ޕާކިސްތާނުގެ އާ ބޮޑު ވަޒީރަކަށް އަންނާނީ ކޮން ބޭފުޅެއް؟

ޝެހްބާޒް ޝަރީފް.

ޝެހްބާޒް ޝަރީފް.

ކުރީގެ ކްރިކެޓް ތަރި، އުމުރުން 69 އަހަރުގެ އިމްރާން ހާން ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުން ވަކި ކުރުމާ އެކު، އާ ބޮޑު ވަޒީރަކު ހޮވުމުގެ މަސައްކަތަށް ހޯމަ ދުވަހު ޕާލިމެންޓުގެ ބައްދަލުވުމެއް އޮންނާނެ އެވެ.

ރޭ ދަންވަރު ޕާލިމެންޓުގެ 342 މެމްބަރުންގެ ތެރެއިން އިދިކޮޅު ޕާޓީތަކާ އެއް ކޮޅަށް ވޯޓުދީ، އިމްރާން ހާންގެ އިތުބާރު ނެތް ކަމަށް ބުނީ 174 މެމްބަރުންނެވެ. އިދިކޮޅު ލީޑަރު ޝެހްބާޒް ޝަރީފް ވިދާޅުވީ ބޮޑު ކާރިސާއަކުން ގައުމުން މިނިވަން ކުރެވިއްޖެ ކަމަށެވެ.

"މުޅިން އާ ފަތިހަކަށް އަލިވިލިއްޖެ. [ޕާޓީތަކުގެ] މި ގުޅުމާ އެކު ޕާކިސްތާނު އަލުން ބިނާ ކުރެވޭނެ،" އުމުރުން 70 އަހަރުގެ ޝެހްބާޒް ޕާލިމެންޓުގެ ރޭ ވިދާޅުވި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހޯމަ ދުވަހު ޕާލިމެންޓުގައި ކުރިއަށްދާ ބައްދަލުވުމުގައި އާ ބޮޑު ވަޒީރުކަމުގެ މަގާމަށް ކަނޑައަޅާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކެންޑިޑޭޓަކީ ޝެހްބާޒް އެވެ.

ޝެހްބާޒްއަކީ ޕާކިސްތާނުގައި މީގެ ކުރިން ތިން ފަހަރަށް ބޮޑު ވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފްގެ ކޮއްކޯފުޅެވެ. އެނެލިސްޓުން ދެކޭ ގޮތުގައި ނަވާޒްއާ ހިލާފަށް ޝެހްބާޒްއަކީ ޕާކިސްތާނުގެ ނުފޫޒު ގަދަ އަސްކަރިއްޔާއާ ރަނގަޅު ގުޅުމެއް އޮންނަ ބޭފުޅެކެވެ.

ގާތްގަނޑަކަށް 220 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިޔުކްލިއާ ބާރު، ޕާކިސްތާނުގެ ހާރިޖީ އަދި ދިފާއީ ސިޔާސަތުގައި އަސްކަރިއްޔާގެ ނުފޫޒު ވަރަށް ބޮޑެވެ. އެހެންކަމުން، ބަގާވާތް ކުރުމުގެ ދިގު ތާރީހެއް އެ ގައުމުގައި އެބަ އޮތެވެ.

މީގެ ކުރިން ޕާކިސްތާނުގެ އަސްކަރީ ވެރިންގެ ސީދާ ނުފޫޒާއި ބާރުގެ ބޭނުންކޮށް، ތިން ފަހަރަށް ސަރުކާރު ވައްޓާލާފައިވެ އެވެ. އިނގިރޭސިވިލާތުގެ އަތުން 1947 ވަނަ އަހަރު ޕާކިސްތާނަށް މިނިވަންކަން ލިބުނު ފަހުން، އެއްވެސް ބޮޑު ވަޒީރަކަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވޭ ގޮތެއް ނުވެ އެވެ.

ޝެހްބާޒް ނިސްބަތްވެވަޑައިގަންނަވާ ޝަރީފް އާއިލާއަކީ ޕާކިސްތާނުގެ ބާރުގަދަ އަދި މުއްސަނދި އާއިލާ އެކެވެ. އެމަނިކުފާނަށް މަގްބޫލުކަން ލިބިފައި ވަނީ ކޮންމެ ކަމެއް ވެސް ކާމިޔާބު ވާނެ ކަމުގެ ވިސްނުމުގައި ގެންގުޅުއްވާ އިދާރީ ސްޓާއިލްގެ ސަބަބުންނެވެ.

މީގެ ކުރިން ޕަންޖާބް ޕްރޮވިންސްގެ ޗީފް މިނިސްޓަރަކަށް ޝެހްބާޒް ހުންނެވި އިރު، ރައްޔިތުންނަށް އެކަން ފެނި ގިނަ ބަޔެއްގެ ތައުރީފު ލިބުނެވެ.

