އެސްޓީއޯ އިން ލުނބޯ އެތެރެކޮށް ކިލޯއެއް 45 ރުފިޔާގެ ރޭޓުން ވިއްކަން ފަށައިފި އެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި އަގު ހެޔޮކޮށް ލުނބޯ ވިއްކިއަސް ލުނބޯ ވިއްކަނީ ލިމިޓް ކޮށްގެނެވެ.
މި ގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކަނީ މީހަކަށް އެންމެ ގިނަވެގެން ވެސް އެއް ކިލޯ އެވެ. އަދި އެސްޓީއޯ އެގްރިސެންޓަރުން ވިއްކަނީ މީހަކަށް އެންމެ ގިނަ ވެގެން ތިން ކިލޯ ލުނބޯ އެވެ.
ސަރުކާރުގެ ހިއްސާވާ ކުންފުނިން ލުނބޯ އެތެރެކޮށް ވިއްކަން ފެށީ މި ވަގުތު ބާޒާރުގައި ލުނބޯގެ އަގު މައްޗަށް ދިއުމާ ގުޅިގެން ކަމަށް ބުންޏެވެ.
މި ރޯދަ މަހާ ދިމާކޮށް ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު އުޅުނީ 100 ރ. އިން މަތީގަ އެވެ. 100 ރ. އާއި 200 ރ. އާ ދެމެދުގެ އަގެއްގައި ލުނބޯ ކިލޯއެއް އުޅުނެވެ.









