ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ދިރިއުޅުމުގެ ހާލަތު އާންމު ރައްޔިތު މީހާއަށް ވުރެން ދެރަވަރެވެ. ބޭންކު އެކައުންޓުގައި ފައިސާއެއް ނުހުރެ އެވެ. ގެދޮރެއް އަދި އަމުދުން ހަރުމުދަލެއް ނެތެވެ. ލިބޭ އާމްދަނީގެ ކޮލަމް ރޮލާ އޮންނައިރު، ލޯނާއި ދަރަނީގެ ކޮލަމުން އޮންނަނީ ޖާގަމަދުވެފަ އެވެ. ލިބެނީ ހަމައެކަނި އޭރު މަގާމެއްގައި ހުންނައިރު ދޭ މުސާރަކޮޅެވެ. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ދެކޮޅު ޖައްސަނީ ކިހިނެއްބާއޭ ހިތަށް އަރާހާ ނިކަމެއްޗެވެ. އެކަމުގައި ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންނާއި މަހުޖަނުންނާއި އެ ބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ފިރިފިރިކަލުން ވެސް އިސްތިސްނާއެއް ނުވެ އެވެ.
އެކަމަކު އެއީ ހަމައެކަނި ކަރުދާހުން ފެންނަ ފަގީރުކަމެވެ. ވެރިންގެ ކަރުދާހަށް ތިރިނުކުރެވޭ މުއްސަނދިކަމަކީ އެއްވެސް މީހަކަށް އޮޅިފައި އޮންނަ ކަމެއް ނޫނެވެ.
ދައުލަތުގެ ތިން ބާރުގެ ތެރެއިން، އަހަރަކު އެއް ފަހަރު މާލީ ބަޔާން ހާމަކުރަންޖެހޭ ބޭފުޅުންގެ ލިސްޓެއް ސީދާ ގާނޫނުއަސާސީގައި ލިޔެފައި އެބައޮތެވެ. ގާނޫނުއަސާސީން ލާޒިމުނުކުރި ނަމަވެސް، ސިޔާސީ ގޮތުން ދައުލަތުގެ އިސް މަގާމުތަކަށް އައްޔަނުކުރާ ބޭފުޅުންގެ މާލީ ބަޔާންތައް ޝާއިއުކުރަން މި ސަރުކާރުން ފެއްޓި އެވެ. ދައުލަތް ހިންގުން ދެފުށްފެންނަ ހާމަކަންބޮޑު ކުރަންވި ވައުދުގެ މަތީގަ އެވެ.
ނަމަވެސް، އެ ގޮތަށް ހުށަހެޅޭ ބަޔާންތަކުގެ ސައްހަކަން ބެލޭނެ ނިޒާމެއް ނެތި، އެ "ހާމަކަން" އޮންނަނީ ހަމަ އެއްކަލަ ކަރުދާހުގަ އެވެ.
ގާނޫނަކުން އަމަލީ ސިފަ
ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ ބޭފުޅުންގެ މިލްކިއްޔާތު ހާމަކުރަން އެންމެ ވަރުގަދައަށް ވަކާލުކުރާ އެއް އަޑަކީ މަދަނީ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރަންސީ މޯލްޑިވްސް އެވެ. ހޫނުކަން ކެނޑުނަނުދީ ދޭތަރެއަކުން އެކަމަށް ބާރު އަޅަ އެވެ. އެ ޖަމިއްޔާއިން ތަކުރާރުކޮށް ވަކާލާތުކުރަނީ ގާނޫނުއަސާސީން މާލީ ބަޔާން ހާމަކުރަން ލާޒިމުކުރާ ދައުލަތުގެ ވެރިންގެ ލިސްޓު ދިގުކުރުމަށެވެ. އެ ބަޔާންތަކުގެ ސައްހަ ކަން ކަށަވަރުކުރެވޭނެ ނިޒާމު ހަރުދަނާ ކުރުމަށެވެ. ޓްރާންސްޕޭރަންސީން ގަބޫލުކުރާ ގޮތުގައި، އެކަމަކީ ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވުން ހުއްޓުވަން އެޅޭ މުހިންމު އެއް ފިޔަވަޅެވެ.