އެ ޕްރޮވިންސްގެ ޗީފް މިނިސްޓަރުގެ ގޮތުގައި ސިޔާސީ ކެރިއަރު ޝެހްބާޒް ފެއްޓެވީ 1997 ވަނަ އަހަރު އެވެ. ނަމަވެސް އަސްކަރީ ބަގާވާތެއްގައި އެމަނިކުފާނު ޖަލުގައި ބަންދު ކުރި އެވެ. އޭގެ ފަހުން 2000 ވަނަ އަހަރު ސައުދީ އަރަބިއްޔާއަށް އަރުވާލި އެވެ.

ޝެހްބާޒް އެނބުރި ގައުމަށް ވަޑައިގެން، ޕަންޖާބް ޕްރޮވިންސްގައި ސިޔާސީ މަސައްކަތް އަލުން ފެއްޓެވީ 2007 ވަނަ އަހަރު އެވެ.

ޕަންޖާބް ޕްރޮވިންސްގެ ތަރައްގީއަށް ޗައިނާއާ ގުޅިގެން ގިނަ މަޝްރޫއުތަކެއް ހިންގެވި ޝަހްބާޒް މިދިޔަ ހަފްތާގައި ވިދާޅުވީ އެމެރިކާއާ އެކު ގާތް ގުޅުމެއް އޮތުން ޕާކިސްތާނަށް މުހިއްމު ކަމަށެވެ.

އެއީ ނިމިދިޔަ އިމްރާން ހާންގެ ސަރުކާރާ މުޅިން ތަފާތު ސިޔާސަތެކެވެ. އެމެރިކާއާ ދުރު ވިސްނުމެއް ގެންގުޅުއްވި، އިމްރާން ހާން ގެންދެވީ ރަޝިއާ އަދި ޗައިނާއާ ގާތް ގުޅުމެއް ބިނާ ކުރަމުންނެވެ.

ޕާކިސްތާނުގެ އާ ބޮޑު ވަޒީރުގެ މަގާމު ލިބިވަޑައިގެންފި ނަމަ، ޝެހްބާޒްއަށް ކުރިމަތިވެވަޑައިގަންނަވާނެ އެންމެ ބޮޑު މަސައްކަތަކީ އިގްތިސާދު ހަމައަކަށް އެޅުވުމެވެ.

އެނެލިސްޓުން ދެކޭ ގޮތުގައި ފުރިހަމަ މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު އެމަނިކުފާނަކަށް ނެތެޗެ. އެއީ އިދިކޮޅު ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކާއި ބޭބޭފުޅު ނަވާޒްގެ ބަސް ގަބޫލުކުރަން ފިއްތުންތައް އަންނާނެތީ އެވެ.

ނަވާޒް (ކ) އަދި ޝެހްބާޒް.
ނަވާޒް (ކ) އަދި ޝެހްބާޒް.

ނަވާޒް (ކ) ދަރިފުޅު މަރިޔަމް އަދި ޝެހްބާޒްއާ އެކު.

ކޮރަޕްޝަނުގެ ކުށް ސާބިތުވެ ޖަލުގައި ހުންނެވި ނަވާޒް ސިއްހީ ފަރުވާއަށް ދޫކޮށްލުމުން، މީގެ ދެ އަހަރު ކުރިން ލަންޑަނަށް ވަޑައިގެން އަދިވެސް ދިރިއުޅުއްވަނީ އެ ތަނުގަ އެވެ.

އިދިކޮޅު ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލް-އެން) ގެ ލީޑަރު ކަމަށް ޝެހްބާޒް ވަޑައިގެންނެވީ 2017 ވަނަ އަހަރު ނަވާޒްގެ މައްޗަށް ކުށް ސާބިތުވުމުންނެވެ.

އެއީ ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ސިއްރުން ފޮރުވައިގެން އުޅޭ ގިނަ ލީޑަރުންނާއި ނުފޫޒު ގަދަ ފަރާތްތަކުގެ ވާހަކަތައް ހާމަކުރި ޕެނެމޭ ޕޭޕާޒްގައިވާ ކަންކަމާ ގުޅިގެން އައި ހުކުމެކެވެ. ނަމަވެސް ޝަރީފް އާއިލާ އާއި އެ އާއިލާގެ ސަޕޯޓަރުން ބުނީ އެއީ ހަގީގަތެއް ނެތް، ސިޔާސީ ގޮތުން އުފުލާ ތުހުމަތުތަކެއް ކަމަށެވެ.

ނަވާޒްގެ އިތުރުން ޝެހްބާޒް އަށް ވެސް ކޮރަޕްޝަންގެ ތުހުމަތު ކުރެވެ އެވެ. ނަމަވެސް ޝެހްބާޒްގެ މައްޗަށް އެއްވެސް ކަމެއް ސާބިތުވެފައެއް ނުވެ އެވެ.

އާ ބޮޑު ވަޒީރަށް މަގާމުގައި ހުންނެވޭނީ އޮކްޓޯބަރު 2023 ވަނަ އަހަރާ ހަމައަށެވެ. އެއަށްފަހު އަނެއްކާވެސް ރައްޔިތުންގެ މެދުގައި ވޯޓެއް އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox