ރާއްޖޭގެ ކަނޑުތައް ވޭތުވެދިޔަ 33 އަހަރު ތެރޭ 5.5 އިންޗިއަށް އުފުލިފަައިވާ ކަމަށާއި ރާއްޖޭގެ ފިނިހޫނުމިން ވެސް 46 އަހަރު ތެރޭ 1.1 ޑިގްރީ ސެލިއަސް އިން އިތުރުވެފައިވާ ކަމަށް އެންވަޔަރަމަންޓު މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފިނިހޫނުމިނަށާއި ކަނޑުގެ ލޮނުގަނޑަށް މި ބަދަލުތައް އައިސްފައިވާކަން މިނިސްޓަރު ޝައުނާ ހާމަކުރެއްވީ އިއްޔެ ފާހަގަކުރި ދުނިޔޭގެ މީޓިއޮރޮލޮޖީ ދުވަހާ ގުޅިގެން މެޓު އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
"ވޭތުވެދިޔަ 33 އަހަރުގެ ޑޭޓާއިން މި އިނގެނީ ގާތްގަނޑަކަށް 11 އާއި 14 ސެންޓިމީޓަރުގެ އުފުލުމެއް، އެއި ގާތްގަނޑަކަށް 4.5 ނުވަތަ 5.5 އިންޗީގެ ސީލެވެލް ރައިސް ރާއްޖެ އަށް މިވަނީ އައިސްފަ. ވޭތުވެދިޔަ 46 އަހަރުގެ ތަފާސްހިސާބަށް ބަލާއިރުގަ ރާއްޖޭގަ 1.1 ޑިގްރީ ސެލިއަސް އިން މިވަނީ ފިނިހޫނުމިން އިތުރުވެފަ،" މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.
އެ އަދަދުތަކުގެ އަސަރު ރާއްޖޭގެ މޫސުމަށާއި ދަނޑުވެރިކަން ފަދަ ރަށްރަށުގައި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަށް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، ގުދުރަތީ ކާރިސާތަކާއި ކުރިމަތިވެ، އެކަން ކަމަށް ހަރަދުކުރަން ޖެހޭ މިންވަރު ވެސް އަހަރަކަށް ވުރެ އަހަރެއް އިތުރުވެފައިވާ ކަމަށް މިނިސްޓަރު ޝައުނާ ފާހަގަކުރެއްވި އެވެ.
"އޭގެ މާނައަކީ ރަށްގިރާ މިންވަރު އިތުރުވާނެ، ފެންބޮޑުވާ މިންވަރު އިތުރުވާނެ. އަޅުގަނޑުމެންނަށް ކަނޑުގެ ދަތުރުތައްކުރަން ވެސް އެތައް ގިނަގުނަ ހުރަސްތަކެެއް ކުރިމަތިވާނެ،" މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

އިންޓަ ގަވަންމެންޓަލް ޕެނަލް އޮން ކްލައިމެޓު ޗޭންޖް (އައިޕީސީސީ) ގެ ރިޕޯޓެއްގައި 2030 ވަނަ އަހަރުގައި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލިއަސް އަށްވުރެ މައްޗަށް ގޮސްދާނެ ކަމަށް ލަފާކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އަދި، އެކަން އެހެން ވެއްޖެނަމަ ރާއްޖެއަށް ކުރާ އަސަރު ވެސް ބޮޑުވާނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ޝައުނާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އޭގެ ކުރިން ވެސް ރާއްޖެ އަށް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ހަމައެއާއެކު، މެދުފަންތީގެ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި އޮތް ރާއްޖެ ފަހަތަށް ލުއްސައިގެން ދިޔުމުގެ ބިރު ވެސް އެބަ އޮތް ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.
އެ ސަބަބަށްޓަކައި މިނިސްޓަރު ޝައުނާ ވިދާޅުވީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރާއިރު ވެސް އެކަންކަމަށް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ.
"އަޅުގަނޑުމެން އެބަ ވިސްނަން ޖެހޭ މޫސުމަށް އަންނަ ބަދަލުތަކާ އެކީގަ ކިހާ މިންވަރަކަށްތޯ ދިވެހިންގެ ދިރިއުޅުމަށް އެކަމުގެ އަސަރު ކުރާނީ. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި އަދި ސަރުކާރުގެ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތައް ހިންގާއިރު މިކަންކަމަށް ވިސްނައިގެން އަޅުގަނޑުމެން ރާވަން ޖެހޭނީ،" މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.
އައޮޕީސީސީ ރިޕޯޓުގައި ފާހަގަކުރި ތާރީހަކީ މާ ދުރުނޫން މުސްތަގްބަލެއް ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ. އަދި، އެ ކުރު މުއްދަތުގެ ތެރޭގައި ރާއްޖެ އަދި މުޅި ދުނިޔެއިން ވެސް ނަތީޖާ ހޯދަން މަސައްކަތްކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، ރާއްޖޭގެ އެކި މަޝްރޫތައް ކުރިޔަށް ގެންދާއިރު މޫސުމަށް އަންނަ ބަދަލުތަކަށް މެޓް އޮފީހުގެ ފަރާތުން ލިބެން ހުންނަ މައުލުމާތުތަކަށް ސަމާލުވުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.
"ބަނދަރު ހަދާއިރާއި، ބިން ހިއްކާއިރާއި އަދި ރަށްރަށުގަ މި ގާއިމުކުރެވޭ ފެނާ ނަރުދަމާގެ ނިޒާމު ގާއިމުކުރާ އިރާއި ފެންބޮޑުވުން ހައްލުކުރަން ނިޒާމު ގާއިމުކުރާއިރު، ކޮންމެ ކަމެއް ވެސް އަޅުގަނޑުމެން ރާވަން ވާނީ މެޓް އޮފީހުން އަޅުގަނޑުމެންނަށް މި ފޯރުކޮށްދޭ ޑޭޓާގެ އަލީގައި އެ ޑިޒައިންތައް އަޅުގަނޑުމެން ކުރަން ވާނީ،" މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.
މިނިސްޓަރު ޝައުނާ ވަނީ މެޓް އޮފީހުގެ މަސައްކަތްތަކަކީ މިހާރު ކުރިއަރާފައިވާ މަސައްކަތްތަކެއް ކަމަށް ވިދާޅުވެފަ އެވެ. އަދި، އެއީ ރައްޔިތުން ބަލައިގަންނަ އިތުބާރު ލިބިފައިވާ މަސަައްކަތެއްކަން ފާހަގަކުރައްވައިފަ އެވެ. މިނިސްޓަރު ޝައުނާ ވަނީ މެޓް އޮފީހުގެ މަދު ވަސީލަތްތަކާއި މުވައްޒަފުންނާއެކުގައި ވެސް ކުރައްވާ ބުރަ މަސައްކަތް އަގުވަޒަންކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފަ އެވެ.
ކުރިޔަށް އޮތް ތަނުގައި މެޓް އޮފީހުގެ ވަސީލަތްތަކާއި މުވައްޒަފުން އިތުރުކުރުމަށާއި އެކި ގޮތްގޮތުން އެހީތެރިކަން ހޯއްދެވުމަށް ސަރުކާރުން ބޭރުގެ ފަރާތްތަކާއި ގުޅިގެން އިތުރަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.