އެ އަޑުއިއްވަން ދޭތެރެއަކުން ބަޔާނެއް ނެރުމުގެ ބަދަލުގައި ޓްރާންސްޕޭރަންސީން ވަނީ އެކަމަށް އަމަލީ ސިފައެއް ގެންނަން މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން މަސައްކަތް ފަށައިފަ އެވެ. އެ މަސައްކަތުގެ ނަތީޖާއިން "މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ބިލު"ގެ ނަމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މެދުވެރިކޮށް މިހާރު ވަނީ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ.
އެ ބިލުގައި އޮތީ ގާނޫނީ ގޮތުން ލާޒިމްކުރާތީ މާލީ ބަޔާންތައް ހުށަހަޅާ ފަރާތްތަކުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި އެ އުސޫލުތައް ތަންފީޒުކުރާ އިދާރާތަކުން އަމަލުކުރާނެ ގޮތްތަކެވެ. ޓްރާންސްޕޭރަންސީން ތާއަބަދު ވަކާލާތުކުރި ފަދައިން މާލީ ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ލިސްޓަށް ވަނީ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި، ސަލާމަތީ ބާރުތަކުގެ ވެރިންގެ އިތުރުން ސަރުކާރުގެ ކުންފުނިތަކާއި ކައުންސިލުތައް ވެސް ވަނީ އިތުރުކޮށްފަ އެވެ.
މާލީ ބަޔާންތަކާ ގުޅޭ ކަންކަމުގައި ގާނޫނީ ބާރު އޮންނަ އިދާރާތައް ވެސް ގާނޫނަކުން ކަނޑައަޅަން ބިލުގައި އެބަ އޮތެވެ. އެކަމަކު އެ ބިލުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ބަޔާނުގައި ދޮގު ހަދައިފިނަމަ 500،000ރ. ގެ ޖޫރިމަނާއަކާއި ޖަލު ހުކުމެއް އަންނަ ގޮތަށް ކަނޑައަޅާފައިވާ އަދަބެވެ.
އެ ބިލުގެ އިބްތިދާއީ ބަހުސްގައި އީވާ ވިދާޅުވި ފަދައިން، އެ އަދަބަކީ "ޖެހިލުން" ވާންޖެހޭ އަދަބަކަށް ވާންޖެހެ އެވެ.
"މިއީ ދައިގަންނަވަރުގެ އެއްޗެއްގެ ގޮތުގައި ހަދަންވެގެން އޭގައި ކޮންމެވެސް ވަރެއްގެ އަދަބުތަކެއް އެހެރީ. އަދި އެ އަދަދުތަކަކީ އެކަން ނުކުރާ މީހާ ޖެހިލުން ވާވަރުގެ ކަންކަމަށް ވެސް ވާންޖެހޭނެ،" އީވާ ވިދާޅުވި އެވެ.
ބަހުސްގައި ވާހަކަ ދައްކަވަމުން އީވާ ވަރަށް މުހިންމު އެހެން ވާހަކައެއް ވެސް ވިދާޅުވި އެވެ. ދައުލަތުގެ ވެރިން ވައްކަން ކުރުމަށްފަހު އެކަން އެނގުނަސް ވާކަމެއް ނޯވެ އެވެ. ސަރުކާރު ބަދަލުވުމާއެކު އެ ފައިސާ އަނބުރާ ނުހޯދެ އެވެ. ވައްކަން ކުރި މީހަކަށް އަދަބު ދެވޭ ތަނެއް ވެސް ނާދެ އެވެ. އެއީ އީވާ ވިދާޅުވި ފަދައިން މި ގާނޫނުގެ ބޭނުމެވެ. ކަން ކުރުމުގެ ކުރިން ހުއްޓުވުމެވެ. ނޫނީ ކަން ކުރެވޭނެ ދޮރު ދުރާލައި ލެއްޕުމެވެ.
