ހުވަދު އަތޮޅަކީ ގުދުރަތީ ގޮތުން އުފެދިފައި އޮތް ބޮޑު އެއް އަތޮޅެވެ. އިދާރީ ހިންގުމުގެ ފަސޭހައަކަށް އަތޮޅު ވަނީ ދެބަޔަކަށް ބަހާލެވިފަ އެވެ. އުތުރުބުރިއާއި ދެކުނުބުރި އެވެ. މިފަހަރު 'ރަށު ނޯޓު' ގައި މި ބަލާލަނީ ގދ ގައްދޫ އަށެވެ.
ގައްދޫގެ ބޮޑުމިނަކީ 25.2 ހެކްޓަރެވެ. އެއީ ގދ.އަތޮޅުގެ 4 ވަނަ ރަށެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ Q05 އެވެ.
ނަވާރަ ސަތޭކަ އަށްޑިހަ ފަސް ވަނަ އަހަރުގެ ބޯހިމެނުމަށް ބަލާއިރު މި ރަށުގައި ތިބި ރަށްވެހިންގެ އަދަދަކީ 1375 އެވެ. އެއީ 713 އަންހެނުންނާއި، 662 ފިރިހެނުންނެވެ. މިއީ އޭރުގެ ނިސްބަތަށް ބަލާއިރު ބޮޑު އާބާދީ އެކެވެ. 1985 ވަނަ އަހަރަށްފަހުން ވެސް ގައްދޫގެ އާބާދީ ދިޔައީ އިތުރުވަމުންނެވެ. 1995 ވަނަ އަހަރުގެ ބޯހިމުނަށް ބަލާއިރު ގައްދޫގެ އާބާދީއަކީ 1719 އެވެ. އޭގެ ފަހުން އާބާދީ ދަށްވާން ފެށި އެވެ. ވަރަށް ގިނަ ބަޔަކު ދިރިއުޅުމުގެ އެކި ބޭނުންތަކަށް އެހެން ރަށްރަށަށް ހިޖުރަކުރުމަށްފަހު ގައްދޫގެ ރަޖިސްޓްރީން ކެނޑިފައި ވެއެވެ. 2000 ވަނަ އަހަރުގެ ބޯހިމެނުމުން ގައްދޫގެ އާބާދީއަކީ 1439 އެވެ. ދެ ހާސް ސާދަ ވަނަ އަހަރު އެ އަދަދު 1387 އަށް ދަށްވި އެވެ. އެހެންނަމަވެސް އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތަކަށް ބަލާއިރު ގައްދޫގެ އާބާދީ 100 ޕަސެންޓުން އިތުރުވެފައި ވެއެވެ. ދެ ހާސް ސަތާރަ ވަނަ އަހަރާ ހަމައަށް ގައްދޫގެ އާބާދީއަކީ 3049 އެވެ. އެއީ 1572 ފިރިހެނުންނާއި 1477 އަންހެނުންނެވެ.

ގައްދޫ ބަނދަރު މަތީގައި ބަޔަކު ވާހަކަ ދައްކަން މަޑުކޮށްލައިގެން. -- ފޮޓޯ: އާއިމް ޒަމީރު / އަދަދު

މިހާރު ގައްދޫގެ އާބާދީއަކީ 1506 އަންހެނުންނާއި 1630 ފިރިހެންނާއެކު ޖުމްލަ 3136 އެވެ. މިއީ މިއަހަރުގެ ފެބުރުއަރީ މަހާ ހަމައަށް ގައްދޫގެ އާބާދީ އެވެ.
މުއްސަނދި ތާރީހެއް އޮތް ގައްދޫއަކީ ނަވާރަސަތޭކައިގެ މެދުތެރެއާ ހަމައަށް ހުވަދު އަތޮޅުގައިވެސް އެންމެ ތަނަވަސް ރަށެވެ. 1962 އިން 1968 އާ ހަމައަށް ގދ. އަތޮޅުގެ އަތޮޅުވެރިކަން ކޮށްފައިވަނީ މިރަށުގަ އެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ރާއްޖެއަށް ކުރިމަތިވި ހައިހޫނުކަމުގައި ހުވަދު އަތޮޅުގެ ހުރިހާ ރައްޔިތުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖައްސާފައިވަނީ މިރަށު ރައްޔިތުންގެ މަސައްކަތުން، މިރަށާ ކައިރީގައި އޮންނަ ގަމުގައި އޮޅުއަލަ ހައްދައިގެން، އަތޮޅުގެ ރައްޔިތުންގެ މެދުގައި އެތަކެތި ބަހައިގެން ކަމަށް ކިޔަ އެވެ.

