ފިހާރަތަކުގައި އެހެރަ އަގުބޮޑު ލޯންޗްތައް ބުނެދެނީ، އަހަރެމެންނާ ހުރި ގުޅުމެވެ. ރިމޯޓްކޮންޓްރޯލް އޮވެގެން ދުއްވާ ކުޅޭކުޅޭ އެ ލޯންޗްތައް ގަންނަނީ ހަމަ އެކަނި ކުޑަކުދިންނަކަށް ނޫނެވެ. އާޓިފިޝަލް ބީޗާއި ހުޅުމާލޭގެ ފަޅުތެރޭގައި ވެސް އެބާވަތުގެ ލޯންޗްތައް ހިފައިގެން އުޅޭ ބޮޑެތިމީހުން ފެނެއެވެ.
ކުދި އުޅަނދު ދުއްވުމުގެ އެކުޅިވަރަކީ އިހުގައި އެހާ ބޮޑު ހަރަދެއް ހިނގާ ކަމެއް ނޫނެވެ. އަހަރެމެން 1980 ގެ އަހަރުތަކާއި 1990 ގެ އަހަރުތަކުގައި ވެސް އުޅަނދު ހަދަނީ އަމިއްލައަށެވެ. ބަރާދޯންޏަކީ އެގޮތުން ބަންނަ އެއް ބާވަތެވެ. އަމިއްލައަށް ބަންނަ ބަރާ ދޯނި އަހަރެމެން ބައެއް ފަހަރު ދުއްވަނީ ދިޔަވަރު ހިކި އިރު, ކަކޫތާ ފެނަށް އެރިގެންނެވެ. އަނެއްބައި ފަހަރު ބޮޑު ދިޔައިގައި މޫދަށް އެރިގެން ވެސް ދުއްވަމެވެ. އެގޮތަށް ދުއްވާ އިރު ދޯނި ދޫވެދާނެތީ އޭގައި އޮންނާނީ ކަންވާރެއް ޖަހައިފަ އެވެ.
މި ދެގޮތުގެ ތެރެއިން ވެސް އެންމެ އާއްމު ގޮތަކީ ފޮއިމަތީގައި ހަވީރަށް ދިޔަވަރު ހިކޭ އިރު ކަކޫތާފެނަށް އެރިގެން ބަރާދޯނި ދުއްވުމެވެ. އެގޮތަށް ދޯނި ދުއްވަން ރަށްރަށުގެ ގިނަ އަދަދެއްގެ ކުދިން ހަވީރު އެއްވާނެ އެވެ. އެހެންވީމާ އެއިރުގައި އެއީ ހަމަ ބޮޑު ފެސްޓިވަލެއް ހެން އޮންނަ ކަމެކެވެ.
ރަނގަޅު ކަނދުގަނޑެއް ބޭނުންވާނެ
ބަރާދޯނި ހެދުމަށް ޓަކައި އެންމެ ފުރަތަމަވެސް ބޭނުންވާނީ ރަނގަޅު ކަނދުގަނޑެކެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި ކަނދުގަސް މިހާރު ވަރަށް މަދުވެފައިވުމާއި އާންމު ސަރަހައްދެއްގައި ހުންނަ ގަހަކުން ގޮތްޕެއް ކެނޑުމަކީ މިިހާރު މަނާ ކަމަކަށް ވާތީ މިއީ އުނދަގޫ މަސައްކަތަކަށް ވެސް ވެދާނެ އެވެ. ގޭގައި ހުރި ބޮޑު ބަނބުކެޔޮ ގަހަކުން ގޮތްޕެއް ކެނޑުމަކީ އެކަމަކު ކުރެވިދާނެ ކަމެކެވެ. އެހެން ބާވަތެއްގެ ލަކުޑިއެއް ހޯދާނީ މިގޮތް ވެސް ނެތް ހާލަތުގަ އެވެ.
އެންމެ ފުރަތަމަ، ދޯނި ހަދައި ނިމޭ އިރު ހުންނަން ބޭނުންވާ ދިގުމިނަށް ވުރެ ތަންކޮޅެއް ދިގުކޮށް ކަނދުގަނޑު ބުރިކޮށްލާށެވެ. ކުރަންވީ ފުރަތަމަ ކަމަކީ އަބެއް އެއްކޮޅަށް ހިމަވާ ގޮތަށް ފޭއްސައިލުމެވެ. ފަލަކޮށް އޮތް ކޮޅު ދޯންޏެއްގެ ދިރުނބާކޮޅުގެ ބައްޓަމަށް ކޮށައިލާނީ އެވެ. އަރިމަތިން ފެންނަ އިރު އެކަމަކު ދެކޮޅުވެސް ހުންނަން ވާނީ ދޯންޏެއް ގޮތަށެވެ. މަތިން ބެލީމާ ފެންނާނީ އަބެއްގެ ބައްޓަމަށް އެއްކޮޅަށް ހިމަކޮށް އޮންނަ ދޯންޏެކެވެ. މިހެން ހަދާފައިވާ ދޯންޏެއް އެކަމަކު ފެނުގައި ހަރުލައި ހުންނާނީ ކިހިނެތްހޭ ހިތަށް އަރައިފާނެ އެވެ.
