ރިޕޯޓުރާއެރުމުގައި 72 އަހަރު، އަދިވެސް ކުރިއަށް!

ރާއެރުމުގައި 72 އަހަރު، އަދިވެސް ކުރިއަށް!

އުމުރުން 87 އަހަރުގެ އަބްދުﷲ އަކީ މިހާރުވެސް ގަވައިދުން ރުކަށްދާ ރާވެރިއެއް. އޭނާ އެ މަސައްކަތް ފެށީ އުމުރުން 15 އަހަރުގައި

ތިނަދޫ ކަލޯބެއްޔާ، 87 ރާރުކެއްގައި މަސައްކަތްކުރަނީ. އޭނާ ރާ އަރަން ފެށީ އުމުރުން 15 އަހަރުގައި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ތިނަދޫ ކަލޯބެއްޔާ، 87 ރާރުކެއްގައި މަސައްކަތްކުރަނީ. އޭނާ ރާ އަރަން ފެށީ އުމުރުން 15 އަހަރުގައި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހަރުބަނދެފައި ހުއްޓަސް އެރުކުގެ ކުރިގަނޑަށް ދެމިގަތުމަކީ ހާދަ އުނދަގޫ ކަމެކެވެ. ރަނގަޅަށް ހަރުލައި ހުރި ފަނެއްގައި ހިފައި ދެފަން ދޭތެރެއިން އެތާ ހަމައަށް ދެމިގަތުމަށް އަމިއްލަ ހަށިގަނޑު އުފުލައިލަން ޖެހޭނީ އަތުގެ ބާރުގަ އެވެ. ރުކަށް އެރުމުގެ އެެންމެ އުނދަގޫ ބަޔަކީ މި އެވެ. ކުރިގަނޑަށް ދެމިގަތުމާއި ކުރިގަނޑުން ފޭބުމެވެ. އުމުރުން 87 އަހަރުގެ ގދ. ތިނަދޫ އާރުޒޫ، އަބްދުﷲ، ވެއެތުވެދިޔަ 72 އަހަރު، ކޮންމެ ދުވަހަކު ކުރީ އެ މަސައްކަތެވެ.

އަބްދުﷲ ނުވަތަ ތިނަދޫ މީހުން ކިޔާ ގޮތުން ނަމަ ކަލޯބެއްޔާ ބުނި ގޮތުގައި މީގެ 60 އަހަރު ކުރިން ތިނަދޫ ފަޅުކުރި ހަބަރު އޭނާ އެހީ ފަޅުރަށެއްގައި ރާވެރިކަމުގައި އުޅެނިކޮށް ރުކަކުން ވެއްޓި ފައިނބިދިފައި އޮއްވަ އެވެ. އޭނާއަކީ އޭރު އަދި އުފަންރަށް، ނަޑެއްލާގެ ރައްޔިތެކެވެ. ތިނަދުއަށް ހިޖުރަކުރީ އެރަށް އަލުން އާބާދުކުރިތާ ތިން އަހަރު ފަހުންނެވެ.

ރާވެރިކަމުގެ މަސައްކަތް ފެށީ ކޮން އުމުރެއްގައިހޭ އަހައިލީމާ އަބްދުﷲ ބުނީ އެއީ އޭނާގެ އުމުރުން އެންމެ 15 އަހަރުގަައި ފެށި މަސައްކަތެއް ކަމަށެވެ. އެ ބުނުމުގެ މައްޗަށް ހިސާބެއް ހަދާ އިރު އޭނާ ރާވެރިކަމުގައި ހޭދަކުރި މުއްދަތު 70 އަހަރު ފަހަނަ އަޅައި އެބަ ދެ އެވެ.

ތިނަދޫ ކަލޯބެއްޔާ، ރާބަތިތަކެއް ދައްކައިލަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ތިނަދޫ ކަލޯބެއްޔާ، ރާބަތިތަކެއް ދައްކައިލަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ތިނަދޫ ކަލޯބެއްޔާ، ރާބަތިތަކެއް ދައްކައިލަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އަމިއްލަ ހަލާލު މަސައްކަތުން ބަނޑުފުރާނަ މުއްތިކުރަން އޭރު ގިނަ ކުދިން މަސައްކަތަށް ނުކުންނަ އުމުރަކީ ފަނަރަ ސޯޅަ އަހަރެވެ. ބައެއް ކުދިން އެއަށް ވުރެ މާ ހަގުކޮށް ވެސް ނުކުމެ އެވެ. އަބްދުﷲ ބުނި ގޮތުގައި ރާވެރިކަން ފިޔަވައި އޭނާ ކޮންމެވެސް ވަރަކަށް ކުރި އަނެއް މަސައްކަތަކީ މަސްވެރިކަމެވެ. މީހުންނަށް އުޖޫރައަށް ރުއް ކަނޑައިދިނުމަކީ ވެސް ކޮށް އުޅުނު ކަމެކެވެ.

