތައް އޮޕަރޭޓްކުރަން. އެ ތަންތަން ރިލޮކޭޓުކޮށް ރިސޯޓުތަކުން ބޭނުންވާ ގޮތަށް އެ ތަންތަން ބަދަލުކުރުން. އެކަމަށް ވަރަށް ވަގުތު ބޭނުންވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެހެންކަމުން ބާކީ ހުރި މަސައްކަތްތައް ނިންމައި އާ ޓާމިނަލުން ހިދުމަތް ދޭން ފެށޭނޭ ކަމަށް ލަފާކުރަނީ އަންނަ މަހުގެ 15 ވަނަ ދުވަހު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މީގެ އިތުރުން މި އަހަރުގެ ފަހު ކުއާޓާގައި އާ ރަންވޭ ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ޝައްމާން ވިދާޅުވި އެވެ. އާ ރަންވޭ ހުޅުވުމުން އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރަންވޭ އަކީ ފްލައިޓް ޖެއްސުމުގެ އިތުރުން ޓެކްސީވޭއެއްގެ ގޮތުގައިވެސް ބޭނުންކުރި ރަންވޭއެކެވެ. އެގޮތުން އިންޓަނޭޝަނަލް ފްލައިޓެއް ޖެއްސުމާއެކު 13 ނުވަތަ 15 މިނިޓްވާއިރުވެސް ރަންވޭ ހުސްނުވެ އެވެ. މީގެ ސަބަބުން ބައެއް ފްލައިޓްތައް ނުޖެއްސި ގިނަ އިރުތަކެއް މަތީގައި ހޭދަކުރަންޖެހެ އެވެ. ނަމަވެސް އާ ރަންވޭ ބޭނުންކުރަން ފެށުމުން މިފަދަ ގޮންޖެހުންތަކަށް ހައްލެއް ލިބި، ގަޑިއިރެއްތެރޭ ޖައްސާ ފްލައިޓްތައް އިތުރުވެގެންދާނެ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.
ވީއައިއޭގެ އާ ރަންވޭ، ޓެކްސީ ވޭއެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައި ވަނީ މިދިޔަ ފެބްރuއަރީ މަސްތެރޭގަ އެވެ.