ދޯނީގެ މެދުގައި ހަރުކޮށްފައިވާ ހަތްކެއްގައި ހަރުކޮށްލާ ގޮތަށް ފަތިގަނޑެއްގައި ހަރުކޮށްފައި އޮންނަ ބަރަލަކީ މީގެ ހައްލެވެ. ބަ ހަދާނީ ދޯންޏަކާ ގާތްކުރާ ބައްޓަމަކަށް، އެކަމަކު ވަރަށް ކުރުކޮށެވެ. އޭގެ ދެކޮޅުވެސް އޮންނާނީ އެއް ބައްޓަމަކަށެވެ. ހަތަރު އަރިއަށް މަށާފަިއވާ ފަތިގަނޑެއް އޭގައި މޮހޮރު ޖަހައި ހަރުކޮށްފައި ހުންނާނެ އެވެ. ބަރާ ދޯނީގައި އަޅާ ރިޔަލުގެ ވައިދަށް ފަރާތަށް ވާގޮތަށް ބަރާ ހަރުކުރާނީ ދޯނީގެ މެދުގައިވާ ހަކީގަ އެވެ. މިހެން ހެދުމުން ބަރާ ދޯނި ފެންނާނީ މިޒަމާނުގައި ރިސޯޓްތަތަކުގައި މިހިރަށް ކަޓަމަރާނަކާ ދާދި އެއްގޮތަކަށެވެ. ކަޓަމަރާނުގައި އެކަމަކު ދެ ފަރާތް ވެސް ހުންނަނީ އެއްވަރަކަށެވެ. ދެފަރާތުގައި އޮންނަ ދެކަނދުގެ ބައްޓަން ވެސް އެއްގޮތެވެ. ބަރާ ދޯނީގެ ތަފާތަކީ އެއް ކަނދު ސީދާ މަސްދޯންޏެއް ހެން ހުރެފައި ކުނބާެރި ރިޔާ ވެސް އެކަނދުގައި ހުރުމެވެ. އަނެއް ކަނދަކީ ދޯނި ފެނުގައި ހަރުލައި ހުރުމަށް ބޭނުންކުރާ ކުޑަ ކަނދެކެވެ.
މަސްވެރިކަމަށް ވެސް ބޭނުންކުރޭ
ބަރާ ދޯނީގައި ނަނެއް އައްސަައި، ބޭރަށް ދޫކޮށް، އެއިން އެހެން ނަނެއް ދޫކޮށްގެން މަސް ބޭނުމަކީ ވެސް އިހުގައި ކޮށް އުޅުނު ކަމެކެވެ. އެކަމަކު އެގޮތަށް ބޭނުންކުރާ ބަރާގައި ރިޔަލެއް އަދި ދޯންޏެއްގެ ސިފައެއް ވެސް ނުހުންނާނެ އެވެ. އެއީ ދެކަނދު ވެސް ދާދި އެއްގޮތަކަށް ހުންނަ، ރިޔަލެއް ނެތް ކަޓަމަރާނެއް ކަހަލަ އެއްޗެކެވެ. އޭގެ އެންމެ ބޮޑު ފައިދާ އަކީ އެއްގަމުގައި ހުރެގެން ރައްކައިރީ ވަދު އަޅައިލެވޭ ކަމެވެ. މީހާގެ އަތުގައި ބަރާ ކޮންޓްރޯލްކުރާ ނަނު އައްސާފައި ހުންނާނީ ބަރަލުގެ މެދަކާ ހިސާބުގަ އެވެ. އެހެން ބެހެއްޓުމުން މޫދަށް ދޫކޮށް ނަނަށް ވާންކުރާ ވަރަކަށް ބަރާ ދާނީ ބޭރަށެވެ. ދެން ގޮނޑުދޮށުަގައި ހިނގާ ވަރަކަށް ބޭރުގައި ހުރެގެން ބަރާ ދުވާނީ ބޭރުންނެވެ.








