ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުށްޓާއި ރ. ދުވާފަރު، ދ. ކުޑަހުވަދޫ އަދި ބ. އޭދަފުށި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުުރުކޮށްފި އެވެ.
ރެެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ގަދަ 16 ބުރުގައި ރޭ ތިމަރަފުށިން ވަނީ ފަހަތުން އަރައި 6-2 އިން އއ. މަތިވެރި ބަލިކޮށްފަ އެވެ. ރ. ދުވާފަރުން ވަނީ ފަސޭހަކަމާ އެކު 7-0 އިން ސ. ފޭދޫގެ މައްޗަށް ކުރިހޯދައިފަ އެވެ. ކުޑަހުވަދޫން ޕެނަލްޓީ ޖަހައިގެން 4-3 އިން ހއ. އިހަވަންދޫ ބަލިކޮށްފަ އެވެ. އަދި ފޯރިގަދަކޮށް ދިޔަ މެޗުން ގދ. ވާދޫ އަތުން އޭދަފުށި މޮޅުވީ 3-1 އިންނެވެ.

މަތިވެރި ޓީމުގެ ޝަފްރާޒް (ކ) ކައިރިން ތިމަރަފުށީގެ އަސްވަދު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ތިމަރަފުށި ކޮޅަށް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މަތިވެރިން ރަނގަޅަށް ކުޅެ ދެ ގޯލުގެ ލީޑެއްނެގި އެވެ. އެ ގޮތުން ފުރަތަމަ ގޯލަކީ މަތިވެރީގެ އަރުޝަދު އަބްދުލް ލަތީފް ޖެހި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހިފައި ތިމަރަފުށީގެ ކީޕަރު މުހައްމަދު ޝަރުހާން ގައިގައި ޖެހިފައި ވަން ގޯލެކެވެ. އޭގެ ފަހުން ހައިޝަމް އަލީ ނެގި ހުރަހަކުން މުހައްމަދު އިމްރާން (ކުޑައިންމަ) ވަނީ މަތިވެރި އަށް ދެ ގޯލުގެ ލީޑެއްނަގައިދީފަ އެވެ. މި ދެ ބޯޅަ ވެސް ކީޕަރު ޝަރުހާނަށް ސަލާމަތްކުރެވުނީ ގޯލު ރޮނގު ހުރަސްކުރި ފަހުންނެވެ.
ދެ ވަނަ ހާފަށް ތަފާތު ރޫހެއްގައި ނުކުމެ، ތިމަރަފުށިން ވަނީ ހަތް މިނިޓް ތެރޭ ތިން ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. އަދި އިތުރު ތިން ގޯލު ޖަހައި ފެންވަރު ސާބިތުކޮށްދިނެވެ. ތިމަރަފުށީގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އަލީ ޝިފާއު (ރޮނާ) އެވެ. އެ ޓީމުގެ އިސްމާއިލް މުނީޒް ދެ ގޯލު ޖެހިއިރު، އަނެއް ގޯލުތައް ޖެހީ ކެޕްޓަން އިބްރާހިމް ސިނާހު (ސިނާ)، އިސްމާއިލް ސިޔާދު އަދި އިބްރާހިމް ހަމްދާން އެވެ. މީގެ ތެރެއިން ހަމްދާން އާއި ސިޔާދު ގޯލު ޖެހީ ބަދަލަކަށް އެރިތާ އިރުކޮޅެއްގެ ތެރޭގަ އެވެ. މި ހާފުގައި މަތިވެރިން ޖެހި ބޯޅަތައް ކީޕަރު ޝަރުހާން ވަނީ ހުއްޓުވައިފަ އެވެ.

ދުވާފަރު ޓީމުގެ ޖުމާން (ވ) ފޭދޫ ޓީމުގެ ސާމު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ދުވާފަރުން ފޭދޫ ބަލިކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ދުވާފަރުގެ މުހައްމަދު އިސާމް ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ގޯލުތައް ޖެހީ މުހައްމަދު ޖުމާން އަހުމަދާއި މުސްލިމް މުހައްމަދު، އިސްމާއިލް އަހުމަދު، އަހުމަދު އީސާ އަދި އާދަމް އިލްޔަސައު އެވެ. ކުއާޓާ ފައިނަލްގައި ދުވާފަރު ކުޅެން ޖެހޭނީ ތިމަރަފުށްޓާ އެވެ.
ކުޑަހުވަދޫ އާއި އިހަވަންދޫ ކުޅުނު މެޗު ފުރިހަމަ ވަގުތު ހަމަވިއިރު، އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ޕެނަލްޓީގައި ކުޑަހުވަދޫ ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އިހަވަންދޫ އަށް ކާމިޔާބުކުރެވުނީ ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ އެވެ. އިހަވަންދޫގެ ޕެނަލްޓީތައް ކާމިޔާބުކުރީ އިބްރާހިމް ހާމިދު، މުހައްމަދު ޝިފާއު އަދި މުހައްމަދު ފަޒީލް އެވެ. އެ ޓީމުގެ ހުސެއިން ނަޝީދާއި މުހައްމަދު އަފްޝާން އަށް ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ.
އަނެއްކޮޅުން ކުޑަހުވަދޫގެ ޖުމައިލް ޖަމީލް (ޖުމްބެ) އަށް ޕެނަލްޓީ ކާމިޔާބުނުވި ނަމަވެސް އެ ޓީމުގެ ޝައުކަތު އަމީން، އަބްދުލް މުގުސިތު، ހާރޫން އިބްރާހިމް (ހާންޑޯ) އަދި މުހައްމަދު އަނަސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމު މޮޅުކޮށްދީފަ އެވެ.

ލަނޑު ޖެހުމަށް ފަހު އޭދަފުށީގެ ހަމްދާން އާއި ކީޕަރު އަޖުފާން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ކުއާޓާ ފައިނަލުގައި ކުޑަހުވަދޫއާ ކުޅޭ އޭދަފުށިން ރޭ ވާދޫ ބަލިކުރީ މޮޅަށް ކުޅެގެންނެވެ. މި މެޗުގައި އޭދަފުށްޓައް 12 ވަނަ މިނިޓްގައި މުހައްމަދު ފާސިރު (ފާއްޓޭ) ލީޑުނަގައިދިންއިރު، ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ފާއްޓޭ ތަނަވަސްކުރި އެޓޭކެއްގައި ހަމްދާން އަބްުދުލް ސައްތާރު ވަނީ ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. ދެ ގޯލުގެ ލީޑަކާ އެއްކޮށް، އޭދަފުށި ކުރީގައި އޮއްވައި، ވާދޫ އަށް އުންމީދެއް ހޯދައިިދިނީ އަޔާޒް އަހުމަދު ޖެހި ހިލޭޖެހުމަކުންނެވެ. ނަތީޖާ ހަމަހަމަކުރަން ވާދޫން ފޮނުވާލި ގިނަ ބޯޅަތަކެއް އޭދަފުށީގެ ކީޕަރު އަލީ އަޖްފާން އަމްޖަދު މަތަކުރި އެވެ.
ވާދޫން ކުރިއަށް ޖެހިގެން ކުޅެމުންދިޔަ ދަނޑިވަޅެއްގައި އޭދަފުށިން ކުރި ކައުންޓައެޓޭކެއްގައި ހަމްދާން ވަނީ އޭދަފުށްޓަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ހަމްދާން އެވެ. މެޗުގެ ފަހު ކޮޅުގައި ފާއްޓޭ އަށް ކުރި ފައުލަކަށް ރެފްރީ ވަނީ އަޔާ އަށް ރަތް ކާޑެއް ދައްކައިފަ އެެވެ.












