ރިޕޯޓުޚުލާސާކޮށް މަޖިލިސް: ޝަކުވާގެ ދުވަހެއް!

ޚުލާސާކޮށް މަޖިލިސް: ޝަކުވާގެ ދުވަހެއް!

ގަމު ރީޖަނަލް ހޮސްޕިޓަލުގެ ހާލަތު ގޯސްވުމުގެ ޝަކުވާ އިދކޮޅުން ކުރި އިރު އެމްޑީޕީގެ ބައެއް މެމްބަރުންގެ ޝަކުވާ އަކީ އެ މައްސަލަ ބަލައިގަންނަން ޕާޓީގެ ބައެއް މެމްބަރުން ވޯޓް ނުދިނުން.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: މިއަދުގެ ޖަލްސާގައި ބޮޑަށް އޮތީ ޝަކުވާ -- ފޮޓޯ: މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: މިއަދުގެ ޖަލްސާގައި ބޮޑަށް އޮތީ ޝަކުވާ -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި، އަތޮޅު ތެރޭގެ ތަރައްގީގެ މަޝްރޫއުތަކާއި ހޮސްޕިޓަލު ފަދަ މުހިންމު ތަންތަން ހިންގުމުގައި މައްސަލަ ހުރި ކަމަށް ބުނެ މެމްބަރުން ޝަކުވާ ކުރި އެވެ.

މަޖިލީހުގެ މިއަދުގެ އެޖެންޑާގައި އޮތީ ވެސް މަދު މައްސަލައެކެވެ.

ފުރަތަމައަށް އޮތީ ލިއުމުން ޖަވާބު ހޯއްދަވަން، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާ ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބު އިއްވުމެވެ. ދެވަނައަށް އޮތީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރު ދަށްވެގެން ސަރުކާރުގެ ސަމާލުކަމަށް އެކަން ގެންނަން ހުށަހެޅި މައްސަލައެއްގެ ބަހުސެވެ. ކުންފުނީގެ ގާނޫނުގެ ބިލަށް ބަހުސްކުރުން ވެސް މިއަދު އޮތެވެ.

މެމްބަރުންގެ އަދަދު ވަރަށް މަދުކޮށް، މަޖިލީހުގެ ތަޅުން ވަރަށް ފަޅުކޮށް ކުރިއަށް ގެންދިޔަ ޖަލްސާގައި އެންމެ ދިގުކޮށް ބަހުސް ކުރީ ގަމު ރީޖަަނަލް ހޮސްޕިޓަލްގެ ހާލަތު ގޯސްވެފައިވާތީ ސަރުކާރުގެ ސަމާލުކަމަށް އެކަން ގެންނަން، މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި މައްސަލަ އަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ ދަށުން އެެ މައްސަލަ ހުށަހަޅުއްވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސައީދު ވިދާޅުވީ ގަމު ރީޖަނަލް ހޮސްޕިޓަލްގައި ޓާޝަރީ ފެންވަރަށް ވަސީލަތްތައް ގާއިމް ނުކުރެވި، ބަލިމީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތަކެއް ހިނގާފައިވާ ކަމަށެވެ. އެފަދަ ހާދިސާތައް ހިނގާފައި ވަނީ އޭނާ ވިދާޅުވި ގޮތުގައި ފަރުވާކުޑަވެގެންނާއި ހޮސްޕިޓަލްގެ ހިންގުން ދޯދިޔާކަމުންނެވެ.

"...ގަމު ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިންގުން ހަރުދަނާކޮށް މިމައްސަލަތައް ވީހާވެސް އަވަހަށް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހަޅަމެވެ،" ސައީދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި މަޖިލީހަށް އެ މައްސަލަ ހުށަހެޅުއްވީ ކޮންމެހެން ތިބެން ޖެހޭ ސްޕެޝަލިޓީތަކުގެ ޑޮކްޓަރުން ނެތީމަ އެވެ. އެހޮސްޕިޓަލްގައި ޓެސްޓްތައް ހެދެން ނެތުމާއި އެހެނިހެން ވަސީލަތްތައް ނެތުމާއި އިމާރާތްތައް މަރާމާތު ނުކުރެވުމުގެ މައްސަލަ ވެސް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލް ހިންގަން އަލަށް އެކުލަވައިލި ބޯޑަށް އެ ހޮސްޕިޓަލްގެ މުވައްޒަފުންގެ ކަންތައްތައް ނުބެލެހެއްޓޭ ކަމަށް ވެސް ސައީދު ތުހުމަތުކުރެއްވި އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 31 މެމްބަރުންގެ ތެރެއިން 20 މެމަބަރުންގެ ވޯޓުންނެވެ. އެ މައްސަަލަ ބަލައިގަންނަން ނުފެންނަ ކަމަށް 11 މެމްބަރުން ވޯޓް ދެއްވި އެވެ.

މިއަދުގެ ހާޒިރީ

  • ހާރިޒުވެވަޑައިގެންނެވީ: 27 މެމްބަރުން
  • ސަލާމުގައި: 06 މެމްބަރުން
  • ރަސްމީ ދަތުރުފުޅުތަކުގައި: 05 މެމްބަރުން
  • ވަކިގޮތެއް ނާންގަވައި ޖަލްސާއަށް ވަޑައިނުގެން ތިއްބެވީ: 49 މެމްބަރުން

އެ މައްސަލައިގެ ބަހުސްގައި އިދިކޮޅު މެމްބަރުންނާ ދާދި އެއް ގޮތަށް، އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ސަރުކާރަށް ފާޑުވިދާޅުވެ ޝަކުވާ ކުރެއްވި އެވެ. އެގޮތަށް ފާޑުވިދާޅުވި އެއް މެމްބަރަކީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.

