މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ހައްޔަރުކުރާ "ބޮޑުން" ކޯޓު މަރުހަލާއިން ދޫވާ މައްސަލަ، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ކުރެއްވި ތުހުމަތާއެކު މިވަނީ މުޅީން އެހެން މިސްރާބަކަށް އެނބުރިގެން ގޮސްފަ އެވެ.
ފެބްރުއަރީ 17 ގައި ޖުޑިޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި އޭޖީ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ގަސްދުގައި ގޯސްހަދާ ފަރާތްތައް ތަހުގީގީ އިދާރާތަކުގައި އެބަތިބި ކަމަށާއި އެފަދަ ފަރާތްތައް ފުލުހުންގެ ތެރޭގައި ވެސް އެބަތިބި ކަމަށެވެ. އޭޖީގެ އެވާހަކައާ ގުޅިގެން ލިއުމުން ޖަވާބު ހޯއްދަވަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރެއްވި ސުވާލަކަށް މިމަހުގެ 14 ވަނަ ދުވަހު ދެއްވި ޖަވާބުގައި ހޯމް މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ތެރޭގައި އެފަދަ ބަޔަކު ނެތް ކަމަށެވެ.
އެއާއެކު އޭޖީއާއި ހޯމް މިނިސްޓަރާ ދެބޭފުޅުންގެ ތެރެއިން ކޮންމެވެސް އެއް ވަޒީރަކު އިތުރުފުޅު ހައްދަވާފައިވާ ކަަމަށް ގަބޫލުކުރެއްވޭ ކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް މަޖިލީހަށް މިއަދު މައްސަލައެއް ހުށަހެޅުއްވި އެވެ.
އޭޖީ ނުވަތަ ހޯމް މިނިސްޓަރު މަޖިލީހަށް އިތުރުފުޅު ހައްދަވާފައިވާ ކަމަށް ތުހުމަތުކުރައްވައި އާދަމް ޝަރީފް މިއަދު ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 31 މެމްބަރުންގެ ތެރެއިން 18 މެމްބަރަކު ވޯޓު ދެއްވައިގެންނެވެ. އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓުދެއްވީ 13 މެމްބަރެކެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ މެމްބަރަކު ނެތެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގަތުމާއެކު ކުރިއަށްދިޔަ ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ އޭޖީ އިތުރުުފުޅު ހެއްދެވިކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ކޯޓްތަކާއި ފުލުހުންގެ އިދާރާގައި ގޯސްހަދާ މީހުން ތިބުމަކީ މުޅި ދުނިޔޭގައި ވެސް ކަން އޮތް ގޮތްކަން އެންމެނަށް ވެސް އެނގޭ ކަމަށެވެ.

"މަސްތުވާތަކެއްޗާ ގުޅޭ ކަންކަމާ ހިއުމަން ޓްރެފިކިންއާ ގުޅޭ ކަންކަމާ މިކަހަލަ ބޮޑެތި ޖަރީމާތަކުގައި މިކަހަލަ ބޮޑެތި ޖަރީމާތަކުގައި ގަސްދުގައި ގޯސްހަދާ ފުލުހުން މުޅި ދުނިޔޭގައި ވެސް އުޅޭކަން އެނގޭ. އެއީ ދެން ދޮގުނުކުރެވޭނެ ވަރުގެ ވާހަކައެއް،" އީވާ ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހުސައިން ވިދާޅުވީ ފުލުހުންގެ ތެރޭގައި 3،000 އަށް ވުރެ ގިނަ މީހުން ތިބޭ އިރު އޭގެ ތެރޭގައި ގޯސް ހަދާ މީހުން ތިބޭނެ ކަމަށެވެ.
"އެތަނުގައި އެއްވެސް ގޮތަކަށް ގޯސްހަދާ މީހުން ނުތިބޭ ކަަމަށް އެއްވެސް މިނިސްޓަރަކު ވިދާޅުވާ ނަމަ އަޅުގަނޑު ގަބޫލުކުރާނީ އެއީ ހަމަ ކަނޑައެޅިގެން ހައްދަަވާ އިތުރުފުޅެކޭ،" އަލީ ވިދާޅުވި އެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ހަނިގޮތަކަށް މިއަދު ފާސްވި ނަމަވެސް އެ މައްސަލަ ކަމާ ބެހޭ ކޮމިޓީއަށް ގެންގޮސް ދިރާސާކުރަން ފާހެއް ނުވި އެވެ.