ގައްދުއަށް އިރު އޮއްސެމުން ދިޔަ ވަގުތު، ޖޯލިތަކުގައި އިށީނދެ ތިބެ، އެ ހިތްގައިމު މާހައުލުން އުފާ ހޯދަނީ. -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ގައްދޫ މަޝްހޫރުވެފައި ވަނީ ކުނާވިޔުމުގެ މަސައްކަތަށް އެންމެ ކުޅަދާނަ މީހުން ތިބި ރަށުގެ ގޮތުގަ އެވެ. މިހާރު އެ މަސައްކަތް ދަންނަ މީހުން ނިސްބަތުން މަދުނަމަވެސް، ކުނާ ވިޔުމުގެ ހުނަރާއި، އެ ރޫހު ވެސް ގައްދޫގައި އަދިވެސް ގަދަކޮށް އެބައޮތެވެ. އާމްދަނީ ހޯދުމަށް ރަށުގެ ވަރަށް ގިނަ އަންހުން ކޮށްއުޅޭ މަސައްކަތަކީ ކުނާ ވިޔުމެވެ.
ފިރިހެނުން އާންމުކޮށް ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމެވެ. މަހަށް ދުއްވާ އަށް އުޅަނދު މިރަށުގައި އޮވެ އެވެ.
ގައްދޫ ކައިރީގައި އޮތް ގަމަކީވެސް ތާރީހެއް އޮތް ރަށެކެވެ. އިހުގައި މީހުން ދިރިއުޅުނު ރަށަކަށްވިޔަސް މިހާރު އެއީ ފަޅުރަށެކެވެ. ގަން ފަޅުވީ އެއްރެޔެއްގެ މެންދަމު އެރަށަށް ބޮޑެތި ބުޅާ އެރުމުގެ ސަބަބުން ކަމަށް ކިޔާ އުޅެ އެވެ. އަދި އަނެއް ދުވަހު އިރު އެރިއިރު އެ ބުޅާތައް ރަށުގެ އަނެއް ފަރާތުން ފައިބައިގެން ދިޔައީކަމަށާއި، އޭރު އެރަށުގައި ދިރިހުރި އެއްވެސް އިންސާނަކު ނެތްކަމަށް ކިޔަ އެވެ.
މުހައްމަދު އިބްރާހިމް ލުތުފީ (1992) ލިޔުއްވާފައިވާ ގޮތުގައި ގަމުގެ ހުކުރު މިސްކިތު ގަބުރުސްތާނުގައި ގިނަ ބަޔަކު ވަޅުލާފައިވެ އެވެ. މިކަމަށް ބަލާއިރު، ގަން ފަޅުވީ ކުއްލިއަކަށް ނޫން ކަމުގެ މައްޗަށް ހެކި ލިބެ އެވެ. ކޮންމެޔަކަސް ގަން ފަޅުވި ގޮތް އެނގޭކަށް ނެތެވެ. އެންމެ މަގުބޫލުކޮށް އަދިވެސް އޮތް ވާހަކައަކީ ބުޅާތަކުގެ ސަބަބުން ރަށްފަޅުވި ވާހަކަ އެވެ.

ގދ. ގައްދޫ: މި ރަށުގައި ކުރިން އަތޮޅުވެރިކަން ވެސް ކުރި -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ގަމަކީ މިހާރު ގައްދޫގެ ރައްޔިތުން ދަނޑު ހައްދާ ރަށެކެވެ. މާ ފުޅާކޮށް އެ މަސައްކަތް މިވަގުތު ކުރިއަށް ނުދިޔަ ނަމަވެސް ދަނޑުވެރިކަން ކުރިއެރުވުމަކީ ގައްދޫ ކައުންސިލްގެ އަމާޒެކެވެ.