ގަމު ހޮސްޕިޓަލްގެ ހާލަތު މިހާރު އޮތް ގޮތުގެ ތަފްސީލް ދެއްވަމުން ސިރާޖު ވިދާޅުވީ މިއީ ވަރަށް ލަދުވެތި ދުވަހެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ބަލައިގަތުމާ ދެކޮޅަށް އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އެމްޑީޕީގެ ބައެއް މެމްބަރުން ވޯޓު ދެއްވުމަކީ ލަދުވެތި ކަމެކެވެ.

"ގަން ރީޖަނަލް ހޮސްޕިޓަލްގެ ހާލަތު ވަރަށް ބޮޑަށް ދަށް. އެކްސްރޭއެއް ނުނެގޭތާ މިހާރު ތިން މަސް. ދަތުގެ ފަރުވާއެއް ނުލިބޭތާ މިހާރު އެއް އަހަރަށް ވުރެ ގިނަދުވަސް ވީ. ސްކޭން ޑޮކްޓަރެއް އެއްގޮތަކަށް ނެތްތާ ހަމަސްވީ. މިހެން ކިޔަން [އެބަހުރި] ބައިވަރު ކަންކަން އިއްޒަތްތެރި ރައީސް،" ސިރާޖް ވިދާޅުވި އެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލްގެ ހާލަތު ގޯސްކަމުގެ ޝަކުވާގެ އިތުރުން އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ކުރެއްވި އަނެއް ޝަކުވާ އަކީ ކަމެއް ގޯސްވިޔަސް، ސަރުކާރަށް ފާޑުކިއުން އަމާޒުވާ ބަހުސެއް ނަމަ އެ ބަހުސަކަށް ހުރަސް އަޅަން އެެޕާޓީގެ ބައެެއް މެމްބަރުން މަސައްކަތްކުރައްވާ ކަމުގެ ޝަކުވާ އެވެ.

މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ އާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުވެސް އެ ޝަކުވާ ކުރެއްވި އެވެ.

މަޖިލީހުގެ ކޮމިޓީއެއްގައި ވެސް މިއަދު ބޮޑު ޝަކުވާއެއް އޮތެވެ. އެއީ ބ. އަތޮޅުގައި ރިސޯޓް ހިންގާ ފަރާތްތަކުން އެ އަތޮޅުގެ ބައެއް ފަޅުރަށްތައް "ހަލާކުރާ"ކަމުގެ ޝަކުވާ އެވެ. މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް އެ ޝަކުވާ އުފުލީ އަތޮޅު ކައުންސިލުންނެވެ.

ދުވަހުގެ ފޮޓޯ

ބ. އަތޮޅުކައުންސިލްގެ މެމްބަރުން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެމްބަރުންނާ ވާޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވަނީ.
ބ. އަތޮޅުކައުންސިލްގެ މެމްބަރުން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެމްބަރުންނާ ވާޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވަނީ.

ބ. އަތޮޅުކައުންސިލްގެ މެމްބަރުން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެމްބަރުންނާ ވާޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވަނީ.

ދުވަހުގެ ކޯޓޭޝަން

މިތަނުން ރަތަށް ފިތިއްޔާ ލ. އަތޮޅު ރައްޔިތުންނަށް ނޭނގޭނީތޯ ހޮސްޕިޓަލުގެ ހާލަތު؟ މިތަނުން ރަތަށް ފިތީމާ ލ. އަތޮޅުގެ ރައްޔިތުންނަށް އެނގޭނީ މައްސަލަ މިއޮތީ މިގޮތަށޭ އެކަމަކު މަޖިލީހުން، އެމްޑީޕީން މި މައްސަލަ ބަލާކަށް ބޭނުމެއް ނުވިއޭ--އީވާ

ރައްޔިތުންގެ މަޖިލީހުގެ ތާރީހުން ކިޔާލުމަށް

"1984 ވަނަ އަހަރުގެ ރިޔާސީ ބަޔާން"

މިއީ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި އެއިރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް އިއްވެވި ރިޔާސީ ބަޔާނެވެ. ފެބްރުއަރީ 28، 1984 ވަނަ ދުވަހު ބޭއްވި އެ ޖަލްސާގައި، އަދުލްއިންސާފާއި ތައުލީމާއި ސިއްހަތާއި އިގްތިސާދާއި ބޯޓުފަހަރުދުއްވުމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ޓުއަރިޒަމާ ގުޅޭ ގޮތުން އެމަނިކުފާނު ވާހަކަ ދެއްކެވި އެވެ.

މުހައްމަދު ނަސީމް

ސީނިއާ ޖާނަލިސްޓް

މުހައްމަދު ނަސީމް ނޫސްވެރިކަމުގެ ކެރިއަރު ފެށީ 2006 ވަނަ އަހަރު އެވެ. އޭނާ އަކީ ބޭރު ދުނިޔޭގެ ހަބަރުތަކާއި ރާއްޖޭގެ ސިޔާސީ ހަބަރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ހަބަރުތައް ކަވަރުކުރުމުގައި ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ "ޖަޒީރާ"، "ސަން"، "އަވަސް" އަދި "މިހާރު" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox