މި ހިނގަމުންދާ ރޯދަމަސް ފެށުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިވެހިންނަށް ހާއްސަ މެސެޖެއް ދެއްވީ އިއްޔެ އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަނެވި، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކޮށް ދީނީ ގޮތުން އަދާ ކުރަން ޖެހޭ އެންމެހާ އަޅުކަންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރަން މަގު ތަނަސްވުމަކީ "އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު" އުފާ ކަމަށް ރައީސް އިއްޔެ ދެއްވި ބަޔާނުގައި ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ އަދި ހިތްހަމަޖެހުމަކީ ވެސް، ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލައި، ދިރިއުޅުމުގެ އާންމު ހާލަތަށް ރުޖޫއަވެވި، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކޮށް، ދީނީގޮތުން އަދާކުރަންޖެހޭ އެންމެހައި އަޅުކަންތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ކުރުމަށް މަގުތަނަވަސްވެފައިވުން،" ރައީސް އިއްޔެ ވިދާޅުވި އެވެ.
އޭގެ އިތުރުން، ރޯދަ މަހު މުސްލިމުންނަށް ލިބޭ ފުރުސަތުގެ ބޭނުން ހިފައި، ފުރިހަމައަށް ރޯދަ ހިފުމާއި ތަރާވީގް ނަމާދު ކުރުމާއި ކީރިތި ޤުރްއާން ކިޔެވުމުގައި ހީވާގިވެ، ރޫހާނީ ދިރުން އިތުރުކުރުމަށް ވެސް ރައީސް ސޯލިހު ދިވެހިންނަށް އިއްޔެ ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.
"މި މައްސަރަކީ އަޅުގަނޑުމެންގެ ޢަމަލުތައް އިސްލާހުކޮށް، އާހިރަތުގެ ބާއްޖަވެރިކަން ހާސިލުކުރުމަށް ދެއްވާފައިވާ ވަރަށް ތަނަވަސް ފުރސަތެއް. މި ފެށުނު ރަމަޟާން މަހުގައި އަޅުގަނޑުމެންގެ އަޒުމަކަށް ހަދަންވީ، މި ބަރަކާތްތެރި މައްސަރުގެ ރޭތަކާއި ދުވަސްތަކުގައި މާތް ﷲ ލައްވާފައިވާ މަތިވެރި ރޫޙާނީ ފައިދާތަކުގެ ނަސީބުވެރިން ކަމުގައި ވުމަށް،" އެމަނިކުފާނު އިއްޔެ ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ހިތާބު އެމަނިކުފާނު ނިންމަވާލައްވާފައި ވަނީ ރޯދަ މަހުގެ ނިއުމަތްތަކާއި ދަރުމަ އާއި ސަވާބު، މުޅި އިސްލާމީ އުންމަތަށް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވަމުންނެވެ.
ބައެއް މުހިންމު ހަބަރުތައް
- އުމްރާ ދަތުރަކާއި ބޮޑެތި އެެހެން އިނާމުތައް ލިބޭ ކްއިޒެއް "އަދަދު" އިން ފެށީ އިއްޔެ އެވެ.
- ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު ބާއްވާ ވެޓެރަންސް ފުޓްބޯޅަ މުބާރާތް، ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު ބާއްވަން ނިންމާފައިވާއިރު، "އެފްއޭއެމް ވެޓްރަންސް ލީގު"ގެ ނަމުގައި މި އަހަރުގެ މުބާރާތް އަންނަ ހޯމަ ދުވަހު ފަށަން ތާވަލުކުރީ އިއްޔެ އެވެ.
- މާލެ ސިޓީގައި، އަމިއްލަ މީހެއްގެ އެހީ މެދުވެރިކޮށް މިސްކިތެއް ހުޅުވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރޯދަމަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިވެހިންނަށް ފޮނުއްވި ހާއްސަ ހިތާބުގައި ވިދާޅުވީ:
"މިއީ ދިންނެވުމުގެ މޫސުމަކަށް ވީހިނދު، އަޅުގަނޑުމެން ވެސް އެކަކު އަނެކަކަށް އެހީތެރިވެ، އަނެކުންގެ ބުރަތަކާއި ދަތިތައް ފިލުވައިދީ، އިންސާނިއްޔަތުކަން އިސްކުރުމަކީ، މި މާތް މައްސަރުގެ ދަރުމައާއި ސަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަންކަަން."
ދުވަހުގެ ފޮޓޯ

އުސްފަސްގަނޑު ސަރަހައްދުގައި މަޑި އަރުވަން ތިބި ބައެއް މީހުން. ރޯދަ މަހުގެ ފުރަތަމަ ދުވަހު ބާޒާރުމައްޗާއި މާލޭގެ މަގުމަތީގައި އޮތީ ހަލަބޮލި މާހައުލެއް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"ޔޫތު، އޮޕޮޗުނިޓީސް އެންޑް ކޮރަޕްޝަން އިން މޯލްޑިވްސް: އަ ސިޓުއޭޝަނަލް އެނަލިސިސް"
މިއީ މަތީ ތައުލީމާއި، ބޯހިޔާވަހިކަމާއި، ވަޒީފާގެ ފުރުސަތުތަކާއި، ސިއްހީ އަދި އެހެނިހެން ހިދުމަތްތައް ހޯދުމުގައި ޒުވާނުންނަށް ކޮރަޕްޝަންގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށް 2015 ވަނަ އަހަރު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކޮށްފައިވާ ދިރާސާއެކެވެ.