ގައްދޫގައި މިވަގުތު 20 ވިޔަފާރިއެއް ރަޖިސްޓްރީކޮށްގެން ހިންގަ އެވެ. އޭގެ ތެރެއިން 12 އާންމު މުދާ ވިއްކާ ފިހާރަތަކެވެ. މި ރަށުގައި ހިންގުމަށް ރަޖިސްޓްރީކޮށްފައި ވަނީ ފަސް ކެފޭ ރެސްޓޯރަންޓެވެ. އޭގެ ތެރެއިން މިވަގުތު ހިންގަމުން ގެންދަނީ ހަތަރު ކެފޭ އެކެވެ.
ގައްދޫގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ގެސްޓްހައުސްއެއް މިވަގުތު ނެތެވެ. އެހެންނަމަވެސް ކައުންސިލްއިން މައުލޫމާތު ދީފައިވާ ގޮތުގައި ބައެއް ގެސްޓްހައުސްތައް ރަޖިސްޓްރީކުރުމަށް ތައްޔާރުކުރެވެމުން އެބަ ދެ އެވެ. ކައުންސިލުން އުއްމީދުކުރާ ގޮތުގައި ޓޫރިޒަމަށް 50 އަހަރު ފުރޭ މި އަހަރު ގައްދޫގައި ޓޫރިސްޓް ގެސްޓްހައުސްގެ ހިދުމަތް ދިނުމަށް ފެށޭނެ އެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ބަލާއިރު ގައްދޫގެ ރިންގް ރޯޑު ހެދުމާއި މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއު މިހާރު ކުރިއަށް ދެ އެވެ. ރަށުގެ ފުޓުބޯޅަ ދަނޑުގައި ކާޕެޓް އެޅުމުގެ މަސައްކަތާއި، އިންޖީނުގެއާއި ފެނަކަ އޮފީހުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. ރަށު ސުކޫލް އޮފީހުގެ އިމާރާތުގެ މަސައްކަތާއި ސްކޫލުގައި މަލްޓިޕާރޕަސް ހޯލެއް އެޅުމުގެ މަސައްކަތްވެސް ދަނީ ހިނގަމުންނެވެ. މި ހުރިހާ މަޝްރޫއުއެއްވެސް މި އަހަރު ތެރޭގައި ނިމޭނޭކަމަށް ބެލެވެ އެވެ.
މިވަގުތު ގައްދޫއަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ކުނިގޮނޑުގެ މައްސަލަ އެވެ. ރަށުގެ ކުނިގޮނޑު ފުރިފައިވާއިރު ކުނިގޮނޑަށް ޖަމާވާ ކުނި ނައްތާލެވޭނޭ ގޮތެއް ރަށުގައި ގާއިމުކުރެވިފައި ނެތެވެ. ރަށު ކުނިގޮނޑަށް ޖަމާވެފައިވާ ކުނި ބޭރުކުރެވޭނޭ ގޮތެއް ހޯދުމަށް ކައުންސިލުން ގެންދަނީ ސަރުކާރާ މަޝްވަރާ ކުރަމުންނެވެ.
ގައްދޫއަށް ދިމާވެފައި އޮތް އަނެއް ތަކުލީފަކީ ދަތުރުފަތުރެވެ. އަމިއްލަ ބަޔަކު ހިންގާ ދެ ލޯންޗު ރަށުގައި އޮވެ އެވެ. އެހެންނަމަވެސް މި ގޮތަށް ލޯންޗު ކުއްޔަށް ނަގައިގެން ކުރާ ދަތުރުތަކަށް ކުރަންޖެހޭ ހޭދަ ބޮޑުކަމުން މަޖުބޫރުވެގެން މެނުވީ މި ހިދުމަތް ބޭނުންކުރެވޭކަށް ނޯވެ އެވެ. ހުވަދު އަތޮޅުގެ އެހެން ރަށްތަކެކޭ އެއްގޮތަށް ގައްދޫއަށް ވެސް އެމްޓީސީސީގެ ފެރީ ދަތުރުކުރެ އެވެ.
ގައްދޫއަކީ މުއްސަނދި ތާރީހެއް އޮތް ރަށެކެވެ. ހެޔޮވަރުގެ އާބާދީއެއް އޮތް، ހިތްހެޔޮ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. ރާއްޖޭގެ ރަށެއްގައި ޗުއްޓީއެއް ހޭދަކޮށްލަން ގަސްތުކުރާނަމަ ގައްދޫއަކީ ލިސްޓުގެ ކުރިއަށް ގެނެވޭނޭ ނަމެކެވެ.
titledesc










