އެމެރިކާގެ ފިލްމީ ތަރި، ބްރޫސް ވިލިސްއަށް ސިކުނޑީގެ މައްސަލައެއް ކަމަށްވާ އެފޭސިއާ ދިމާވުމާ ގުޅިގެން ފިލްމު ކުޅުން ހުއްޓާލަން ނިންމައިފި އެވެ.
އެފޭސިއާއަކީ ވާހަކަ ދެއްކުމާއި ލިޔުމުގެ ގާބިލްކަމަށް ހުރަސް އެޅޭ މައްސަލައެކެވެ. ބްރޫސް ވިލިސްގެ އެކްޓިން ކެރިއަރު ނިންމާލިކަން އިއުލާނު ކުރީ އާއިލާއިންނެވެ.
އަންހެނުން އެމާ ހެމިންގް ވިލިސް އާއި ކުރީގެ އަންހެނުން ޑެމީ މުއާ އިންސްޓަގްރާމްގައި ނެރުނު ބަޔާނެއްގައި ބުނީ އެފޭސިއާގެ ސަބަބުން ބްރޫސް ވިލިސްގެ ދިރިއުޅުމަށް އަސަރުކޮށްފައިވާ ކަމަށެވެ.
އުމުރުން 67 އަހަރުގެ ވިލިސްއަށް މަގްބޫލްކަން ލިބި ފިލްމީ ތަރިއަކަށް ވީ "ޑައި ހާޑް" ފިލްމް ސީރީޒްގައި ކުޅުނު ރޯލު ޖޯން މެކްކްލޭން އިންނެވެ.
"ވަރަށް ގިނަ ވިސްނުންތަކަށް ފަހު ބްރޫސް ނިންމާފައި ވަނީ ކެރިއަރާ ދުރަށް ޖެހެން،" އާއިލާއިން ނެރުނު ބަޔާނުގައި ބުންޏެވެ.

"މިއީ އާއިލާއަށް ގިނަ ގޮންޖެހުންތަކެއް ހުރި ވަގުތެއް."
ވިލިސްގެ ދެ ކައިވެންޏަށް ފަސް ދަރިން ލިބިފައިވެ އެވެ. އޭނާ ކެރިއަރުން ފެށީ 1980 ގެ ކުރީކޮޅުގަ އެވެ. ނަމަވެސް މަގްބޫލުކަން ލިބެން ފެށީ 1980 ގެ ފަހުކޮޅު އެވެ.
އެގޮތުން އޭބީސީ ޓީވީގެ ސީރީޒް "މޫންލައިޓިން" ގައި މަގްބޫލްކަން ހޯދައި، 1988 ވަނަ އަހަރު ނެރުނު "ޑައި ހާޑް" ގެ ފުރަތަމަ ފިލްމުން ގިނަ ބަޔެއްގެ ލޯބި ހޯދި އެވެ.
އޭގެ ފަހުން އޭނާގެ "ދަ ސިކްތް ސެންސް"، "އާމެގެޑަން" އަދި "ޕަލްޕް ފިކްޝަން" ފަދަ ފިލްމުތަކުން ފަސް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ހޯދާފައިވެ އެވެ.
ފަސް ފަހަރަށް ގޯލްޑަން ގްލޯބްސް އެވޯޑަށް ނޮމިނޭޓްވެ، "މޫންލައިޓިން" އިން އެވޯޑު ހޯދި އެވެ. އޭގެ އިތުރުން ތިން ފަހަރަށް އެމީ އެވޯޑަށް ނޮމިނޭޓްވެ، ދެ އެވޯޑު ހޯދި އެވެ.










