ކަނޑު ބޮޑު، ބިން ކުޑަ މި ރާއްޖޭގެ އެންމެ އަގު ހުރި ގުދުރަތީ އެއް ވަސީލަތަކީ ގައިމު ވެސް މާވަހަރެވެ. އަހަރުމެންގެ ވިޔަފާރީގައި އަދި ސަގާފަތުގައި މާވަހަރަކީ ޒަމާނުއްސުރެ މުހިންމު އެއްޗެކެވެ. ފަތިސް ނަމާދުން އަވަދިވުމުން، ފިރިމީހާގެ ލޮލުގައި، މާވަހަރުން ހަދާފައި ހުންނަ އަތަރެއް އަނބިމީހާ ލައިދޭ ވާހަކަ، ދިވެހިންގެ ސަގާފަތް ކިޔައިދެއްވަމުން މަޝްހޫރު ސައްޔާހު އިބްނު ބަތޫތާ ލިޔުއްވާފައި އެބަ އޮތެވެ.
އެކި ވަރުގެ، އެކި ކުލައިގެ، ތަފާތު ބަރުދަނުގެ މާވަހަރު ހޮވައިގެން، އަހަރުމެންގެ ތެރެއިން އެތައް ބަޔަކު، ހަމަ ކުއްލިއަކަށް މުއްސަނދިވެފައި ވެސް އެބަތިއްބެވެ. އެންމެ ކިލޯއެއްގެ މާވަހަރެއް ހައެއްކަ ލައްކަ ރުފިޔާއަށް ވިއްކައިލެވިދާނެ އެވެ.
އެކަމަކު މާވަހަރު ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އަދި މާވަހަރު ދަނެގަތުމަކީ ވެސް ހާއްސަ ހުނަރެކެވެ. މާވަހަރު ކަމަށް ރަބަރާއި އެކި ފާޑުގެ ސަރުބީގަނޑުތައް ފޮރުވައިގެން ބައެއް މީހުންނަށް އުޅެވިފައި އެބަ ހުއްޓެވެ.
ހަގީގަތުގައި މާވަހަރަކީ ކޮބައިތޯ އެވެ؟ އޭގެ އަގު އެހާ މަތީ ކީއްވެތޯ އެވެ؟ މާވަހަރުން އަތަރު ހަދަނީ ކިހިނެއްތޯ އެވެ؟ މި ލިޔުމުގައި މި ބަލައިލަނީ މި ސުވާލުތަކުގެ ޖަވާބަށެވެ.
އަންބަރު މަސް އަދި މާވަހަރުގެ އަޖައިބު
ބައެއް މީހުން ބުނާ ގޮތުގައި މާވަހަރަކީ އަންބަރު މަސް ނުވަތަ އިނގިރޭސި ބަހުން ބުނާ ނަމަ ސްޕާމް ވޭލް ބޮޑުކަމުދިއުމުން ނުކުންނަ އެއްޗެކެވެ. މިހެން މިބުނީ ހަމަ ގަސްދުގައި އެއީ ނަޖިހޭ ނުބުނަން ވެގެންނެވެ. އަނެއް ބައި މީހުން ބުނާ ގޮތުގައި މާވަހަރަކީ، އަންބަރު މަހުގެ ހޮޑެވެ. ކޮންމެ ނަމެއް ދިން ނަމަވެސް ޔަގީންވާ ކަމަކީ، މާވަހަރަކީ އަންބަރު މަހުގެ ހަޖަމު ކުރާ ނިޒާމުގައި އުފެދޭ އެއްޗެއް ކަމެވެ.
މާވަހަރަކީ އަންބަރު މަހުން ލިބޭ އެއްޗެއްކަން އިންސާނުން އެނގުނީ، އެކި ބޭނުމަށް މާވަހަރު ބޭނުން ކުރާތާ އެތައް ސަތޭކަ އަހަރެއް ފާއިތުވި ފަހުންނެވެ. މާވަހަރުގެ ހަގީގަތްތައް އިންސާނުންނަށް އެނގެން ފެށީ މީގެ 200 ވަރަކަށް އަހަރު ކުރިން، ބޮޑުމަހުގެ ބޮލުގައި އުފެދޭ ތެލުގެ ބޭނުމަށް ފުޅާ ދާއިރާއެއްގައި އެ ސޮރުމުން ޝިކާރަކުރުން ފެށުމުންނެވެ.
އަންބަރު މަހުގެ އާދަޔާ ހިލާފް ބައެއް ކަންކަން
- އަންބަރު މަހަކީ މެމަލެއް. މާނައަކީ ވިހާ އެއްޗެއް، އަދި މޫދުގައި ނޭވާލުމުގެ ގާބިލްކަން ނެތް ޖަނަވާރެއް
- އަންބަރު މަހެއްގެ ބަރުދަނުގައި 45 ޓަނު ހުރެފައި 60 ފޫޓާ ހަމައަށް ބޮޑުވެދާނެ
- 3280 ފޫޓަށް ފީނައި، 90 މިނެޓު ވަންދެން ނޭވާ ހިފެހެއްޓުމުގެ ގާބިލްކަން ހުރޭ
- އަންހެން އަންބަރު މަސް އޭގެ އާއިލާއާއެކު ގާތް ގުޅުންތައް އުފައްދާ ވަރުގަދަ ރަހުމަތްތެރިކަން ގާއިމް ކުރޭ
- އަންބަރު މަސް ގާތްގަނޑަކަށް 60 އަހަރުވަންދެން ދުނިޔޭގައި އުޅޭ
އޭގެ ކުރިން، މާވަހަރުގެ ހަގީގަތްތަކާ ގުޅޭ ގޮތުން އެކި މީހުން ތަފާތު ގަބޫލުކުރުންތައް ގެންގުޅުނެވެ. އެއް ބަޔަކަށް ހީވެފައި އޮތީ މާވަހަރަކީ ލޮނުގެ ފޮނުގަނޑު ކޮންމެވެސް ގޮތަކުން ހިކުމުން އުފެދޭ އެއްޗެއް ކަމަށެވެ. އަނެއް ބަޔަކަށް ހީވެފައި އޮތީ އެއީ މާސިންގާ ދޫންޏެއްގެ ނަޖިސް ކަމަށެވެ.
މާވަހަރަކީ ވެސް އަޖައިބެއް ފަދަ އަންބަރު މަހަކުން އުފެދޭ އަޖައިބެއް ފަދަ އެއްޗެކެވެ. ސައިންޓިސްޓުން މިހާރު ބުނަނީ މާވަހަރަކީ، ޖަޔަންޓް ސްކުއިޑް (ބޮޑެތި ބޯވަދިލަމަސް) ފަދަ ތަކެތި އަންބަރު މަސް ކެއުމުން އުފެދޭ އެއްޗެއް ކަމަށެވެ. ބޯވަދިލަމަހަކީ އަންބަރު މަހަށް ވަރަށް މީރު އެއްޗެކެވެ. އެ ހޯދުމަށް އަންބަރު މަސް 3280 ފޫޓާ ހަމައަށް އަޑިއަށް ފީނަ އެވެ. އަދި ވަރަށް ގިނަ އަދަދަކަށް އެ ބާވަތުގެ ތަކެތި ކައެވެ.
ބޯވަދިލަ މަސް އަދި ސްކުއިޑް ކެއުމުން، އެއިން ހަޖަމު ނުވާ ބައި ނުވަތަ ބޯވަދިލަ މަސް ނުވަތަ އޭގެ ބުރަކަށީގައި އިންނަ ކަށިކޮޅު، އަންބަރު މަސް ގިނަ ފަހަރު ބޭރުކޮށްލަ އެވެ. ނަމަވެސް ބައެއް ފަހަރު މިތަކެތި ބޭރެއް ނުވެ އެވެ. އަދި މިތަކެތި އަންބަރު މަހުގެ ބަނޑުގައި ތާށިވެ، އެކަތިގަނޑަކަށްވެ އެވެ. އަދި މަޑުމަޑުން ހަރުވެ، އަންބަރު މަހުގެ ބަނޑު ތެރޭގައި އެ މާވަހަރަށް ބަދަލުވެ އެވެ.
