ކީރިތި ގުރުއާނުގައި މުޅި އިންސާނިއްޔަތާ މުހާތަބުކުރެވިފައިވާ އާޔަތްތަކުގެ ތެރެއިން ހަ އާޔަތެއްގައި، މާތް ﷲ ރަސޫލަކު ފޮނުއްވިކަމާއި އިތުރު އެކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވީ މާތް ﷲ ގެ ރިސާލަތާ އެކުގައިކަމަށް ބަޔާންކުރައްވަ އެވެ. މުޅި އިންސާނިއްޔަތާ މުހާތަބުކުރެވުނު 19 އާޔަތުގެ ތެރެއިން ހަ އާޔަތް ޚާލިޤްވަންތަ ކަލާނގެ ބުނެދިނުމަށް ހާއްސަކުރައްވާފައިވާ ފަދައިން، ހަ އާޔަތެއް ރަސޫލުކަމާއި ރިސާލަތުގެ ވާހަކައަށް ހާއްސަކުރެވިފައި ވެއެވެ. މުޅި އިންސާނިއްޔަތާ މުހާތަބުކޮށް އައިސްފައިވާ އެއާޔަތްތަކަށް ތަފުސީލީ ނަޒަރުން ބަލާލުމަކީ މިމަޒުމޫނުގެ ބޭނުމެވެ.
ދެންނެވުނު އާޔަތްތަކަށް ވިސްނާފިކުރުކުރާއިރު، އެއްކަމަކަށް އަންގަވާފައިވަނީ، އިންސާނުންނަށް ތެދުމަގު ދެއްކެވުމަށް ﷲ ރަސޫލަކު ފޮނުއްވާފައިވާކަމެވެ. އަދި އެރަސޫލާއަކީ އެކަލާނގެ ފޮނުއްވި އެކަލާނގެ ރަސޫލާކަން ގަބޫލުކުރުމަށް އިންސާނިއްޔަތަށް އަންގަވާފައިވެ އެވެ. އަންނިސާއު ސޫރަތުގެ 170 ވަނަ އާޔަތުން ބައެއްގައި ވެއެވެ. "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޒުރަތުން ހައްގު ދީނާއިގެން ރަސޫލާ ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފި އެވެ. ފަހެ، ތިޔަބައިމީހުން އީމާންވާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ..."
ރަސޫލުކަމާއި ރިސާލަތުގެ ވާހަކަ ބަޔާންކުރައްވައި މުޅި އިންސާނިއްޔަތަށް ގޮވާލެވުނު އާޔަތްތަކުގައި ކީރިތި ރަސޫލާ ސިފަކުރައްވާފައި ވެއެވެ. އަންނިސާއު ސޫރަތުގެ 174 ވަނަ އާޔަތުގައި "ބުރްހާން" ގެ ލަފުޒުން މާނަވެވޭ ހުއްޖަތަކީ މާތް ނަބިއްޔާކަމުގައި ބައެއް ތަފްސީރު އިލްމުވެރިން ވިދާޅުވެފަ އެވެ. އެކަލާގެފާނަކީ ފާޅުވެ ބަޔާންވެގެންވާ ހުއްޖަތަކަށްވަނީ ނަބީކަމުގެ އަލާމާތްތައް އިތުރު އެކަލޭގެފާނުގެ ކިބައިން ފާޅުވާތީ އެވެ. އެގޮތުން ހާމަޔަށް ފާޅުވި އެންމެ ބޮޑު އަލާމާތަކީ އިތުރު އެކަލޭގެފާނަކީ އުންމިއްޔަ (ލިޔަންކިޔަން އެނގިވަޑައިނުގަންނަވާ) ނަބިއްޔާކަމުގައިވުމާއެކު، އިތުރު އެކަލާގެފާނުގެ އެންމެ ބޮޑު މުއުޖިޒާތުގެ ގޮތުގައި ލެއްވި ކީރިތި ގުރުއާނެވެ. އަލްއަޢުރާފު ސޫރަތުގެ 158 ވަނަ އާޔަތުގައި ރަސޫލާއަކީ އުންމިއްޔަ ނަބިއްޔާގެ އިތުރުން، އެކަލޭގެފާނީ ﷲ ގެ ބަސްފުޅުތަކަށް އީމާންވާ ނަބިއްޔާގެ ގޮތުގައި ސިފަކުރައްވާފައިވެ އެވެ. އަދި އަލްޙައްޖު ސޫރަތުގެ 49 ވަނަ އާޔަތުގައި އިތުރު އެކަލާގެފާނަކީ އިންޒާރުކުރައްވައި ބޭކަލަކުކަމުގައި ސިފަކުރައްވާފައި ވެއެވެ.
އަލްއަޢުރާފް ސޫރަތުގެ 158 ވަނަ އާޔަތާއި، ޔޫނުސް ސޫރަތުގެ 108 ވަނަ އާޔަތާއި، އަލްހައްޖު ސޫރަތުގެ 49 ވަނަ އާޔަތުގައި، މާތް ﷲ މުހާތަބުކުރައްވާފައިވަނީ، އެކަލާނގެ ރަސޫލާއަށެވެ. އެކަމަކު އެންމެހާ މީސްތަކުންނަށް ވަކި މެސެޖްތަކެއް ދެއްވުމަށް އިރުޝާދު ދެއްވައި، އިސްލާމީ ދައުވަތުގެ އަސާސްތައް ބަޔާންކޮށްދެއްވާފައިވެ އެވެ. އަލްއަޢުރާފު ސޫރަތުގެ 158 ވަނަ އާޔަތުގައިވަނީ، "ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް ﷲ ފޮނުއްވި ރަސޫލާ އެވެ. އެކަލާނގެއީ، އުޑުތަކާއި ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެ އެވެ. އެކަލާނގެ މެނުވީ އިލާހަކު ނުވެ އެވެ. ދިރުއްވަނީ ވެސް އަދި މަރުގަންނަވަނީ ވެސް، އެކަލާނގެ އެވެ. ފަހެ، ﷲ އަށާއި އުންމިއްޔަ ނަބިއްޔާ ކަމުގައިވާ އެކަލާނގެ ރަސޫލާ އަށް ތިޔަބައި މީހުން އީމާންވާށެވެ! އެ ކަލޭގެފާނީ ﷲ އަށާއި އެކަލާނގެ ބަސްފުޅުތަކަށް އީމާންވާ ނަބިއްޔާ އެވެ. އަދި ތިޔަބައިމީހުން، އެ ކަލޭގެފާނަށް ތަބާވާށެވެ! (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކަ އެވެ."
އަދި ޔޫނުސް ސޫރަތުގެ 108 ވަނަ އާޔަތުގައިވެ އެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޒުރަތުން، ތިޔަބައިމީހުންގެ ގާތަށް ހައްގު އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، ތެދުމަގު ލިބިގެންފި މީހަކު ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އެ މީހެއްގެ އަމިއްލަ ނަފުސަށެވެ. އަދި މަގުފުރެދިއްޖެ މީހަކު މަގުފުރެދޭކަން ކަށަވަރީ، އެ މީހެއްގެ އަމިއްލަ ނަފުސުގެ މައްޗަށެވެ. އަދި ތިޔަބައިމީހުންގެ ކަންތައްތައް ހަވާލުކުރައްވާފައިވާ ވަކީލަކު ކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ."
އަދި އަލްޙައްޖު ސޫރަތުގެ 49 ވަނަ އާޔަތުގައި ވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ތިމަންކަލޭގެފާނު ވާކަން ކަށަވަރީ، ތިޔަބައިމީހުންނަށްޓަކައި ހުންނެވި އިންޒާރު ކުރައްވާ ބޭކަލަކުކަމުގަ އެވެ."
އިސްލާމީ ދައުވަތުގެ އަސާސްތައް މިއާޔަތްތަކުގައި ބަޔާންވެފައި އެވަނީ އެވެ. އެއަސާސްތަކުގެ މައްޗަށް ދައުވަތުދެއްވުމަށް މާތް ﷲ އެކަލާނގެ ނަބިއްޔާއަށް އެވަނީ އަންގަވާފަ އެވެ. އެއްކަމަކީ، އުޑުތަކާއި ބިމުގެ ވެރިކަން މިލްކުވެގެންވަނީ ﷲ އަށްކަން ބަޔާންކޮށްދިނުމެވެ. ދެވަނަ ކަމަކީ، އެކަން އެހެން އޮތްހިނދު އެކަލާނގެ ފިޔަވައި އަޅުކަން ކުރަންޖެހޭ އެހެން ފަރާތެއް ނުވާކަން ބަޔާންކޮށްދިނުމެވެ. ތިންވަނަ އަސާސަކީ، ދިރުއްވުމާއި މަރުގެންނެވުމުގެ ބާރު ވަނީ ﷲ އަށްކަން އަންގައިދިނުމެވެ. ހަތަރުވަނަ އަސާސަކީ، ފާޅުވެގެންވާ ސީދާ ހައްގުކަމުގައިވާ ކީރިތި ގުރުއާން، ﷲ ގެ ހަޒުރަތުން އަތުވެއްޖެކަން ބުނެދިނުމެވެ. ފަސްވަނަ އަސާސަކީ، ތެދުމަގު ލިބިގަނެގެން ފައިދާވާނީ، އަދި މަގުފުރެދިގެން ގެއްލުންވާނީ ހަމަ ތިމާއަށްކަން ބަޔާންކޮށްދިނުމެވެ. ހަވަނަ އަސާސަކީ، ދައުވަތުދޭ މީހާ ދެނީ އިންޒާރުކަން ބަޔާންކޮށްދިނުމެވެ. އަދި ހަތްވަނަ އަސާސަކީ، އެމީހުން އީމާން ނުވިޔަސް އެކަމުގެ ގެއްލުމެއް ދައުވަތުދޭ މީހާއަށް ނެތްކަން އެމީހުންނަށް އަންގައިދިނުމެވެ.
އިސްލާމްދީން ގަބޫލުނުކުރާ މީހުންނަށް ދައުވަތުދިނުމުގެ އަސާސްތައް ބިނާކުރަންވާނީ މިދެންނެވުނު ކަންކަމުގެ މައްޗަށެވެ. އެއީ ދިވެހިރާއްޖޭގައި އުޅޭ ދިވެހިން ކަމަށް ވިޔަސް ވެހެވެ. އިސްލާމްދީނުގައި ވަކިކަމެއް ހަރާންވަނީ ކީއްވެތޯ ބުނެ އިސްލާމްދީނާމެދު ސުވާލު އުފައްދާ މީހާއަށް އެކަމެއް ހަރާންވުމުގެ ސަބަބުތައް ކިޔައިދިނުމުގެ ބަދަލުގައި، އެމީހަކު އިސްލާމްދީނާމެދު ސުވާލު އުފައްދާނަމަ ދައުވަތު ބައްޓަންކުރަންވީ އަސާސްތައް މިއޮތީ އެވެ.
ދިގުލައިގެންދާ ކޮޅެއްގައި ނުޖެހޭ ޖަދަލުތަކުގައި ބައިވެރިވުމަކީ އޮތްކަމެއް ނޫނެވެ. ސާފުކޮށް ބުނެދޭށެވެ. މިއީ އިންޒާރެވެ. ހައްގު ފާޅުވެއްޖެ އެވެ. އީމާންވެގެން ނަފާ އޮތީ ތިމާއަށެވެ. މަގުފުރެދިގެން ގެއްލުން އޮތީވެސް ތިމާއަށެވެ. ދައުވަތު ދޭ މީހާއަށް ލިބޭނޭ ގެއްލުމެއް ނެތެވެ.
ރަސޫލުކަމާއި ރިސާލަތަށް އީމާންވުމަށް މުޅި އިންސާނިއްޔަތަށް ގޮވާލެވިފައިވާ މިއާޔަތްތަކުގައި މާތް ﷲ ގެ ރިސާލަތުގެ ގޮތުގައި އެކަލާނގެ ރަސޫލާ ގެންނެވި ކީރިތި ގުރުއާންގެ ސިފަތައް ބަޔާންކުރައްވާފައިވެ އެވެ. އަންނިސާއު ސޫރަތުގެ 174 ވަނަ އާޔަތުގައި ގުރުއާނަކީ ފާޅުވެ ބަޔާންވެގެންވާ ނޫރެއްގެ ގޮތުގައި ސިފަކުރައްވާފައި ވެއެވެ. އަދި ޔޫނުސް ސޫރަތުގެ 57 ވަނަ އާޔަތުގައި ވަނީ، "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޒުރަތުން ތިޔަބައިމީހުންގެ ގާތަށް ވައުޒަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި، މުއުމިންތަކުންނަށް ތެދުމަގަކާއި، ރަހުމަތެއް އަތުވެއްޖެކަން ކަށަވަރެވެ."
ނޫރަކީ އައްޔެވެ. އިންސާނާއަށް އޭނާ މިދުނިޔެއަށް އައިގޮތަކާއި ވާން އުޅޭ ގޮތަކާއި އައި ސަބަބަކާއި ނޭނގުމަށްވުރެ ބޮޑު އަނދިރިކަމަކީ ކޮބައިހެއްޔެވެ؟ އެއަނދިރިކަމަށް މަގު ދައްކައިދޭ އައްޔަކީ ގުރުއާނެވެ. ވިސްނާފިކުރުކުރާންވީ ދިމާތަކާއި މިސްރާބަށް އަލިކޮށްދެނީ އެގުރުއާނެވެ. އެގުރުއާނުގައި ނަސޭހަތާއި ވައުޒު ވެއެވެ. އެ ގުރުއާނުގައި ހުރި އިރުޝާދުތަކާއި ނަސޭހަތްތަކަށް ތަބާވުމަކީ ފިކުރީ އެތައް ބަލިމަޑުކަމެއްގެ ޝިފާ އެވެ. އީމާންވާ މީހުން އުޅެންވީ ތެދުމަގާއި ދީން އެ ގުރުއާނުގައި ބަޔާންކޮށްދެއްވާފައިވެ އެވެ. އުޅެންވީ ގޮތް ބަޔާންވެ އެނގުމަކީ ރަހުމަތެކެވެ.
ރިސާލަތާއި ރަސޫލުކަމުގެ އާޔަތްތަކަށް ވިސްނާ ފިކުރުކުރާއިރު، މުޅި އިންސާނިއްޔަތަށް މުހާތަބުކުރެވުނު މި ހަ އާޔަތުގައި، އީމާން ނުވާ މީހުންނަށް އިންޒާރު ކުރައްވާފައިވާ މަންހަޖު ތަފާތެވެ. އިންޒާރުކުރައްވާފައި ވަނީ ނަރަކައިގެ އަޒާބުގެ ވާހަކައަކުން ނޫނެވެ. އެބައި މީހުން ކާފަރުވިޔަސް ﷲ ފުދިވޮޑިގެންވާކަމާއި، އަދި މުސްލިމުން ވެސް ފުދިގެންވާކަން ބަޔާންކޮށްދެއްވުމުގެ މަންހަޖުންނެވެ. ކުރެވޭ ކަމެއްގެ ނަތީޖާގެ ބަދަލުގައި ތި ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން އަންގައިދިނުމުގެ އުސްލޫބަކުންނެވެ. ބައްލަވާށެވެ!
އަންނިސާއު ސޫރަތުގެ 170 ވަނަ އާޔަތުގައިވަނީ؛ "...އަދި، ތިޔަބައިމީހުން ކާފަރުވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އުޑުތަކާއި ބިމުގައިވާހައި ތަކެއްޗެއް މިލްކުވެގެންވަނީ ﷲ އަށެވެ. މޮޅަށް ދެނެވޮޑިގެންވާ ހަކީމްވަންތަ ކަލާނގެ ކަމުގައި ﷲ ވޮޑިގެންވެ އެވެ." ހަމަ މިގޮތަށް ޔޫނުސް ސޫރަތުގެ 108 ވަނަ އާޔަތުގައިވަނީ "...އަދި މަގުފުރެދިއްޖެ މީހަކު މަގުފުރެދޭކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ ނަފުސުގެ މައްޗަށެވެ. އަދި ތިޔަބައިމީހުންގެ ކަންތައްތައް ހަވާލުކުރައްވާފައިވާ ވަކީލަކު ކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ."








