ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ ހިދުމަތަށް، ރައްޔިތުން އެދޭ ފަދަ ބޮޑު ހެޔޮ ބަދަލެއް ގެނެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ގެނައި ބަދަލުތަކުގެ ސަބަބުން ފުލުހުންގެ "ތަސްވީރުގެ ކުލަ ރީތިވެއްޖެ" ކަމަށެވެ.
"ރައްޔިތުން ބޭނުންވީ ޔުނިފޯމްގައި ހުންނަ ފުލުހަކު ފެނުމުން އެއީ ތިމާއަށް އޮތް ބިރެއް ނުވަތަ ނުރައްކަލެއް ނޫންކަން އިހްސާސްވުން. ފުލުސް ޔުނިފޯމާ ބެލްޓުގައި ހުރި އާލާތްތަކަކީ ރައްޔިތުންގެ ހިމާޔަތްކަމުގައި ގަބޫލު ކުރުން. ފުލުހުން އައުމުން ހިމާޔަތާ ރައްކާތެރިކަމާއި އަމާންކަން އަތުވެއްޖެކަން ހިތަށް ވެރިވުން،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު ކެރި ހުރެ މިދަންނަވަނީ މި ވޭތުވެދިޔަ ތިން އަހަރު ކުރެވުނު މަސައްކަތުން ފުލުހުންގެ ހިދުމަތަށް ހެޔޮ ބަދަލު އަތުވެއްޖެ"
ރައީސް ވިދާޅުވީ ފުލުހުންނަށް އައި އެންމެ ބޮޑު ބަދަލަކީ ޒަމާނީ ފުލުހުންގެ ގާނޫނު ކަމަށެވެ. ނަމަވެސް އަދިވެސް ފުލުހުންގެ ހިދުމަތަށް ބަދަލުތައް އަންނަންޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"89 އަހަރުވިޔަސް ހަގީގަތުގައި ފުލުހުންނަށް ބޭނުންވާ ވަރަށް ގިނަ ކަންކަން އަދިވެސް ހުރީ މާޒީގައި ހުއްޓި ހުރި ތަނުގަ. ހާއްސަކޮށް ތިބޭފުޅުންގެ ބެރެކްސްތަކާ މަސައްކަތްކުރާ މާހައުލުގައި ހުންނަންޖެހޭ ފަސޭހަކަން އޭގެ ގާތަކަށް ވެސް ފުރިހަމަވެފައެއް ނެތް،" އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒެއް ގާއިމް ކުރައްވާނެ ކަމަށެވެ.
"އަންނަ 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ހިދުމަތް އިރާދަކުރެއްވިއްޔާ ގާއިމުކޮށް ނިމޭނެ. އުމްރާނީ ވަސީލަތާ އެކުއެކީ ދިވެހި ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތުގެ މަގު މިދަނީ އަލިވަމުން. މިއީ ރައްކާތެރި އަމާން ދިވެހިރާއްޖެއެއް ކަށަވަރު ކުރުމަށް ހިންގޭ ބޮޑު މަޝްރޫއެއް،" ރައީސް ވިދާޅުވި އެވެ.













