ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ 2022 ވަނަ އަހަރުގެ މުބާރާތުގައި ރޭ ކުޅުނު ކުއާޓާ ފައިނަލްގެ މެޗުތަކުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން، ތ. ތިމަރަފުށްޓާއި ކ. ގާފަރު، ދ. ކުޑަހުވަދޫ އަދި ޏ. ފުވައްމުލަކު މާލެގަން އިން ހޯދައިފި އެވެ.
ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި މާފަންނު އަތުން ގާފަރު މޮޅުވި 4-0 އިންނެވެ. ދެ ވަނަ ކުއާޓާ ފައިނަލުގައި ހުޅުމާލޭގެ މައްޗަށް މާލެގަން އިން ކުރިހޯދީ 3-1 އިންނެވެ. ތިން ވަނަ ކުއާޓާ ފައިނަލުގައި ތިމަރަފުށިން ރ. ދުވާފަރު ބަލިކުރީ 8-2 އިންނެވެ. އަދި ހަތަރު ވަނަ ކުއާޓާ ފައިނަލުގައި ކުޑަހުވަދޫ އާއި ބ. އޭދަފުށި ކުޅުނު މެޗު 4-4 އިން އެއްވަރުވެ، ޕެނަލްޓީ ޖެހިއިރު، ކުޑަހުވަދޫ މޮޅުވީ 3-2 އިންނެވެ.
ގާފަރާއި މާފަންނު ކުޅުނު މެޗުގެ ބޮޑުބައި ދެ ޓީމު އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އެކަމަކު، މެޗުގެ 32 ވަނަ މިނިޓްގައި ގާފަރުގެ އަލީ މާއިޝް (މައްޓު) ވަނީ މޮޅު ގޯލެއް ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. މާފަންނުން ނަތީޖާ ހަމަހަމަކުރަން ފޮނުވާލި ބޯޅަތައް ގާފަރު ގޯލްކީޕަރު އަދި ކެޕްޓަން ފައްޔާޒް ފަޔާޒް (ފައިއްޓެ) ވަނީ މަތަކޮށްފަ އެވެ.

ގާފަރުގެ ގައިސާން އަތުން ބޯޅަ ހޯދަން މާފަންނު ޓީމުގެ ނާޖީ ޓެކަލްކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ގާފަރުން ޖެހި ދެ ވަނަ ގޯލަކީ ޕެނަލްޓީ އަކުން މައްޓު ޖެހި ގޯލެކެވެ. މި ޕެނަލްޓީ އަކީ މާފަންނުގެ ކީޕަރު އިބްރާހިމް ނާޖިހު ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އެ ފައުލާ ގުޅިގެން ރެފްރީ އާއި މާފަންނު ކުޅުންތެރިންނާ ދެމެދު ހިނގި ދެބަސްވުމެއްގެ ތެރެއިން މާފަންނުގެ އިސްމާއިލް ހަމްދުﷲ އާއި ޔާމީން މުހައްމަދު (ޔާންޓެ) އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ގާފަރުން ދެ ގޯލުގެ ލީޑެއް ނެގުމުން، މާފަންނުގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް އެޓޭކަށް އެރި އެވެ. އޭގެ ފައިދާނަގައި ގާފަރުގެ ނާއިހް މުފީދު އެ ޓީމަށް އިތުރު ދެ ގޯލު ޖަހައިދިނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މައްޓު އެވެ.
ސެމީގައި ގާފަރު ކުޅެން ޖެހޭނީ މާލެގަން ޓީމާ އެވެ. ހުޅުމާލެ ޓީމުގެ އަލީ ނާހިލް އަހުމަދު ގޯލު ޖެހިއިރު، މާލެގަން ޓީމުގެ ގޯލުތައް ޖެހީ މުހައްމަދު ވިޝާލް އިބްރާހިމް، އިބްރާހިމް އަރީޝް އަދި މުހައްމަދު ސާދު ނިޒާރު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހުޅުމާލެ ޓީމުގެ ގިނަ ބޯޅަތަކެއް ހުއްޓުވި މާލެގަން ޓީމުގެ ގޯލްކީޕަރު އަހުމަދު ޝަރަފް އެވެ.

މާލެގަން ޓީމުގެ ސާދު ރޭގެ މެޗުގެ ތެެރެއިން ބޯޯޅަ ހިފައިގެން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ތިމަރަފުށިން ވަނީ މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ފަސް ގޯލުގެ ލީޑެއް ނަގައިފަ އެވެ. ބަދަލެއްގެ ގޮތުގައި އަރައި، އާދަމް ނާސިހު (އާދަންނާ) ވަނީ ޖެހިޖެހިގެން ދެ މިނިޓްގައި ދެ ގޯލު ޖަހައިފަ އެވެ. އޭގެ ފަހުން ތިމަރަފުށީގެ ފަސް ފައުލް ހަމަވެގެން ދިން ދުރު ޕެނަލްޓީއެއްގައި ދުވާފަރުގެ އިސްމާއިލް އަހުމަދު ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިމަރަފުށިން އިތުރު ތިން ގޯލު ޖެހިއިރު، މި ލަނޑުތައް ކާމިޔާބުކުރީ އިބްރާހިމް އަސްވަދު (ގަބޭ) އާއި އިސްމާއިލް މުނީޒް އަދި އަލީ ޝިފާއު (ރޮނާ) އެވެ. ރޮނާ ޖެހީ ހާފުގެ މެދަށް ވުރެ ކުޑަތަންކޮޅެއް ކައިރިން ގޯލުގެ ދަނޑީގައި ޖައްސައިފަ އެވެ.
ދެ ވަނަ ހާފްގައި ކުޅެން ނުކުމެ، ތިމަރަފުށިން އިތުރު ތިން ގޯލު ޖެހިއިރު، ގަބޭ ވަނީ ދެ ގޯލު ޖަހައި ހެޓްރިކެއް ހަދައިފަ އެވެ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގަބޭގެ ބައިވެރިވުން އޮވެގެން ކުރި އެޓޭކެއްގައި ތިމަރަފުށީގެ އަނެއް ގޯލު ޖެހީ ބަދަލެއްގެ ގޮތުގައި ކުޅެން އެރި އިސްމާއިލް ސިޔާދު ބޮލުންނެވެ. ދުވާފަރުން ވެސް މި ހާފުގައި ދެ ގޯލު ޖެހިއިރު، އެ ޓީމުގެ ގޯލުތައް ޖެހީ މުހައްމަދު އިސާމް އާއި މުހައްމަދު ޖުމާން އަހުމަދު އެވެ.
ކުޑަހުވަދޫ އާއި އޭދަފުށި އެއްވަރުވިއިރު، ކުޑަހުވަދޫން މި މެޗުގައި ޖެހި ގޯލުތައް ކާމިޔާބުކުރީ ޖުމައިލް ޖަމީލް (ޖުމްބެ) އާއި މެޗުގެ މޮޅު ކުޅުންތެރިޔާ މުހައްމަދު އަރީޝް ކޮންމެ ކުޅުންތެރިއަކު ދެ ގޯލެވެ. އޭދަފުށީގެ ހަމްދާން އަބްދުލް ސައްތާރު ތިން ގޯލު ޖަހައި ހެޓްރިކެއް ހެދިއިރު، އޭދަފުށީގެ އަނެއް ގޯލަކީ ކުޑަހުވަދޫގެ އަބްދުލް މުގުސިތު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އޭދަފުށީގެ ފާއްޓެ (ކ) ކައިރިން ކުޑަހުވަދޫގެ ޖުމްބެ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ޕެނަލްޓީގައި އޭދަފުށިން ޖެހި ފަސް ޕެނަލްޓީގެ ތެެރެއިން ތިން ޕެނަލްޓީއެއް ކުޑަހުވަދޫގެ ކީޕަރު އަބްދުލް މާނިއު ވަނީ މަތަކޮށްފަ އެވެ. އެއީ އަބްދުﷲ ފާސިރު (ފާއްޓެ)، ހާފިޒު އަހުމަދު އަދި އުނައިސް ޒުބެއިރު ޖެހި ޕެނަލްޓީތަކެވެ. އޭދަފުށިން ޕެނަލްޓީ ކާމިޔާބުކުރީ ހަމްދާން އާއި އަބްދުﷲ ފާސިރު (އައްޅޯ) އެވެ. ކުޑަހުވަދޫގެ ޝައުކަތު އަމީން އާއި އަޝްވަލް ރަޝީދުގެ ޕެނަލްޓީ ނާކާމިޔާބުވިއިރު، އެ ޓީމުގެ އަރީޝް އާއި މުގުސިތު އަދި ހާރޫން އިބްރާހިމް (ހާންޑޯ) ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. ހާންޑޯ ޕެނަލްޓީ ޖެހީ އެ ޕެނަލްޓީ ޖަހަންދިޔަ ކުޑަހުވަދޫގެ މުހައްމަދު އަނަސް ރެފްރީގެ ކަށިގަނޑަށް ނުބަލައި ދެ ފަހަރު ވެސް ޕެނަލްޓީ ޖެހުމުން އެ ދެ ފަހަރު ރީނދޫ ކާޑު ދައްކައި ރަތް ކާޑު ދެއްކުމުންނެވެ.
ނޮކައުޓް ދެ މެޗު ވެސް ކުޑަހުވަދޫ މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. ގަދަ 16 ބުރުގައި ހއ. އިހަވަންދޫ ބަލިކޮށް ރޭ އޭދަފުށި ވެސް ބަލިކުރީ ޕެނަލްޓީގަ އެވެ. ސެމީގައި ކުޑަހުވަދޫ ކުޅޭނީ ތިމަރަފުށްޓާ އެވެ. ޒޯން ބުރުގައި ކުޑަހުވަދޫ އާއި ތިމަރަފުށި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ކުޑަހުވަދޫ އާއި ތިމަރަފުށި އަދި މާލެގަން އާއި ގާފަރު ކުޅޭ ސެމީ ފައިނަލް މެޗުތައް އޮންނާނީ އާދިއްތަ ދުވަހުގެރޭގަ އެވެ.












