މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހއ. ހޯރަފުށީގައި އިންޓަނޭޝަލް ފެންވަރުގެ ޕްރީސްކޫލެއް އެޅުމަށް ނިންމައި އެ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.
އެމްޓީސީސީން ބުނީ ހޯރަފުށީ އިންޓަނޭޝަނަލް ޕްރީސްކޫލަކީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތެއް ކަމަށެވެ. އެ މަޝްރޫއުގެ މަސައްކަތް ކުރުމުއްދަތެއްގެ ތެރޭގައި ނިންމާނެ ކަމަށް ވެސް އެމްޓީސީން ބުންޏެވެ.
"މި މަޝްރުއުގެ މަސައްކަތް ކުރުމުއްދަތެއްގެ ތެރޭގައި ނިންމާ، ހިދުމަތަށް ބޭނުންވެފައި ތިބި ތުއްތު ކުދިންނާއި ބެލެނިވެރިންގެ އުއްމީދު ފުރިހަމަ ކޮށްދިނުމަކީ އެމްޓީސީސީގެ އަމާޒެއް،" އެމްޓީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޕްރީސްކޫލުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލްގެ ބިންގާ އަޅުއްވައިދެއްވީ ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމެވެ. އެ ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާހް އާއި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމް އާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެ އެވެ.
"ރާއްޖޭގެ މުސްތަގުބަލް ކަމުގައިވާ ޅަ ދަރިންގެ އިލްމު ތަރައްގީކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ރޫހަކީ ކުންފުނި އުފެދުނީއްސުރެ ސަގާފަތުގައި ހިމެނޭ ކަމެއް،" އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކާ ގާތުން މަސައްކަތްކުރާނެ ކަމަށެވެ.













