ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލީކަމުގެ ތުހުމަތުގައި އެ ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް މިއަދު ސަސްޕެންޑްކޮށްފި އެވެ.
އޭނާ ސަސްޕެންޑްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ސެކިއުރިޓީ އޮޑިޓަކަށްފަހު އެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ, މިއަދު އެކަން މި ނޫހަށް ޔަގީންކޮށް ދެއްވަމުން ވިދާޅުވީ, އޮޑިޓުން ފާހަގަވި ކަންކަން ތަހުގީގު ކުރުމަށްޓަކައި ޑރ. ފާއިޒް މަގާމުން އެކަހެރިކޮށްފައިވާ ކަމަށެވެ.
ރިޒްނާ ވިދާޅުވި ގޮތުގައި, ޑރ. ފާއިޒަށް ތުހުމަތު ކުރެވެނީ ފަނޑިޔާރުންނަށް ފާރަލުމުގެ ތުހުމަތުތަކެކެވެ.
ޑރ. ފާއިޒް ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރު އެވެ. ސެކްރެޓަރީ ޖެނެރަލްއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އައްޔަންކުރައްވާ ފަރާތެކެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި، ސުޕްރީމް ކޯޓުގެ އިދާރީ، ކަންތައްތައް ބެލެހެއްޓުމާއި އެކަންތައްތައް ހިނގަމުންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމާއި، ސެކްރެޓަރީ ޖެނެރަލް ޒިންމާކުރެވޭ ދާއިރާއާ ގުޅޭ ގޮތުން ސިޔާސަތުތައް އެކުލަވައިލައި މަޝްރޫއުތައް ރޭވުމަށް ބޭނުންވާ މައުލޫމާތު ފަނޑިޔާރުންގެ މަޖިލީހަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފޯރުކޮށްދިނުން ހިމެނެ އެވެ.

އަދި އެކުލަވައިލެވޭ މަޝްރޫއުތަކާއި ޕްރޮގްރާމްތައް ސީދާ އުއްތަމަ ފަނޑިޔާރާ ފަނޑިޔާރުންގެ މަޖިލީހުގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުމާއި، ސުޕްރީމް ކޯޓުގެ ކުރިއެރުމާއި ތަރައްގީއަށް ދުރު ރާސްތާ، މެދު އަދި ކުރު ރާސްތާގެ ތަރައްގީގެ މަޝްރޫއުތައް އަދި ބޭނުންވާ ސްޓްރެޓީޖިކް ޕްލޭން އަދި އެކިއެކި ހަރަކާތްތަކުގެ މަސައްކަތު ތާވަލް އެކުލަވައި ތަންފީޒުކޮށް ހިންގައި މޮނިޓާކޮށް ބެލެހެއްޓުން ފަދަ މަސައްކަތްތައް ވެސް ޒިންމާގެ ތެރޭ ހިމެނެ އެވެ.













