ވ. އާރަށުގެ މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްގެ ފަރާތުން ދިފާއުގައި އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތް ހެކި ހުށަހެޅުމުގެ މަރުހަލާގެ ތެރެއިން 18 ހެއްކެއް ހުށަހަޅައިފި އެވެ.
އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އެ ރަށް 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ކުންފުންޏަކަށް ދޫކުރުމުގެ ބަދަލުގައި ޔާމީން އޭނާގެ އަތުން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެންގެވި ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލައިގައި ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ރިޝްވަތު ހިފުމުގެ ދައުވާ އުފުލައިފަ އެވެ. އެ ދައުވާތަކަށް އެ ދެ މީހުން ވެސް ވަނީ އިންކާރުކޮށްފަ އެވެ.
އެ މައްސަލައިގައި މިއަދު އޮތީ ދިފާއުން ހެކި ހުށަހެޅުމުގެ މަރުހަލާ އެވެ. ޔާމީންގެ ފަރާތުން މިއަދު ކްރިމިނަލް ކޯޓަށް ވަނީ ޖުމްލަ 11 ކިތާބީ ހެއްކާއި 7 ޝަފަހީ ހެކި ހުށަހަޅައިފަ އެވެ. އޭގެ އިތުރުން ޔޫސުފް ނައީމް ވެސް ވަނީ މިއަދު 16 ހެއްކެއް އޭނާގެ ދިފާއުގައި ހުށަހަޅައިފަ އެވެ. އޭގެން އެއްވެސް ހެއްކެއްގެ ތަފްސީލެއް މިއަދު ކޯޓުގައި ހާމައެއް ނުކުރެ އެވެ.
އޭގެ އިތުރުން، އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދިޔުމަށް ޔާމީންގެ ވަކީލުން ވަނީ ޝަރީއަތަށް މިއަދު ހުށަހަޅައިފަ އެވެ. އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓު އިސްގާޒީ އަހްމަދު ޝަކީލް ވަނީ ގޮތެއް ނިންމުމުގެ ކުރިން ދިފާއު އަށް ވެސް އަދި ދައުލަތަށް ވެސް އެ މައްސަލައިގައި ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވުމަށް މިއަދު ނިންމަވާފަ އެވެ.
މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިޔުމަކީ މައްސަލަތައް ސާބިތު ކުރުމުގައި މަދަނީ މައްސަލަތަކުގައި ބަލާ މިންގަނޑު ނުވަތަ 'ބެލެންސް އޮފް ޕްރޮބެބިލިޓީޒް' (ބޮޑަށް ބުރަވެވެނީ ކޮން ގޮތަކަށް) އިން ސާބިތުވޭތޯ ބެލުމެވެ. އޭގެ ބަދަލުގައި ޖިނާއީ މިންގަނޑަކީ 'ބިޔޯންޑް ރީޒަނަބަލް ޑައުޓް' ނުވަތަ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވޭތޯ ބެލުމެވެ.

ޔާމީނާއި ދެކޮޅަށް ކުރާ ދައުވާތަކަކީ ޖިނާއީ ދައުވާތަކެއް ކަމުން އެ މައްސަލަ މިހާރު ބަލަނީ ޖިނާއީ މިންގަނޑުންނެވެ.
ދެން އެ މައްސަލައިގައި އަޑުއެހުމެއް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހަށެވެ. އެ އަޑުއެހުމުގައި މަދަނީ މިންގަނޑުން އެ މައްސަލަ ކުރިއަށްގެންދިޔުމާ ދޭތެރޭ ދެ ފަރާތުން ވެސް ވާހަކަ ދައްކާނެ އެވެ.
މިއަދުގެ އަޑުއެހުމުގައި ވެސް ދިފާއުން ވަނީ މައްސަލައިގެ ޝަރީއަތް ލައިވްކޮށްދޭން އެދިފަ އެވެ. އެ އެދުމަށް ގާޒީ ޝަކީލް ވިދާޅުވީ، މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ފެށުމުގެ ކުރިން އެކަންކަން އިންތިޒާމު ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް، އަދި އެ މައްސަލަ ލައިވް ކުރެވޭނެ އިންތިޒާމެއް ކޯޓުގައި ނެތް ކަމަށެވެ.












