ބިން ހިއްކައިގެން ހއ. ހޯރަފުށީގެ އެއާޕޯޓް ހެދި ފަހުން ރަށް ގިރުމުގެ މައްސަލަ ދިމާވާތީ އެ ރަށާއި އެއާޕޯޓާ ދެމެދު ކޯޒްވޭއެއް އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.
ހޯރަފުށީ އެއަޕޯޓް ތަރައްގީކުރުމަށް ހޯރަފުށީގައި މީގެކުރިން ހިއްކާފައިވާ ބިމާއި ފަޅުން ބޮޑު ބިމެއް އިތުރަށް ހިއްކައިގެން އެއާޕޯޓް މި ސަރުކާރުން އެޅި އެވެ. ނަމަވެސް, އެއާޕޯޓް އެޅުމަށް ހިއްކި ސަރަހައްދާއި ހޯރަފުށި ގުޅާލާފައިވުމުގެ ސަބަބުން ހޯރަފުއްޓާއި އެއާޕޯޓް ހިމެނޭ ސަރަހައްދު ވެސް ގިރުމުގެ މައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ.
މިމައްސަލަ ހައްލުކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއި އެމްޓީސީސީ ގުޅިގެން ވަނީ މަސައްކަތް ފަށާފަ އެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ހޯރަފުށީ ގިރާ މައްސަލަ ހައްލުކުރުމަށް ހޯރަފުއްޓާއި އެއާޕޯޓް ހިމެނޭ ސަރަހައްދު ކަނޑާލާ ކޯޒްވޭއަކުން ދެރަށް ގުޅާލުމަށް ނިންމާފައިވާ ކަމަށެވެ. އެކަން ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އާޒިމް ވިދާޅުވި ގޮތުގައި އޭގެ އަމަލީ މަސައްކަތް ޖޫން މަހުގައި ފެށޭނެ އެވެ.
މި ބަދަލު ގެންނަން ނިންމާ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު ހޯރަފުށީ އެއާޕޯޓްގެ ރަންވޭގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. 360 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަޝްރޫއަކީ 90.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ހޯރަފުށީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރެވުނީ ނޮވެމްބަރު 6، 2020 ވަނަ ދުވަހު އެވެ.
titledesc













