ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް އިތުރަށް ފުރިހަމަ ކުރުމުގެ ވިސްނުންތަކެއް އެބަހުރި ކަމަށް އެ މުބާރާތް ހިންގާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ ވިދާޅުވެއްޖެ އެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން، ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ގޯލްޑަން ފުޓްސަލް ޗެލެންޖް ބާއްވަން ފެށީ 2015 ވަނަ އަހަރު އެވެ. ފުރަަތަމަ ހަތަރު ފަހަރު ބޭއްވީ މާލޭ ސްޓޭޑިއަމްގަ އެވެ. އެކަމަކު، އެންމެ ފަހުން ދެ ފަހަރު، 2019 އާއި މި އަހަރުގެ މުބާރާތް ކުރިއަށްގެންދިޔައީ ހުޅުމާލެ ރެހެންދި ޓާފް ދަނޑުތަކުގަ އެވެ.
މިދިޔަ ތިން އަހަރެއްހާ ދުވަހު ގޯލްޑަން ފުޓްސަލް ޗެލެންޖް ނުބޭއްވި ދިޔައީ ކޮވިޑް-19ގެ ސަބަބުން ދިމާވި ދަތިތަކާ ހެދި އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން، ސޮނީގެ އިސް ފަރާތެއް ކަމަށްވާ، ރާއްޖޭގެ ކުރީގެ ކެޕްޓަން މުހައްމަދު ކަލީމް އަށް ޝަރަފްވެރި މަރުހަބާއެއް ކިޔަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ރިލްވާން ވިދާޅުވީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ހަ ވަނަ މުބާރާތާ ހަަމަ އަށް އައިއިރު ކޮންމެ އަހަރަކު ވެސް އެއް އަހަރަށް ވުރެ އަނެއް އަހަރު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެ ގޮތުން މި ފަހަރުގެ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ވުރެ، "ގްރޭންޑް" ކޮށް ބޭއްވުމަކީ ރިލްވާން ފާހަގަކުރައްވާ ކަމެކެވެ.
"91 ޓީމާ އެކީ 40 ވަރަކަށް ދުވަސް، އަނެއްހެން ބުނަންޏާ މުބާރާތަށް އެކީ ހުސްވެގެން މި ބޭއްވެނީ. އަޅުގަނޑާ އެކީގައި މަސައްކަތްކުރި ހުރިހާ ކުދިންނަށް ޝުކުރު އަދާކުރަން. ޓީީމުތަކުގެ ސަޕޯޓަރުންނާއި ކުޅުންތެރިންނާއި އޮފިޝަލުންނަށް ވެސް ޝުކުރު އަދާކުރަން. ވަރަށް ބުރަ މަސައްކަތުން މިހާ ކާމިޔާބު ކަމާ އެކު ނިމިގެންދިޔައީ،" ރިލްވާން ވިދާޅުވި އެވެ.
"ޕްލޭނާ އެއްގޮތަށް ހުރިހާ ކަމެއް ހިނގައިގެން ދިޔައީ. މި އަހަރަށް ވުރެ ރަނގަޅު ސްޕޮންސާއެއް އަންނަ އަހަރު ލިބިއްޖިއްޔާ މި އަށް ވުރެ ފުރިހަމަވާނެ،"
ތިން މިލިއަން ވިއުސް: ބޮޑު ކާމިޔާބެއް
މި ފަހަރުގެ މުބާރާތް ފަށައިގެން، އެހެން ފަހަރުތަކެކޭ އެއްގޮތަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ރަސްމީ ފޭސްބުކް ޕޭޖުން މެޗުތައް ވަގުތުން ދައްކަމުން ދިޔަ އެވެ.
އެކަމަކު، މުބާރާތުގެ ފުރަތަމަ ރޭތަކުގައި އަންނަން ފެށި ސައިބާ އެޓޭކްތަކުގެ ސަބަބުން ލައިވްކުރަން އުނދަގޫތަކެއް ކުރިމަތިވި އެވެ. އެކަމަކު، ކެނޑިނޭޅި ކުރަމުންދިޔަ މަސައްކަތުން އެކަންކަން ހައްލުވެ، ޔޫޓިއުބާއި ފޭސްބުކް އެއްކޮށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ލައިވް ކުރަން ފެށުމުން ޖުމްލަ އެއްކޮށް ތިން މިލިއަން ވިއުސް އެކި ފަހަރު މަތިން މެޗުތަކަށް ލިބިފައިވެ އެވެ.