މާވަހަރު އުފެދޭ ގޮތާމެދު ދަނެގަނެވިފައި އޮތް ނަމަވެސް އަންބަރު މަސް މާވަހަރު ބޭރު ކުރާ ގޮތާމެދު އަދި ވެސް ސައިންޓިސްޓުން ހިޔާލު ތަފާތުވެ އެވެ. ދިރާސާ ކުރާ ބައެއް މީހުން ބުނަނީ މާވަހަރު ނިކުންނަކީ ހޮޑުގެ ގޮތުގައި ކަމަށެވެ. އަނެއް ބައި މީހުން ބުނަނީ މާވަހަރު ނިކުންނަނީ އަންބަރު މަހުގެ ފޫކޮޅުން ބޮޑުކަމުގެ ގޮތުގަ އެވެ.
މާވަހަރު އަތަރަށް ހަދަނީ ކިހިނެއް؟
މާވަހަރު ބޭނުންކޮށްގެން ހަދާ އަތަރުގައި ހަމައެކަނި ބޭނުން ކުރަނީ މާވަހަރެއް ނޫނެވެ. މާވަހަަރަކީ އަތަރު ނުވަތަ ސެންޓު ހަދަން ފެށުމަށް ބޭނުން ކުރާ އެއްޗެވެ. މާވަހަރުގައި މާ ބޮޑު ވަހެއް ނެތް ނަމަވެސް، އަތަރުގައި މާވަހަރު ބޭނުން ކުރާ ސަބަބީ، އަތަރުގައި ހިމެނޭ ވަސްތައް ގިނަ ދުވަހަށް ދެމެހެއްޓުމަށެވެ.
އަތަރު ހަދާ މީހުން އެމީހުންގެ އަތަރުގައި ވަސް ޖައްސަނީ، އެ އަތަރެއްގައި މާވަހަރު ބޭނުން ކުރާ ނަމަ އެ މާވަހަރުގެ ވަހަށް ބިނާކޮށެވެ. އެހެން ގޮތަކަށް ބުނާ ނަމަ، މާވަހަރު ބޭނުންކޮށްގެން ހަދާ އަތަރުގެ މައިގަނޑު އިންގްރީޑިއަންޓަކީ މާވަހަރެވެ. ވަސްތައް އަތަރަށް އެއްކުރަނީ އަތަރުގައި ބޭނުން ކުރާ މާވަހަރުގެ ކޮލިޓީ އާއި ވަހަށް ބެލުމަށްފަހެވެ.
އަންބަރު މަހުން ބޭރުކޮށްލާއިރު މާވަހަރުގައި ދުވަނީ އޭގެ ނަޖިހުގެ ވަސް ކަމަށްވެ އެވެ. އެ ވަސް ފިލަނީ، މާވަހަރު ރަނގަޅަށް ހިކުމުންނެވެ. އެއިރުން މަޑުމަޑު މީރު ވަހެއް އޭގައި ހުންނަ ކަމަށްވެ އެވެ. އަދި ގިނަ ދުވަހު މޫދުގައި އޮންނަ މާވަހަރުގެ ކޮލިޓީ ރަނގަޅު ކަމަށް ވެސް ވެ އެވެ.
މާވަހަރުން އަތަރަށް އަޅަނީ އެއިން ނަގާ އެމްބްރެއިނެވެ. އެމްބްރެއިނަކީ މާވަހަރުން ނަގާ އަލްކޮހޯލެކެވެ. އެންމެ ގިނައިން އެމްބްރެއިން ލިބެނީ ހުދު މާވަހަރުން ކަމަށްވެ އެވެ. އަދި އެންމެ މަދުން އެ މާއްދާ ލިބެނީ ކަޅު މާވަހަރުން ކަމަށްވެ އެވެ. ކަޅު މާވަހަރާ އަޅާބަލާއިރު ހުދު މާވަހަރުގެ އަގު ބޮޑުތަނުން ބޮޑީ އެހެންވެ އެވެ.
ގިނަ އަތަރުގައި މާވަހަރުގެ ބަދަލުގައި މިހާރު ބޭނުން ކުރަނީ ކެމިކަލެވެ. އަދި ދުނިޔޭގައި އެންމެ އަގުބޮޑުކޮށް ވިއްކާ ސެންޓުތަކުގައި އަދިވެސް ބޭނުން ކުރަނީ މާވަހަރެވެ.