އެ މައްސަލަ ކޮމިޓީއަށް ފޮނުވަން ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި ހުށަހެޅުއްވުމާ އެއްކޮޅަށް ވޯޓް ދެއްވީ ނުވަ މެމްބަރުންނެވެ. އެ ހުށަހެޅުން ފާސްނުކުރަން 11 މެމްބަރަކު ވޯޓު ދެއްވި އެވެ.
އެނގިފައިވާ ގޮތުގައި އެ ހުށަހެޅުން ފާސްނުކުރަން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވިޕެއް ނެރުމުން، ނަޝީދު އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ވިޕެއް ނެރުނީ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގެ ޒަރިއްޔާއިންނެވެ.
އާދަމް ޝަރީފު ހުށަހެޅުއްވި މައްސަލަ ކޮމިޓީއަށް ފޮނުވުމާމެދު އެމްޑީޕީ ޕީޖީ ގްރޫޕްގެ ވިޕް އަދި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ނެރުއްވީ "ރެޑް" އެވެ. މީގެ މާނައަކީ އެ މައްސަލަ ކޮމިޓީއަށް ގެންދިއުމާ އެއްކޮޅަށް ވޯޓުނުލާން އެންގުމެވެ.
އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ހައްގުތައް މުހިންމު ނުވި
އާދަމް ޝަރީފްގެ ކުރިން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ.
ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ގާއިމުވެތިބޭ ކަމަށް ތުހުމަތުކޮށް އެކަމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ދަށުން މިދިޔަ ހުކުރު ދުވަހު މާލޭގައި ކުރި މުޒާހަރައިގެ ތެރެއިން ހައްޔަރުކުރި އިދިކޮޅު ސަޕޯޓަރުން ދޫކޮށްލުމަށް ގޮވާލައި ޝިޔާމް ހުށަހެޅުއްވި މައްސަލަ ވަނީ ބަލައިނުގަނެ ބޭރުކޮށްލައިފަ އެވެ.
ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަނެ، ބަހުސްކުރަން ނުފެންނަކަމަށް ފާސްކުރީ 26 މެމްބަރުން ވޯޓާއެކު އެވެ. އެ ކުއްލި މައްސަލަ ބަލައިގަތުމާ އެއްކޮޅަށް ވޯޓު ދިނީ އެންމެ ތިން މެމްބަރުންނެވެ.
މަޖިލީހުގެ ހާޒިރީ
ހާޒިރުވެވަޑައިގެންނެވި: 30 މެމްބަރުން
ސަލާމުގައި: 8 މެމްބަރުން
ރަސްމީ ދަތުރުގައި: 4 މެމްބަރުން
ދުވަހުގެ ފޮޓޯ

އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރައްވަމުންދާ އަދި ސޭފް ހޭންޑްސް ފޯ ގާލްސްގެ ފައުންޑާ އަދި ސީއީއޯ، މިސް ޖަހާ ޑުކުރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރެއްވުން. -ފޮޓޯ: މަޖިލިސް
ދުވަހުގެ ކޯޓޭޝަން
އިއްޒަތްތެރި މެންބަރަށް ތި ދިމާވި އަނިޔާވެރި ގޮތުގެ ސަބަބުން އަޅުގަނޑުގެ ވެސް ހަމަ ހިތްފަޅައިގެންދޭ. ތި ވިދާޅުވީ 24 ގަޑިއިރު ގޮޅީގައި އިންނަވަންޖެހިވަޑައިގަތުމާއި، އަދި ގޮނޑިއެއްގައި ބައިންދަވާފައި އިނީމާ؛ އަޅުގަނޑު ވެސް ހަމަ ހިތްފަޅައިގެންދޭ ތި ކަންކަމަށް
- މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އިދިކޮޅު މުޒާހަރާގެ ތެރެއިން ހައްޔަރުކުރުމާ ގުޅުވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު.