މިހާ ދޮށީ އުމުރުގައި ވެސް އޭނާ ފަސް ރުށް ރާކޮށްގެން ބަލަހައްޓަ އެވެ. އެ މަސައްކަތުން އޭނާ ޗުއްޓީ ނަގަނީ ރޯދަމަހު އެވެ.

އަބްދުﷲ ބުނި ގޮތުގައި މިހާ ދިގު މުއްދަތެއްގައި މަސައްކަތް ކުރި އިރު ހަނދާނުން ނުފިލާނެ އެތައް ކަމެއް ދިމާވި އެވެ. އެފަދަ އެއް ހާދިސާއަކީ ރާވެރިކަން ކުރަން ތިބި ފަޅުރަށަށް ބަޔަކު އަރައި ރުއްތަކުގައި ހުރިއްޔާ ހުރި އެއްޗެއް ކޮށާލައިގެން ގެންދިޔަ ފަހަރެކެވެ. އަނެއް ފަހަރަކީ ރުކުން ވެއްޓި ވަރަށް ބޮޑަށް ފައި ބިންދައިގެން ދިޔަ ފަހަރެވެ.

ރާވެރިކަމުގައި ކުރަން ޖެހޭ ކަންތައްތައް

ރުކެއް ރާކޮށްގެން މަސައްކަތް ކުރާނެ ގޮތް ކޮންމެވެސް ވަރަކަށް ކިޔައިދީބަލާށޭ ބުނީމާ އަބްދުﷲ ފެށީ ރުކުގައި ހަރު ބަނުމާ ހިސާބުންނެވެ. އެއީ ރާބަދިތަކާއި ކަންފަތި ހިފައިގެން ފަސޭހައިން ރުކަށް އަރައި ފޭބުމަށް ކުރަން ޖެހޭ ކަމެކެވެ. ހަރު ބަނުމަށް، ހުވަދޫ މީހުން ކިޔާ ގޮތުން ނަމަ ތުޅާ ބަންނަން ބޭނުންކުރަނީ ކުރެއްޖެވެ. އެއީ ރާއްޖޭގެ ރަށްރަށުން ލިބެން ހުންނަ އެންމެ ހަރު ލަކުޑި އެވެ.

ކާފަމެން ކިޔައިދީފައިވާ ގޮތުގައި ރާކުރާނެ ރުއް ނިންމުމަކީ ހަރުބަނުމުގެ މާކުރިން ކުރަން ޖެހޭ ކަމެކެވެ. އެ ރުކަކީ ރާވެރިކަމަކަށް ރަނގަޅުވެދާނެ ރުކެއްކަން ކަނޑައަޅަން ބަލާ ކަންތައްތަކެއް ހަގީގަތުގައި ހުރެ އެވެ. އެކަމަކު އަބްދުﷲ އެ ތަފްސީލަކަށް ނުދެ އެވެ. އޭނާ ބުނީ ރުއް ރަނގަޅުކަން ނުވަތަ ނޫންކަން އެނގޭނީ އެއް ކޮށައިގެން މަަސައްކަތް ކޮށްލީމަ އެވެ.

"ހަރު ބަންނާނީ ގާތްގަނޑަކަށް ދޮޅުފޫޓުން، ދެފޫޓުން،" އޭނާ ބުންޏެވެ.

އިހުގައި ހަރު ބަންނަނީ ރޯނުންނެވެ. މިހާރު އެކަމަކު އެއީ ކޮންމެހެން ރޯނަކަށް ވާކަށް ނުޖެހެ އެވެ.

ރާކުރުމަށް ޓަކައި ކޮށާނީ ކިހާވަރެއްގެ އެތެއްހޭ އެހީމާ އަބްދުﷲ ބުނީ އެއީ ހިލަތޮށި ނުލާވަރުގެ ޅަ އެތެއް ކަމަށެވެ.

"ދެން އެ އެތުގެ ބޯ [އެތުގެ ކޮޅު] ކަނޑާފައި ރާވަޅިން [ކަންފަތިން] މިހެން ތަޅަނީ، " އަތުގެ އިޝާރާތުން ދައްކައިލަމުން އޭނާ ބުންޏެވެ.

ދެން އެ އެތުގައި އޮޅާނީ އިހުގައި ނަމަ ކަށިކެޔޮ ފަތެވެ. އެކަމަށް ބޭނުންކުރާ ކަށިކެޔޮފަތް ތައްޔާރުކުރުމަކީ ވެސް ވަރަށް ބޮޑު މަަސައްކަތްތެކެވެ. ހެޔޮވަރުގެ ފުޅާމިނެެއްގައި، ފަށްފަށަށް ނަގާފައި ހުންނަ ކަށިކެޔޮ ފަތް ހުންނީ ފަސޭހައިން އޮޅޭ ގޮތަށް ހާނައިފަ އެވެ. މިހާރުގެ ރާވެރިން އެކަމަކު އެ ބުރައެއް ނޫފުލަ އެވެ.