"ހަގީގަތުގައި ވިއުސް އަޅުގަނޑުމެން ބަލާއިރު ފުރަތަމަ ލައިވް ސްޓާޓްކުރިއިރު އަޅުގަނޑުމެންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި. އެހެންވެ، ރާއްޖެ ނޫން ހުރިހާ ގައުމެއް ބްލޮކްކޮށްލައިގެން ލައިވްތައް ފެށީ. އުންމީދުކުރި ވަރަށް ވުރެ ރަނގަޅު ލައިވްގެ ކަންތައްތައް ދިޔަ ގޮތް،" ރިލްވާން ވިދާޅުވި އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް ކުރިއަށް އޮތްތަނުގައި ވެސް ބޭއްވުމުގެ ވިސްނުމުގައި މި ވަގުތު ހުރިއިރު، ރިލްވާނަށް އޮތް އެއް ހިތްހަމަޖެހުމަކީ ދާދި ފަހުން ރައިޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް، ރާއްޖޭގައި ފުޓްސަލް އިންޑޯ އެއް މި ދައުރު ނިމުމުގެ ކުރިން އަޅާނެ ކަމަށް ވިދާޅުވުމެވެ.
ރިލްވާން ވިދާޅުވީ އެ ދަނޑު ލިބޭ ކަމަށް ވެއްޖިއްޔާ ފުޓްސަލް އޭގެ ގޮތުގައި ބޭއްވުމުގެ މަސައްކަތް މިހާރަށް ވުރެ ރަނގަޅަށް ކުރެވޭނެ ކަމަށެވެ.
"ހަގީގަތުގައި ވަރަށް އުނދަގޫ ކަމެއް ދަނޑު ހޯދުން. ހަގީގަތުގައި ޓީމުތަކުގެ އަދަދު ގިނަވާ ވަރަކަށް، އެހެންވެ، މުބާރާތް ބޭއްވުމަށް ބޭނުންވާ މުއްދަތު އެބަ އިތުރުވޭ. މިހާރު ވެސް ވިސްނަން ޖެހޭ ކަމެއް. މުބާރާތެއް ބާއްވަން މިހާ ދިގު މުއްދަތެއް ނަގާތީ އަބަދު ފުރުސަތު ލިބޭ ކަމަށް ވަންޏާ މުބާރާތް ކުރިއަށްދާނެ. އެކަމަކު، މީގެ ވެސް ކަންތައްތަކެއް އެބަފެނޭ އިތުރު ވިސްނުމަކަށް ދާން ޖެހޭ ކަހަލަ،" ރިލްވާން ވިދާޅުވި އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް އެންމެ ފުރަތަމަ ބާއްވަން ވިސްނި ކޮންސެޕްޓަކީ ރަށްރަށަށް ގޮސްގެން އެ ރަށްރަށުގައި އަތޮޅު ބުރުގެ މެޗުތައް ކުޅެފައި، ޒޯން ވެސް އެ ގޮތަށް ބޭއްވުމެވެ. އެކަމަކު، އެ ފަދަ ވިސްނުމަކަށް ދާއިރު، ވަރަށް ބޮޑަށް ހަރަދުހިނގާތީ، މި ވަގުތަށް ފަށައިގަނެގެން ކުރިއަށްދާއިރު، މާލޭގައި ބާއްވަން ފެންނާތީ އެ ގޮތަށް ކުރިއަށް ދަނީ އެވެ.
"ވިސްނުން އެބަހުރި އެންމެ ފުރަތަމަ ޕްލޭން ކުރި ގޮތަށް އަތޮޅު ތެރޭގައި މުބާރާތް ކުރިއަށް ގެންދިއުމަށް. އަޅުގަނޑުމެންގެ އެންމެ ބޮޑު ފޯކަސް އޮތީ މި މުބާރާތަށް. އެހެން ނަމަވެސް އަތޮޅު ތެރޭގެ ފުޓްސަލް. އެ ބާއްވާ ފަރާތްތަކަށް ސަޕޯޓް ދީގެން ވިޔަސް ނޫނީ ވަކި ކޮންސެޕްޓަކަށް މުޅި ރާއްޖެ އަށް ހުޅުވާލައިގެން، އެހެން ފަރާތްތަކާ އެކީ މުބާރާތް ބޭއްވުމަކީ އަޅުގަނޑުމެން ގެންގުޅޭ ވިސްނުމެއް،" ރިލްވާން ވިދާޅުވި އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް ކުރިއަށްދިޔައިރު، މި ފަހަރު ސްޕޮންސަރުންގެ އެހީގައި އެކިއެކި ކަންތައްތަކެއް ވަނީ ކުރިއަށް ގޮސްފަ އެވެ. އެ ގޮތުން، މުބާރާތުގެ އެއް ޕާޓްނަރު، އެމްއައި ކޮލެޖްގެ ފަރާތުން ސްކޮލަޝިޕްތަކެއް އެވޯޑްކުރެވިފައިވެ އެވެ. މިއީ، މި މުބާރާތުގެ ތެރެއިން ފަހިވާ ފުރުސަތެއްގެ ތެރެއިން އެކި ދާއިރާތަކުން މީހުން ބިނާކުރަން ވެސް ހުޅުވޭ ދޮރެކެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރެއްގެ ގޮތުގައި މި ފަހަރު މަސައްކަތް ކުރީ "އަދަދު" ނޫހެވެ.












