ދިރާގުން އެ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި މިދިޔަ އަހަރުގެ ފައިދާގެ ހިއްސާއަކަށް 6.20ރ. ބަހަން ނިންމައިފި އެވެ.
އެގޮތަށް ނިންމީ ރޭ ކްރޮސްރޯޑްސްގައި އޮތް ދިރާގުގެ 33 ވަނަ އަހަރީ އާންމު ބައްދަލުވުމުގަ އެވެ. ކުންފުނީގެ މާލީ ހާލަތަށް ރިއާޔަތްކޮށް ހިއްސާއަކަށް 6.20ރ. ބަހަން ދިރާގުން ނިންމީ ކުންފުނީގެ ބޯޑުން ހުށަހެޅި 4.13ރ. ގެ ފައިނަލް ޑިވިޑެންޑާއި މިއަހަރުގެ ކުރީކޮޅު އިއުލާންކުރި 2.07ރ. ގެ ޑިވިޑެންޑް ވެސް ހިމެނޭ ގޮތަށެވެ.
ދިރާގުން ބުނީ މިދިޔަ އަހަރުގެ ޑިވިޑެންޑަކީ 2020 ވަނަ އަހަރަށް ވުރެ 1.03ރ. މަދު އަދަދެއް ކަމަށެވެ. ނަމަވެސް ދިރާގަށް މިދިޔަ އަހަރު 2.5 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބުނެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1.8 ޕަސަންޓު މަތި އަދަދެކެވެ.
އަދި މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށްފަހު ދިރާގަށް ލިބުނު ސާފު ފައިދާއަކީ 813 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 11 ޕަސަންޓު މަތި އަދަދެކެވެ. ދިރާގުން ބުނީ އެ ކުންފުނީގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ހިދުމަތްތަކަކީ ފިކްސްޑް ބުރޯޑްބޭންޑް އަދި އެންޓަޕްރައިޒް ހިދުމަތްތަކުން ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި ކުންފުނީގެ އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް އާ ޑިރެކްޓަރެއް ބޯޑަށް އައްޔަނުކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ. އާ ޕަބްލިކް ޑިރެކްޓަރުގެ ގޮތުގައި ދިރާގުގެ ބޯޑަށް އައްޔަނުކޮށްފައިވަނީ 84 ވޯޓާއެކު އަހުމަދު ދީދީ އެވެ.
ހިއްސާދާރުން އޮންލައިންކޮށް އަދި ޖަލްސާއަށް ހާޒިރުވެގެން ކުރިޔަށްދިޔަ އެ ބައްދަލުވުމުގައި ދިރާގުގެ ޖުމްލަ 85 ހިއްސާދާރެއް ވަނީ ބައިވެރިވެފަ އެވެ.










