އެމެރިކާގެ ރޮކް ބޭންޑް، ފޫ ފައިޓާޒްގެ ޑްރަމަރު ޓެއިލާ ހޯކިންސް އުމުރުން 50 އަހަރުގައި މަރުވެއްޖެ އެވެ.
ބޭންޑުން ސޯޝަލް މީޑިއާގައި އާއްމުކުރި ބަޔާނެއްގައި ބުނީ "ކުއްލި ގޮތަކަށް މަރުވެ ދިޔުމުން ފުން ހިތާމައެއްގައި" ތިބި ކަމަށެވެ. ހޯކިންސް މަރުވި ސަބަބު ހާމައެއް ނުކުރެ އެވެ.
ހޯކިންސް ވަނީ 20 އަހަރަށް ވުރެ ގިނަ ދުވަހު ފޫ ފައިޓާޒްގެ ޑްރަމަރުގެ ގޮތުގައި އުޅެފަ އެވެ. އޭނާ ބޭންޑާ ގުޅުނީ 1997 ވަނަ އަހަރުގެ އަލްބަމް "ދަ ކަލާ އެންޑް ދަ ޝޭޕް" ނެރުނު ފަހުންނެވެ.
މި ވަގުތު ބޭންޑު އުޅެނީ ދެކުނު އެމެރިކާ ގައުމުތަކުގެ ޓުއާއެއްގަ އެވެ.
"އޭނާގެ މިޔުޒިކީ ރޫހާއި ބާރުގަދަ ހިނިތުންވުން ތާ އަބަދަށް އަހަރުމެންނާ އެކުގައި ވާނެ،" ބޭންޑުން ނެރުނު ބަޔާނުގައި ބުންޏެވެ.

ފޫ ފައިޓާޒްއަކީ 1994 ވަނަ އަހަރު ޑޭވް ގްރޯލް އުފެއްދި ބޭންޑެކެވެ. ޑޭވް ގްރޯލް އޭގެ ކުރިން އުޅުނު ނިރްވާނާ ބޭންޑް އުވާލީ ލީޑް ލަވަކިޔުންތެރިޔާ ކާޓް ކޮބެއިން މަރުވުމުންނެވެ.
ނިރްވާނާގައި ގްރޯލްއަކީ ޑްރަމަރެއް ނަމަވެސް، ފޫ ފައިޓާޒްގައި އޭނާ އުޅުނީ ލީޑް ލަވަކިޔުންތެރިޔާ އަދި ގިޓަރިސްޓެއްގެ ގޮތުގަ އެވެ. އެހެންވެ، ފޫ ފައިޓާޒްގެ ޑްރަމަރުގެ ޒިންމާ ލިބުނީ ހޯކިންސް އަށެވެ.
ފޫ ފައިޓާޒްއާ ގުޅުމުގެ ކުރިން ހޯކިންސް އުޅުނީ ލަވަކިޔުންތެރިޔާ އެލެނިސް މޮރިސެޓްގެ ޑްރަމަރެއްގެ ގޮތުގަ އެވެ.
މީގެ ކުރިން 2001 ވަނަ އަހަރު ހޯކިންސް ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެރޮއިން ބޭނުންކޮށް އޯވާޑޯޒްވުމުގެ ސަބަބުން ދެ ހަފްތާ ކޯމާއެއްގައި ހޭދަކޮށްފަ އެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން 2018 ވަނަ އަހަރު ވާހަކަ ދައްކަމުން ބުނީ ހޯކިންސް ބުނީ އެއީ "އޭނާގެ ހަޔާތް ބަދަލުކޮށްލި ހިސާބެއް" ކަމަށެވެ.










