ހަވީރު ނޫހުގެ މައްސަލަ: ނިންމުން މުރާޖައާކުރާ މިންގަނޑަށް ނުފެތޭ ކަމުގެ ވާހަކަތަކެއް

ހަވީރު ނޫހުގެ އޮފީސް ބޭރު؛ އެ ނޫހަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވަންދެން ނެރުނު ނޫސް. ފޮޓޯ: ހަވީރު.

ހަވީރު ނޫހުގެ އޮފީސް ބޭރު؛ އެ ނޫހަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވަންދެން ނެރުނު ނޫސް. ފޮޓޯ: ހަވީރު.

ރާއްޖޭގައި އެންމެ ބޮޑު އަދި އެންމެ ގިނަ ދުވަސްވަންދެން ނެރުނު ނޫސް، ހަވީރު ނޫހުގެ ހިއްސާދާރުންގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ނިންމުން މުރާޖައާ ކުރުމަށް އެ ކޯޓުގެ ގަވާއިދުގައި ބަޔާންކުރާ މިންގަނޑަށް ނުފެތޭ ކަމަށް އެ މައްސަލަ ރައްދުވާ އަބްދުﷲ ފާރޫގު ހަސަން އަދި އިބްރާހިމް ރަޝީދު މޫސާގެ ވަކީލު މިއަދު ކޯޓުގައި ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު އޮތީ ހަވީރު ނޫހުގެ މައްސަލައިގައި ހައި ކޯޓުން އެ ނޫހުގެ ހިއްސާދާރެއް ކަމުގައިވާ އަދި ކުރިން ކެބިނެޓް މިނިސްޓަރުކަން ގިނަ ދުވަސްތަކަކަށް ކުރެއްވި ޑރ. މުހައްމަދު ޒާހިރު ހުސެއިން އާ ދެކޮޅަށް އިއްވި ހުކުމް އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނުބެލުމަށް ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ 2016 ވަނަ އަހަރު ނިންމި ނިންމުމުން މުރާޖައާ ކޮށްދިނުމަށް އެދި އެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑުއެހުމެކެވެ.

ރެޖިސްޓްރާގެ ނިންމުން މުރާޖައާ ކުރުމަށް އޮތް މިއަދުގެ އަޑުއެހުމުގައި މައްސަލަ ރައްދުވާ ފަރާތަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިންއިރު، އެ ފަރާތުގެ ވަކީލު މުހައްމަދު ފައިސަލް ވަނީ ސުޕްރީމް ކޯޓުގެ މައްސަލަ މުރާޖައާ ކުރެވޭނެ ހާލަތްތަކާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދައްކަވައި، އެ ކޯޓުގެ މައްސަލަތަކުގައި މީގެ ކުރިން ފަނޑިޔާރުން ވިދާޅުވެފައިވާ ވާހަކަތަކެއް ނަންގަވައިފަ އެވެ.

އެގޮތުން، ސުޕްރީމް ކޯޓުގެ ގަވާއިދުގައި ބަޔާންކުރާ އިސްތިއުނާފީ ހާލަތްތަކާ ގުޅޭގޮތުން ފައިސަލް ވަނީ ވާހަކަ ދައްކަވާފަ އެވެ. އަދި އެކަންކަންމަށް ރިއާޔަތްކޮށް މައްސަލަ މުރާޖައާ ކުރަން ދެވޭނެ ޖާގައެއް ނެތްކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ މައްސަލަ ހުށަހެޅުއްވި ފަރާތުން މީގެ ކުރިން އެ މައްސަލައިގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ގަވާއިދަށް ފެތޭ ޒާތަކަށް އެފަދަ ވާހަކަތަކެއް ދައްކަވާފައި ނުވާ ކަމަށެވެ.

"މައްސަލަ ހުށަހެޅުއްވިއިރުގައި އަޅުގަނޑަކަށެއް ފާހަގައެއް ނުކުރެވުނު ސުޕްރީމް ކޯޓުގެ ގަވާއިދު 2020 ގެ 26 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކަވަމުން ގެންދެވި ތަނެއް،" ވަކީލު ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ މައްސަލަ ހުށަހެޅުއްވި ފަރާތުން މަދު ފަހަރަކު ބޭއިންސާފަށް އިޝާރާތްކުރެއްވި ކަމަށެވެ. ނަމަވެސް، އެކަމުގެ ސަބަބުތަކެއް އަދި ހެއްކެއް ވެސް އެ ފަރާތުން ހުށަހަނާޅުއްވާކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ސުޕްރީމް ކޯޓުގެ އެހެނިހެން ނިންމުންތަކުން ވެސް އެފަދަ މުރާޖައާ މައްސަލަތަކުގައި ކަން އޮންނަންވާނޭ ގޮތް ސާފުކޮށް ފެންނަން ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސަލް ވަނީ ސުޕްރީމް ކޯޓުން މުރާޖައާގެ ހާލަތްތަކުގައި ގޮތް ނިންމައި މުރާޖައާކުރަން ހުއްދަ ނުދޭން ނިންމި ދެ މައްސަލައެއް ފާހަގަކުރައްވާފަ އެވެ.

އަދި މައްސަލައިގައި ކުރިން ފާހަގަކޮށް، ގޮތް ނިންމާފައިވާ ހެކިތަކާ ގުޅޭގޮތުން އަލުން ބަހުސްކުރަން ދިނުމެއް ވެސް ނޯންނަކަން ފާހަގަކުރައްވަމުން ފައިސަލް ވަނީ އެ މައްސަލައިގައި އެއްވެސް އާ ހެއްކެއް މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާފައިނުވާކަމަށް ވިދާޅުވެފަ އެވެ.

"އާ ހެއްކަކާ ގުޅޭގޮތުން ވާހަކަދައްކަވަންޏާ އާ ހެއްކެއް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް އެބަ އެނގޭ، މި މައްސަލަ މުރާޖައާ ކުރައްވަން ހުށަހެޅުއްވި ފަރާތުން ވެސް އެއްވެސް އާ ހެއްކެއް ހުށަހަޅުއްވާފައެއް ނެތް،" ފައިސަލް ވިދާޅުވި އެވެ.

އަދި އެތަނުން އެއް މައްސަލައިގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މުރާޖައާ އާގުޅިގެން ފާހަގަކުރެއްވި ނުކުތާއެއް ވެސް ފައިސަލް ފާހަގަކުރެއްވި އެވެ.

"އިއްޒަތްތެރި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަރަށް ފާޅުކޮށް ވިދާޅުވި، މުރާޖައާކުރުމުގެ މިންގަނޑަކީ އެހާ ލުއި މިންގަނޑެއް ނޫންކަމަށް. އެ ތުރެޝްހޯލްޑަކީ އެހާ ފަސޭހަ އެހާ ކުޑަކޮށް އޮންނަ ތުރެޝްހޯލްޑެއް ނޫންކަމަށް،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވަނީ ސުޕްރީމް ކޯޓުން މައްސަލައެއް މުރާޖައާ ކުރެވޭނެ އުސޫލެއް އެހެން މައްސަލައެއްގައި ކަނޑައަޅާފައިވާކަމަށް ފާހަގަކުރައްވައިފަ އެވެ.

އެގޮތުން އެ މައްސަލައިގެ ނިންމުމަކީ ގާނޫނާ ހިލާފު ފާޅުކަން ބޮޑު ބޭއިންސާފެއް އޮތް މައްސަލައަކަށްވުމާއި އާ ހެކި ލިބި އެ ހެއްކަށް ރިއާޔަތްނުކޮށްފިނަމަ އިންސާފު ގާއިމުނުވުމާއި، ފާޅުކަން ބޮޑު ބޭއިންސާފެއް އެމައްސަލައިގައި އޮތުންކަމަށް އެ އުސޫލުގައި ބަޔާންކުރާކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ އެމިންގަނޑަށް މައްސަލަ ފެތޭކަން މައްސަލަ ހުށަހަޅާ ފަރާތުން ދައްކަން ޖެހޭނެ ކަމަށެވެ.

"އެހެންނަމަވެސް މިކަން މުރާޖައާ ކުރުމަށް އެދި ހުށަހެޅި ފަރާތުން މިދެންނެވި 10 މާޗު 2022 ގައި އޮތް އަޑުއެހުމުގައި ވިދާޅުވެދެވިފައެއް ނެތް،" ފައިސަލް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ފައިސަލް ވަނީ ހައި ކޯޓުން މައްސަލަ ހުށަހެޅި ޑރ. ޒާހިރުގެ މައްޗަށް މައްސަލަ ރައްދުވާ އިބްރާހިމް ރަޝީދާއި އަބްދުﷲ ފާރޫގަށް އެއްވެސް އެއްޗެއް ދިނުމަށް ކަނޑަނާޅާކަމަށް ވިދާޅުވެފަ އެވެ. ފައިސަލް ބުނީ އެ ކޯޓުން ނިންމީ އެ މައްސަލައިގައި މިލްކުވެރި ފަރާތްތަކަކީ މިވެނި ބައެއް އެކަނި ކަމަށެވެ.

ފައިސަލް ވަނީ ހަވީރު ނޫހުގެ މައްސަލަ އެތައް އަހަރެއް ފަހުން ހުށަހެޅުމާއި އެ މައްސަލަ ޑރ. ޒާހިރު އާ ދެކޮޅަށް ނިންމީ ނުފޫޒުންކަމަށް ބުނެ މައްސަލަ ހުށަހަޅާ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ވެސް ވާހަކަދައްކަވާފަ އެވެ.

އެގޮތުން އެއީ ދެކޮޅަށް ވެސް ބެލެވިދާނެކަމެއް ކަމަށާއި، މަައްސަލަ ހުށަހެޅުމުގައި ލަސްވީ ޑރ. ޒާހިރަކީ ސަރުކާރުގެ މިނިސްޓަރެއްކަމުން އިންސާފު ލިބުމުގެ ފުރުސަތު ކުޑަކަމަށް ބެލެވެން އޮތް ކަމަށް މިއަދު ވިދާޅުވެފަ އެވެ.

ނަމަވެސް އެއީ ޑރ. ޒާހިރު ނުފޫޒު ފޯރުވިއޭ ވިދާޅުވެ އޭނާ ކުރާ ތުހުމަތެއް ނޫންކަމަށް ފައިސަލް ވިދާޅުވި އެވެ.

ހަވީރު ނޫހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، އުއްތަމަފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާން އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމް ހިމެނޭ ބެންޗަކުންނެވެ.

އެ މައްސަލައިގައި މިއަދު މައްސަލަ ރައްދުވާ ފަރާތުން ވާހަކަދެއްކިއިރު، ދެން އޮންނަ އަޑުއެހުމެއްގައި މައްސަލަ ހުށަހަޅާ ފަރާތުން އެ ފަރާތުގެ ނުކުތާތަކަށް ވާހަކަދެއްކުމަށް ފުރުސަތު ލިބޭނެ އެވެ.

ހަވީރު ނޫސް އެންމެ ފުރަތަމަ ނެރެން ފަށާފައިވަނީ 1979 ވަނަ އަހަރު އެވެ. އޭރު އެ ނޫސް ނެރެމުންދިޔައީ ނޮވެލްޓީ ޕްރިންޓާޒްގެ ހަރަދުގަ އެވެ. އެ ނޫސް ޑރ. މުހައްމަދު ޒާހިރު، އިބްރާހިމް ރަޝީދު އަދި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމް ހިމެނޭހެން އެއްބަސްވުމެއްގައި ސޮއިކޮށްގެން ނެރެން ފެށީ 1983 ވަނަ އަހަރު އެވެ. ނަމަވެސް ފަހުން ނައީމް، ރަޝީދު އަދި ފާރޫގު ވަނީ ނޫހުގެ ކަންތަކާ ދުރުވެފަ އެވެ. ނަމަވެސް ހިއްސާ ދޫކޮށްފައެއް ނުވެ އެވެ.

އެ މައްސަލައިގައި ހައި ކޯޓުން ވަނީ ހަވީރު ނޫހަކީ އެ ހަތަރު ބޭފުޅުންގެ މިލްކެއްކަމަށް ބުނެފަ އެވެ. އޭގެ ފަހުން ހަވީރު ނޫސް އެޖެންސީ އުވާލައި އެ އެޖެންސީގެ ދަށުން ހިންގަމުން ގެންދިޔަ ހަވީރު ނޫހުގެ ހުރިހާ ގޮފިތަކެއް އެހެން ނަމަކަށް ވަނީ ބަދަލުކޮށްފަ އެވެ.

ނަމަވެސް އެހުރިހާ ބައެއްގެ ހިއްސާ ވެސް ފާރޫގާއި އިބްރާހިމް ރަޝީދަށް ލިބިގެންވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އެ މައްސަލަ އިސްތިއުނާފަށް ސުޕްރީމް ކޯޓަށް ހުށަހެޅީ 2016 ވަނަ އަހަރު އެވެ. ނަމަވެސް އެ ކޯޓުގެ ރެޖިސްޓްރާ ވަނީ އެ މައްސަލަ ނުބަލަން ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox