ހަނދާއި ފާނޫޒު އަދި ކަރާ

ހަނދާއި ފާނޫޒު އަދި ކަރާ

ރޯދަމަސް ފެށެން ކައިރިވަމުންދާވަރަކަށް ރޯދަ ސޭލްތަކާއި ރޯދަ ޕްރޮމޯޝަންތަކާއި މާހެފުންތައް އިތުރުވެއެވެ. މިއިން ކޮންމެ ހަރަކާތެއް ކުރިއަށްގެންދާއިރުވެސް، މަންޒަރު ރީތިކޮށް، މެހެފިލު ޒީނަތްތެރިކުރުމަށް ނުވަތަ ރޯދަ ޕްރޮމޯތަކާއި ސޭލްތައް އިޝްތިހާރުކުރުމަށް، ރޯދަ މަހަށް ޚާއްޞަ ނިޝާންތަކެއް ގެންގުޅެއެވެ. ބައެއް ފަހަރު ތަރި އާއި ހަނދުފަޅިއެވެ. އަނެއްބައި ފަހަރު ކަރަލެވެ. މިފަހަކަށް އައިސް ރޯދަމަހުގެ ރަމްޒެއްގެ ގޮތުގައި ފަތިފައްޗަށް އެލުވާފައި ހުންނަ ފާނޫޒުވެސް ބޭނުންކުރެއެވެ. މިތަނުން ބައެއް ނިޝާންތަކަކީ އަޅުގަނޑުމެންނަށް ދެކެ ފަރިތަ، އަދި އެ ނިޝާން ރޯދަމަހާ ގުޅޭ ގޮތްވެސް އެނގޭ ނިޝާންތަކެވެ. އެހެންނަމަވެސް ބައެއް ރަމްޒުތައް ބޭނުންކުރާ ސަބަބާމެދު ކޮންމެވެސް ވަރަކަށް ސުވާލު އުފެދެއެވެ.

ހަނދުފަޅި ތޯއެވެ؟ މިއީ މާ ބޮޑު ބަޙުޘަކަށް ދާންޖެހޭ މަޢުޟޫޢެއް ނޫނެވެ. މާތްވެގެންވާ ރަމަޟާން މަހަކީ ހިޖުރީ ކަލަންޑަރުން ބަލާ ދުވަސްވަރެކެވެ. މުލަ ރޯދަ ދުވަސް ކަނޑައަޅަކީ ރަމަޟާން މަހުގެ ހަނދު ސާބިތުކޮށްގެންނެވެ. ކުރީޒަމާނުގައި ދިވެހިންނަކީ ކޮންމެ މަހަކަށްވެސް ހަނދުބަލައި އުޅުނު ބަޔެކެވެ. "ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ" މި ފޮތުގައި މިކަމާ ބެހޭގޮތުން ލިޔުއްވާފައިވެއެވެ.

"ކޮންމެ މަހަކަށް ހަނދުބަލާ ރެޔަކީވެސް ކުޑަކަހަލަ ޢީދެކެވެ. ކޮންމެ މަހަކަށް ހުޅެވިހަނދު ފެނުމުން އެބައިމީހުން އުފާވެރިކަމާއެކު ހިންގާ އާދަކާދަތަކެއް އޮވެއެވެ. އެއީ ބޮޑެތި ނާށިތައް ފުރާ ދޮންވެލިއަޅައިގެން އޭގާ މީރުވަސްދުވާ އެއްޗެތި އެންދުމެވެ. މިއަށް މާވަހަރާ ލާދަނާ އަދި އެނޫންވެސް މީރުވަސްދުވާ ލަކުޑިތައް އަޅައިގެން ދުންބުރުވުމެވެ."

އެހެންނަމަވެސް އޭރުވެސް ރަމަޟާންމަހަށް ހަނދުބެލުން ޚާއްޞަ ވާކަން ޕިރާޑުގެ ފޮތުންވެސް ސާބިތުވެއެވެ.

"ހަނދުބަލާރޭ އެ ހޯދައިގެން އެހެން މީހުންނަށް ދައްކާން އެބައިމީހުން ވަރަށް ފޯރީ ހުރެއެވެ. ހަނދު ފެނުމާއެކު ރަދުންގެ އަމުރުފުޅަށް ބޮޑުބަޑިޔާއި ކުދިބަޑި ޖަހައެވެ. އަދި ބެރުދުންމާރިއާއި ތާޅަފިލިން ލަވަތައް ކުޅެއެވެ. މިއީ ކޮންމެ މަހަކަށް ހަނދުބަލާރޭގެވެސް އާދައެވެ. އެކަމަކު މަތީގައި އަހަރެން ބުނި މޮޅު 4 މަހަށް ހަނދުބަލާރޭ އެކުޅިވަރު އަދި މާ ބޮޑުވާނެއެވެ. މީގެ ތެރެއިން އެންމެ ބޮޑީ ރޯދައަށް ހަނދުބަލާ ރެއެވެ."

އިސްލާމީ ހުރިހާ ކަމެއްގައިވެސް، އިސްލާމީ ޤައުމުތަކުގެ ދިދައިން ފެށިގެންގޮސް، އިސްލާމީ ގިނަ އިޙުތިފާލުތަކުގައި ހަނދު ބޭނުންކުރެއެވެ. ހަނދުފަޅި އާއި ތަރި އެކުގައި ފެންނަ ނިޝާންވެސް ބޭނުންކުރެއެވެ. އޭރާއި މިހާރުގެ އިސްލާމީ ލީޑަރުންގެ ނިޝާނެއްގެ ގޮތުގައިވެސް މި ހަނދުފަޅިއާއި ތަރި ބޭނުންކުރެއެވެ. އެހެންކަމަށްވާހިނދު ރަމަޟާން މަހާ އެންމެ ގުޅޭ ނިޝާނަކީ ހަނދުކަމަށް ގިނަ ބަޔަކު ދެކޭތީ ހައިރާން ވާކަށް ނުޖެހެއެވެ.

އުޑުން ފައިބާ ބިމުގައި ފައިޖައްސާލަމާހެއްޔެވެ؟ މި ފަހަރު ތޮއްޑޫ ކަރާ ދަނޑުތަކުގައެވެ. ދިވެހިންނަށް ރޯދަމަހާއި ކަރަލާ ނުގުޅުވައި ވާކަށް ނޯވެއެވެ. މިދިޔަ ދެ އަހަރު، ކޮވިޑުގެ ބަލިމަޑުކަމާއި އެއާ ވިދިގެން އައި ތަދުކަމުގެ ތެރޭގައި މީރު މޭވާއެއްގެ ފަނިފޮދެއް ބޯލަން ލިބުނީ ވަރަށް ބޮޑު އަގުގައެވެ. ކަރާފަނި ފޮދަކާ ނުލައި ރޯދަމަސް ނިންމާލަން ޖެހުނު އެތައް ބައެއްވެސް ތިއްބެވެ. ދިވެހިންނަށް ރޯދަމަހަށް ކަރާ މުހިއްމު ވާކަމާ މެދު ސުވާލެއް ނެތެވެ. ސުވާލު އުފެދެނީ ސަބަބާ ބެހޭ ގޮތުންނެވެ.

އެއް ސަބަބަކީ ފަނިގިރޭ މޭވާގެ ބާވަތްތަކުގެ ތެރެއިން ދިވެހި ފަސްގަނޑުގައި އެންމެ ގިނައިން ހެއްދޭ އެއް ބާވަތަކީ ކަރާ ކަމަށް ވުމެވެ. ކަރަލަށް ބާޒާރުގައި އޮންނަ ޑިމާންޑު ބޮޑުކަމުން، ކަރާ ހެއްދުމަށްވެސް ތޮއްޑޫ އަދި ގޮއިދޫ ފަދަ ރަށްރަށުގައި މުޅި އަހަރު ބުރަ މަސައްކަތްތައް ކުރަމުންދެއެވެ.

ރޯދަމަހާ ދިމާކޮށް ކަރާ ޚާއްޞަ ވަނީ ހަމައެކަނި އަޅުގަނޑުމެންނަށް ދިވެހީންނަށޭ ހީވެފައިވާނަމަ އެއީ ކުށް ހީ އެކެވެ. ޓްރޮޕިކަލް ގިނަ ޤައުމުތަކުގައި ރޯދަމަހު، ހަށިގަނޑުން ފެން މަދުވާ މައްސަލަ ފޫބެއްދުމަށް ގެންގުޅޭ މުޖައްރިބު ފަރުވާ އަކީ ހަމަ ކަރަލެވެ. ފެން އިތުރުކޮށްދިނުމުގެ އިތުރުން ގަދަ އަވީގެ ސަބަބުން ދިމާވާ އެކި ސިއްޙީ މައްސަލަތަކަށްވެސް މިއީ ޙައްލަކަށް ފުދެއެވެ. އެހެންކަމުން ރޯދަމަހާ ކަރަޔާ އޮންނަނީ އެއްބަނޑު އެއްބަފާ ގުޅުމެކޭ ދެންނެވިދާނެއެވެ. މި ގުޅުމުގެ ސަބަބުންކަންވެސް ނޭނގެއެވެ. ޝަޢުބާން މަހަށް ހަނދުބެލީއްސުރެ، އެކި ޒާތްޒާތުގެ ކަރާ ޖެހި އިޝްތިހާރުތައް ފެންނާން ފަށަނީ ރަމަޟާން ގާތްވެއްޖެކަމުގެ އިންޒާރު ދެމުންނެވެ.

ދެން މިއޮތީ ފަހަކަށް އައިސް ރަމަޟާން މަހާ ގުޅުވައިގެން ދިވެހިން ގެންގުޅެން ފަށާފައިވާ ނިޝާނެކެވެ. ފަތިފައްޗަށް އެލުވާފައި ހުންނަ ފާނޫޒުގެ ކުރެހުންތަކާއި ފޮޓޯތަކެވެ. ޢާއްމުކޮށް މި ފެންނަނީ ރަމަޟާނާއި ގުޅުންހުރި އެކި ވައްތަރުގެ ގްރެފިކްސްގެ ތެރެއިންނެވެ. މި ފޮޓޯތަކުން ފެންނަ ފާނޫޒުތަކުގެ ނަރު ދުނިގަނޑު ހުންނަނީ ވަރަށް ރީތި ގޮތްގޮތަށް ކޮށާ، މަށާ އޮޅާފައެވެ. އަދި އެ ދުނިގަނޑު، ކުލަކުލައިގެ މަޑިކަރުދާހުން ޒީނަތްކޮށްފައި ހުންނައިރު، ފީތާގައި ރޯކޮށްފައި ހުންނަ ހުޅުކޮޅު، އެ ކަރުދާސްތަކުގެ ތެރެއިން ފޭދިގެން އަންނަ އިރު ހީވަނީ ފާނޫޒެއްގެ ތެރޭ އޮއްސެންދާ އިރު ބަންދުކޮށްފައި އިންނަ ހެންނެވެ. ކިތައްމެ ރީތި މަންޒަރެއްކަމުގައިވިޔަސް، އަލިކަމާއި ރޯދަމަހާ އޮތީ ކޮން ގުޅުމެއްތޯ ހިތަށް އަރާފާނެއެވެ.

ދިވެހިންގެ މާޒީއަށް ދަތުރުކޮށްލަމާތޯއެވެ. ފަންނިއްޔާތާއި މުވާސަލާތުގެ ރޮނގުތަކުގައި ދިވެހިން އަދި ފިރުކެމުންދިޔަ ޒަމާނެވެ. ރަމަޟާން މަހަށް ހަނދު ފެންނަ ރަށެއްގެ މީހުން އެކަން، އެހެން ރަށްރަށަށް މުވާސަލާތުކުރާނީ ކިހިނެތްތޯއެވެ؟ އާދަމް ޢަބްދުއްރަޙުމާން، "ދިވެހި ދިރިއުޅުމުގެ ތެރެއިން" މި ފޮތުގައި ސިފަކުރައްވައެވެ.

"ހަނދުބަލާރޭ ހަނދުބަލަން ނުކުންނަށް ގޮވާއިރު އަންގާ ވަރަށް ވަރުގަދަ އެންގުމެއް އޮވެއެވެ. އެއީ އެ ރެއަށް އިރުއޮއްސުމަށްފަހު ހަނދު ސާބިތުވެގެން ނޫނީ އިރުއެރުމުގެ ކުރިން އެއްވެސް ގެއަކުން ނުވަތަ ބަދިގެއަކުން އަލިކަމެއް ބޭރަށް ނުނެރުމުގެ އަމުރެވެ. ބޭރަށް އަލި ނުދެއްކުމަށް އަންގާ އެންގުމެވެ. އެފަދަ ކަމެއް ކޮށްފި މީހަކަށް އަދަބު ލިބޭނޭކަމަށް ގޮވާގޮވުމެވެ. މި އެންގުން އަންގަން ޖެހެނީ އެދުވަސްވަރު އެއްވެސް ރަށަކަށް ހަނދު ފެނިއްޖެނަމަ އެހެން ރަށްރަށަށް އެކަން އެންގުމަށްޓަކައި ކުރާ ހަނިހަންޏަކީ ނުވަތަ އިޝާރާތަކީ ހުޅުއެޅުން ކަމަށް ވާތީއެވެ. ހުޅުއެޅުމަކީ ރަށުގެ ވަށައިގެން އަލި ފެންނަ ފަށުގައި ހުންނަ ރަށްރަށަށް އަލިދެއްކުމަށްޓަކައި ހުޅުފަން ތައްޔާރުކޮށް އޭގައި އަލިފާން ރޯކޮށްގެން މައްޗަށް ނަގައި ތިރިކޮށް އަދި ފަރާތްފަރާތަށް އަލިފާން ހުޅު ހޫރުމެވެ. މީގެ އިތުރުން އަލިފާންގަނޑު ރޯކޮށްގެން އަލިފާން އަންދާވެސް ހަދައެވެ. މީގެ މާނައަކީ އެރަށަށް ހަނދު ފެނުނީއެވެ."

މިއީ ދިވެހިން ކަންކޮށް އުޅުނުގޮތެވެ. ފާނޫޒުން ނޫނަކަސް، ރަމަޟާން މަހުގެ އިޢުލާނަކަށް އިހުގައި ބޭނުންކުރީ އަލިކަމެކެވެ. އެހެންނަމަވެސް މިހާރު މި ފެންނަ ފާނޫޒުތަކުގެ އަސްލަކީ އިސްލާމީ އެހެން ޤައުމެއްގެ އަސްލެއް ކަމަށް ބެލުން މާ ބުއްދިވެރިއެވެ. ޢަރަބީންގެ ފޮތްފޮތުގައި މި އާދަކާދައިގެ ފެށުން ކަމަށް ބުނަނީ 12 ވަނަ ޤަރުނުގައި ހިނގި ހާދިސާއެކެވެ. ޙިޖުރައިން 358 ވަނަ އަހަރުގެ މުލަ ރޯދަ ވިލޭރޭ، ޚަލީފާ އަބޫ ތަމީމް މަޢަދު އަލް މުޢިއްޒު ލި ދީނިﷲ މިސްރުގެ ޤާހިރާއަށް ވަޑައިގަތުމުން، އިސްތިޤުބާލުގައި ނިކުތް ކުދި ބޮޑު ރައްޔިތުން މަގުތަކަށް ނިކުތް ކަމަށް ވަނީ އެކިކުލަކުލައިގެ ފާނޫޒު ހިފައިގެން ކަމަށްވެއެވެ. އެ ރޭ އެ ފާނޫޒުތަކުގެ ސަބަބުން މަގުތަކަށް ގެނައި އުޖާލާކަން ފެނި، ކޮންމެ މުލަ ރޯދަ ވިލޭރެއަކުވެސް މަގުތަކާއި ގެތަކުގައި ފާނޫޒު އެލުވުމުގެ އާދަ ފެށުނީއެވެ. މިއަދު މި ފާނޫޒު، މިވަނީ ރަމަޟާން މަސް އިޢުލާންކުރާ ނިޝާންތަކުގެ ތެރޭގައެވެ. މިއީ މިޞްރަށް އުފަން އާދަކާދައަކަށް ބަރޯސާވާ، އެހެންނަމަވެސް މިހާރު މުޅި އިސްލާމީ އުއްމަތަށް ބަވަނަވެފައިވާ ނިޝާނެއް ކަމުގައި މިއަދު މިވަނީ ވެފައެވެ.

މި ފަދަ ނިޝާންތަކެއްގެ އަސްލު ހޯދައި، "ކަން ބެލުމަކީ" ވަގުތު ތަކެއް ބޭކާރުކުރުންކަމުގައި ދެކޭ ބަޔަކުވެސް އުޅުން އެކަށީގެންވެއެވެ. އެހެންނަމަވެސް، އަޅުގަނޑު ދެކެނީ ކޮންމެ ކުރެހުމެއްގައިވެސް، ކޮންމެ ލަފުޒެއްގައިވެސް ފޮރުވިފައިވާ އަޞްލަކާއި، މާނައަކީ މަޤުޞަދެއް އޮންނަ ހިނދު، އެ އެއްޗެއް ހޭލުންތެރިކަމާއެކު ބޭނުންކުރުން މުހިއްމު ކަމުގައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox