ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، މާލޭގެ ދެ ޓީމު ކަމަށްވާ މާފަންނާއި ހުޅުމާލޭގެ އިތުރުން ކ. އަތޮޅު ޗެމްޕިއަން ގާފަރުގެ އިތުރުން ފުވައްމުލަކު، މާލެގަން ޓީމު ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މާފަންނުން ވަނީ 2-0 އިން މ. ދިއްގަރު ބަލިކޮށްފަ އެވެ. ހުޅުމާލެ އާއި އދ. މާމިގިލި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީ ޖަހައިގެން ހުޅުމާލެ މޮޅުވީ 3-1 އިންނެވެ. މާލެގަން ވަނީ ފޯރިގަދަ މެޗަކަށް ފަހު 4-3 އިން ށ. ކަނޑިތީމު ބަލިކޮށްފަ އެވެ. ގާފަރުން ވަނީ ގއ. ކޮނޑޭ އަތުން 2-1 އިން މޮޅުވެފަ އެވެ.
ދިއްގަރު ކޮޅަށް މާފަންނުގެ ގޯލުތައް ޖެހީ މުހައްމަދު އިހުސާން ސައީދާއި އަލީ ނައުޝަދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދިއްގަރުން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވި މާފަންނު ޓީމުގެ ގޯލްކީޕަރު އިބްރާހިމް ނާޖިހު އެވެ.

ގާފަރުގެ މައްޓު (ވ) ކައިރިން ކޮނޑޭ ޓީމުގެ އިނާން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މާފަންނާ ދެކޮޅަށް ކުއާޓާގައި ކުޅޭ ގާފަރުން ވަނީ ރޭ ކޮނޑޭ އަތުން އުނދަގޫ މޮޅެއް ހޯދައިފަ އެވެ. މި މެޗުގައި ކޮނޑޭ އިން ދެ ވަނަ މިނިޓްގައި ލީޑުނެގީ އިނާން އަހުމަދު ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގައި ސަނީމް ޝަމާއިލް ވަނީ ގާފަރަށް އެއްވަރުކޮށްދީފަ އެވެ. ދެ ވަނަ ހާފުގައި އަލީ މާއިސް (މައްޓު) ޖެހި މޮޅު ގޯލުން ގާފަރުން ލީޑުނެގިއިރު، އެ ގޮތުގައި މެޗު ނިމެންދެން ހިފެހެއްޓި އެވެ. ކޮނޑޭ ޓީމުގެ ޝިފާޒް އާދިލް (ތުއްތު) އަށް އަނިޔާވެ އެންމެ ރަނގަޅަށް ނުކުޅެވުނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މައްޓު އެވެ.
މާމިގިލި ކޮޅަށް ރޭގެ މެޗުގައި ހުޅުމާލެ ޓީމުން ޖެހި ދެ ގޯލުގައި ވެސް މުހިންމު ދައުރެއް އަދާކުރީ ހުސެއިން ރައުޝާން (ރައުއްޓެ) އެވެ. ހުޅުމާލޭގެ ފުރަަތަމަ ގޯލު ޖަހަން އަލީ ނާހިލް އަހުމަދަށް ބޯޅަ ދިނީ ރައުއްޓެ އެވެ. އަދި ދެ ވަނަ ހާފް ފެށިގެން. މާގިނައިރެއްނުވެ، ރައުއްޓެ ވަނީ ހުޅުމާލެ އަށް ލީޑުފުޅާކޮށްދީފަ އެވެ.
މާމިގިލީ ޓީމުގެ ކެޕްޓަން އިބްރާހިމް މައިޝާން (މައި) އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ނުކުޅެ އެވެ. ރޭ މާމިގިއްޔަށް އެއްވަރުކޮށްދިނީ މި މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ހިސާމް ސަލީމް (ކޮކީ) ޖެހި ދެ ގޯލުންނެވެ.

ލަނޑު ޖެހުމަށް ފަހު ހުޅުމާލެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ނަތީޖާ ނެރެން ޕެނަލްޓީ ޖެހިިއިރު، މާމިގިލިން ފޮނުވާލި ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހުޅުމާލޭގެ ކެޕްޓަން އަދި ގޯލްކީޕަރު މުހައްމަދު ޒުހަލް މަތަކުރި އެވެ. މަތަކުރީ ކޮކީ އާއި އަހުމަދު ނިޒާމް (ނިޒާމްބެ) ފޮނުވާލި ޕެނަލްޓީ އެވެ. މާމިގިލިން ކާމިޔާބުކުރީ މުހައްމަދު އަސްފާން ޖެހި ޕެނަލްޓީއެވެ.
ހުޅުމާލޭގެ ޕެނަލްޓީތައް ކާމިޔާބުކުރީ ރައުއްޓޭ، މުހައްމަދު މުސްތަފާ، ހުސެއިން ސަނީއު އަދި ރައްޒާން ޖައުފަރު އެވެ.

ކަނޑިތީމު އަތުން މޮޅުވުމަށް ފަހު މާލެގަން ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ކުއާޓާ ފައިނަލުގައި ހުޅުމާލޭން ނުކުންނާނީ މާލެގަންއާ ދެކޮޅަށެވެ. ކަނޑިތީމާއި މާލެގަން ރޭ ކުޅުނީ ފޯރިގަދަ މެޗެކެވެ. މާލެގަން ޓީމަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ މުހައްމަދު ސާދު ނިޒާރު ދެ ގޯލާއި އިސްމާއިލް އަލީފް އަހުމަދުގެ އިތުރުން ކަނޑިތީމުގެ އަހުމަދު ރިޒާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ކަނޑިތީމުގެ ގޯލުތައް ޖެހީ ކެޕްޓަން އިބްރާހިމް ނަދާދު ދެ ގޯލާއި އަހުމަދު ޒަމީމް ގޯލެކެވެ.
ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ މާދަމާރޭ އެވެ.












