މި އަހަރުގެ ރޯދަ މަހު ދިރާގުން އާންމުންނަށް ދޭ ރޯދަ ހަދިޔާގެ ގޮތުގައި ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް ހިލޭ ބެލޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފި އެވެ.
ދިރާގުން ބުނީ ދިރާގު ޓީވީގައި ހިމެނޭ 100 އަށް ވުރެ ގިނަ ޗެނަލް މި ރޯދަ މަސް ތެރޭ ބެލުމަށްޓަކައި އެއްވެސް ފީއެއް ނުނަގަން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. އަދި އެއީ ދިރާގު ޓީވީއިން އާންމުންނަށް މި އަހަރުގެ ރޯދަ މަހު ދޭ ރޯދަ ހަދިޔާކަމަށް ދިރާގުން ބުނެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީ ހިދުމަތްކަމުގައިވާ ދިރާގު ޓީވީއިން ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތައް، ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް ވެސް ފެނެ އެވެ. އަދި ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް، ސްޓާ ގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ވެސް ހިމެނެއެވެ.
އޭގެ އިތުރުން ވެސް ދިރާގުން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖްގެ ކަސްޓަމަރުންގެ މެދުގައި ނެގޭ ލަކީ ޑްރޯއަކުން ހޮވާލެވޭ ފަސް ކަސްޓަމަރަކަށް ޖުމްލަ 10 މީހުންނާއެކު ރޯދަވީއްލުމެއް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ދިރާގު ޓީވީގެ ޕެކޭޖުތައް.

އެ ލަކީޑްރޯގެ ނަސީބުވެރި ފަރާތްތައް އަންނަ ހޯމަ ދުވަހު ދިރާގު ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް އިއުލާން ކުރާނެކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން ބުނީ ރާއްޖޭގެ 82 ޕަސަންޓު ގޭބީސީތަކަށް މިހާރު ލިބޭ ދިރާގު ޓީވީއަށް ސަބްސްކްރައިބުކުރުމަށް ވެސް މިއީ ރަނގަޅު ފުރުސަތެއް ކަމަށެވެ.