މިހާރު ބޭނުންކުރާ އެއްޗަކީ މިހިރީއޭ ބުނީމާ ބަލައިލި އިރު އެއީ ތަރަފާލެވެ. ކަށިކެޔޮފަތާ މިއާ ހުންނަ ތަފާތަކީ ކޮބައިހޭ އެހީމާ އަބްދުﷲ ބުނީ ތަރަފާލު އޮޅީމާ ކަށިކެޔޮފަތް ލުމަށް ވުރެ ހޫނުވާނެ ކަމަށެވެ. އެކަމަކު ލިބޭ ރަލުގެ ފެންވަރަށްް އެކަމުން ބަދަލެއް ނާދެއޭ ވެސް އޭނާ ބުންޏެވެ.

ތިނަދޫ ކަލޯބެއްޔާ، އެތެއް އޮޅަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ތިނަދޫ ކަލޯބެއްޔާ، އެތެއް އޮޅަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ތިނަދޫ ކަލޯބެއްޔާ، އެތެއް އޮޅަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެކަމަކު މިކަމުގައި އަހަރެމެންގެ އަމިއްލަ ވިސްނުުމުން ދެނެގަނެވިދާނެ ކަމެއް އެބަ އޮތެވެ. ހޫނުވުމަކީ ގައިމުވެސް އެތް އަވަހަށް ހަލާކުވާނެ ކަމެކެވެ. އެތް ތަޅައި ފަތް ނުވަތަ ސަތަރި އޮޅުމަށް ފަހު އެތުގެ ކޮޅުގައި ހަރުކުރާނީ އިހުގައި ނަމަ ބައްޖެވެ. އެކަމަކު އަބްދުﷲ މިހާރު ގެންގުޅެނީ މޫދުގައި ގެންގުޅޭ ޒާތު ބޮއި ބޮ އެވެ.

އެ މަސައްކަތްތައް ކޮށް އެތެއް ރާކުރެވުނީމާ ދެން އޮންނާނީ ދުވާލު ދެއިރު ރުކަށް އަރައި ރާ ބޭލުމާއި ރުއް ސާފުކޮށް ބެލެހެއްޓުމެވެ. ރާތިކި ނުފާއްދާ ނަމަ އެތުން ކޮންމެވެސް ވަރެއް ކޮށައިލާނީ އެވެ.

މިހާރު ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ ކަމެއް

އަބްދުﷲ މެންގެ ޒުވާން އުމުރުގައި ފަޅުރަށްރަށުގައި ރުއް އަރަން އުޅުނު އިރު ދިވެހި ހަކުރަށް މާ ރަނގަޅު އަގެއް ނުލިބެ އެވެ. އޭރުގައި އެއީ ކޮންމެ ރަށެއްގައިމެ ކުރާ މަސައްކަތަކަށް ވުމަކީ އޭގެ އެއް ސަބަބެވެ. އޭރުގައި އެއް ފަހަރާ 25، 30 ރުއް ބެލެހެއްޓި ނަމަވެސް މިހާރު ލިބޭ ވަރުގެ އާމްދަނީއެއް ހަގީގަތުގައި ނުލިބޭކަން އޭނާގެ ވާހަަކައިން އެނގުނެވެ.

ރާކެއްކުމާއި ރާވެރިކަމުގެ އެހެން މަސައްކަތްތަކުގައި ވެސް އަބްދުﷲ އަށް އެހީތެރިވެދޭ، އޭނާގެ އަންހެނުން، ޝަރީފާ ގާސިމް ބުނި ގޮތުގައި މިހާރު ދެލީޓަރުގެ ހަކުރުފުޅިއެއްގެ އަގަކީ އާއްމު ގޮތެއްގައި 350.ރ އެވެ. އެކަމަކު ބައެއް ފަހަރު އެވަރުގެ ފުޅިއެއްގެ އަގު 400.ރ އަށް ވެސް އަރަ އެވެ.

ކަރުހަކުރަށް ހަދައިފިއްޔާ އަދި މާރަނގަޅު އަގެއް ލިބޭނެ އެވެ.

މިއީ މިހާރަށް ބަލަންޏާ ކުރަން ރަނގަޅުކަމެއްހޭ އެހީމާ ދެމަފިރިން އެއް އަޑަކުން ބުނީ މިއީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ. އެކަމަކު އަބްދުﷲ ގެ ވެސް އަދި އަހަރެމެން އެންމެންގެ ވެސް ހިތާމައަކީ މި މަސައްކަތް ދަސްކުރަން ޒުވާންކުދިން ނޫޅޭކަމެވެ.

މުހައްމަދު ނަސީމް

ސީނިއާ ޖާނަލިސްޓް

މުހައްމަދު ނަސީމް ނޫސްވެރިކަމުގެ ކެރިއަރު ފެށީ 2006 ވަނަ އަހަރު އެވެ. އޭނާ އަކީ ބޭރު ދުނިޔޭގެ ހަބަރުތަކާއި ރާއްޖޭގެ ސިޔާސީ ހަބަރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ހަބަރުތައް ކަވަރުކުރުމުގައި ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ "ޖަޒީރާ"، "ސަން"، "އަވަސް" އަދި "މިހާރު" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox