މި ހިނގާ އޭޕްރީލް މަހަކީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނުގަދަ މަސްކަމަށްވާތީ، މި މަހުގެ ކޮންމެ ދުވަހަކު ވެސް ވަކި ވަގުތުތަކެއްގައި ފިނިހޫނުމިނާ ގުޅޭ މައުލޫމާތު އާންމުކުރަން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް (މެޓް އޮފީސް) އިން ނިންމައިފި އެވެ.
މެޓް އޮފީހުން މިއަދު އެކަން އިއުލާންކުރަމުން ބުނީ އޭޕްރީލް މަހަކީ ރާއްޖޭގެ މޫސުން އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރު ކަމަށެވެ. އަދި އެ ދުވަސްވަރު ވައި މަޑުވެ، ވައިގެ ތެތްކަން ނުވަތަ ހިއުމިޑިޓީ ހިފެހެއްޓިފައި ހުންނާތީ ވައިގެ ހަގީގީ ހޫނުމިނަށްވުރެ އިހުސާސްވާ ހޫނުމިން އެތައް ގުނައެއް އިތުރުވާނޭ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މެޓް އޮފީހުން ގާއިމު ކޮށްފައި ހުރި ސްޓޭޝަންތައް މެދުވެރިކޮށް މި މަހުގެ ތެރޭގައި ރާއްޖޭގެ ފިނިހޫނުމިން ކޮންމެ ދުވަހަކު އާންމުކުރަމުންދާނެ ކަމަށް އެ އޮފީހުން ބުނެ އެވެ.
އެ މައުލޫމާތު އާންމުކުރާނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 11:00، މެންދުރު 2:00 އަދި ހަވީރު 5:00 ގައި މެޓް އޮފީހުގެ ވައިބާ ގުރޫޕުގަ އެވެ. މެޓް އޮފީހުން އިތުރަށް ބުނީ ކޮންމެ ދުވަހަކު ވެސް އެންމެ ހޫނުގަދަވާނެ ކަމަށް ލަފާކުރެވޭ ގަޑިއަކީ މެންދުރު 2:00 ކަމަށެވެ.
މެޓް އޮފީހުން މިއަދު އާންމުކުރި ބައެއް ތަފާސްހިސާބުތައް ދައްކާގޮތުން 1992 ވަނަ އަހަރުން ފެށިގެން ރެކޯޑްކޮށްފައިވާ ފިނިހޫނުމިނުގެ ޑާޓާތަކުން، ކޮންމެ އަހަރެއްގެ އޭޕްރީލް މަސްތެރޭ ރާއްޖޭގެ ފިނިހޫނުމިން 29.7 ޑިގްރީ ސެލްސިއަސްއަށް އެވަރެޖްކޮށް މައްޗަށް އަރަ އެވެ.