ގާނޫނަކުން ވާނެ؟
މި ގާނޫނުގެ ފަހަތުގައި އޮތް ނިޔަތް ކިތަންމެ މާތް ނަމަވެސް، ރާއްޖޭގައި ގިނަ ކަންކަން ހަމައަކަށް ނޭޅިގެން އުޅެނީ ގާނޫނު ނެތިގެން ނޫނެވެ. ގާނޫނުތައް ވަރުވަރުން ހުއްޓަސް، އެ ތަންފީޒެއް ނުކުރެވެ އެވެ. ނޫނީ ކުރާކަށް ބޭނުމެއް ނުވެ އެވެ. ވަކިން ހާއްސަކޮށް ދައުލަތުގެ ވެރިންގެ މުއްސަނދި ކަމަށް އަމާޒުވާނެ ހަތިޔާރެއްގެ ބޭނުންހިފިޔަ ދޭނެތޯ މިއީ ޖާއިޒު ސުވާލެކެވެ. މި ބިލު ގާނޫނަކަށް ވުމުން ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ އުންމީދު ޓްރާންސްޕޭރަންސީއަށް ބޮޑެވެ.
އެ ޖަމިއްޔާގެ ސީނިއާ ލީގަލް ކޯޑިނޭޓަރު ޝައިފާ ޝާހިދު ވިދާޅުވި ގޮތުގައި މިހާރު އޮތް ނިޒާމުގެ ބަދަލުގައި، މި ބިލުގެ ޒަރިއްޔާއިން ވެރިންގެ މާލީ ބަޔާންތަކުގެ ސައްހަކަން ވަރަށް ތަފްސީލީ ގޮތެއްގައި ކަށަވަރު ކުރެވޭނެ އެވެ. އަދި ބަޔާނެއްގައި ގޯހެއް އުޅޭނަމަ ތަހުގީގީ އިދާރަތަކަށް އެކަން ފާހަގަކޮށްދެވޭނެ އެވެ.
ގާނޫނުގެ ދަށުން ހުށަހެޅޭ ބަޔާންތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ޒިންމާ ވަކި މުއައްސަސާއަކާ ހަވާލުކުރެވޭނެ އެވެ. އެ ގާނޫނުގައި އެއީ ކޮން މުއައްސަސާއެއްކަން ސީދާ ބަޔާންކޮށްފައި ނެތް ނަމަވެސް، އެ ޒިންމާ ހަވާލުކުރެވޭނެ ކަމަށް ބެލެވެނީ މީރާއާ އެވެ.
ޝައިފާ ވިދާޅުވި ގޮތުގައި އެ ޒިންމާ ކޮންމެ މުއައްސަސާއަކާ ހަވާލުވި ނަމަވެސް، ގާނޫނުގެ ދަށުން ހުށަހެޅޭ ބަޔާންތަކުގެ ސައްހަކަން ވަރަށް ތަފްސީލީ ގޮތެއްގައި ބެލޭނެ އެވެ. އޭގެ ތެރޭގައި ފައިސާ އާއި ގޯތި ގެދޮރާއި ހަރުމުދަލާއި ކުންފުނިތަކުގެ ހިއްސާ ހިމެނެ އެވެ. އެއީ ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގައި ވެރިންގެ މިލްކިޔާތުގައި ހުރި މުދަލާއި ފައިސާ ވެސް މެ އެވެ.
"މި ނިޒާމު ގާއިމު ކުރެވިއްޖެނަމަ ނުހައްގު މުއްސަނދިކަމާއި މަސްލަހަތު ފުށުއެރުމާއި ކޮރަޕްޝަން ހުއްޓުވުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ،" ޝައިފާ ވިދާޅުވި އެވެ.
ގާނޫނީ ބާގަނޑުތަކުގެ ތެރެއިން ނުފޮރުވޭނެ؟
އަޑުއަހާލަން ކިތަންމެ ފަށުވި ނަމަވެސް، މި ހުރިހާ ވާހަކައެއްގެ ތެރެއިން އުފެދަންޖެހޭ އެހެން ސުވާލެއް ވެސް އެބައޮތެވެ. ގާނޫނުތަކުގައި ހުންނަ ބާގަނޑުތަކުގެ ނާޖާއިޒު ފައިދާ ނަގަން ވެރިން ކުޅަދާނަ ވީމަ އެވެ. އަމިއްލަ ނަމުގައި މުދަލާއި ގޯތިގެދޮރު ރަޖިސްޓްރީނުކޮށް ހަގީގީ މިލްކިއްޔާތު ފޮރުވުމުގެ ސަގާފަތް ނިމުމަކަށް ގެނެވޭނެތޯ އެވެ.
އެ ސުވާލުގެ ޖަވާބު ވެސް މި ގާނޫނުން ލިބޭނެ ކަމަށް ޝައިފާ ވިދާޅުވެ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ވެރިންގެ މިލްކިއްޔާތު ބަލާއިރު، ދުރުތާ ތިމާގެ މީހުނާ ހަމައަށް ވެސް މުއައްސަސާތަކުން ދާނެ އެވެ.
"މީގެ ބޭނުމަކީ ނުހައްގުން ހޯދައި މުއްސަނދިކަން ފޮރުވަން ބޭނުންކޮށްފާނެ ވީހާވެސް ގިނަ ބަޔަކު މީގެ ތެރޭގައި ހިމެނުން،" ޝައިފާ ވިދާޅުވި އެވެ.
މީގެ އިތުރުން، ޝައިފާ ވިދާޅުވި ގޮތުގައި މާލީ ބަޔާނެއްގައި ހިމެނޭ މައުލޫމާތެއް ގޯސްނަމަ، އެކަމެއް ކަމާބެހޭ އިދާރާތަކުގެ ސަމާލު ކަމަށް ކާކު ކަން ނޭނގޭ ގޮތަށް ހުށަހެޅޭނެ މަގު މި ގާނޫނުގެ ދަށުން ވަނީ ފަހިކޮށްދީފަ އެވެ. އެފަދަ ޝަކުވާއެއް ހުށަހެޅުމުން، އެކަން 14 ދުވަސް ތެރޭގައި ބަލަންޖެހޭނެ ކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.
ސިޔާސީ ހަތިޔާރަކަށް ވުމުގެ ބިރު!
ބިލުގެ އިބްތިދާއީ ބަހުސްގެ ތެރެއިން ބައެއް މެމްބަރުންގެ ކަންބޮޑުވުންތައް އަޑުއިވިގެންދިޔަ އެވެ. މިގޮތުން ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެމްބަރު އަލީ ހުސެއިން ވަރަށް މުހިންމު ނުކުތާއެއް ފާހަގަ ކުރެއްވި އެވެ.
އަލީ ހުސެއިން ފާހަގަ ކުރެއްވި ގޮތުގައި، އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ނިޔަތް ގޯސްވެއްޖެ ނަމަ، މި ގާނޫނު ސިޔާސީ ހަތިޔާރެއްގައި ބޭނުން ކުރުމުގެ ބިރު އެބައޮތެވެ. އިދިކޮޅު މެމްބަރުންގެ ގޮނޑި ގެއްލުވައިލާ، މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމަކީ މި ބިލުގެ ތެރެއިން ނެގިދާނެ ނާޖާއިޒު ފައިދާއެއްގެ ގޮތުގައި އޭނާ އިންޒާރު ދެއްވި އެވެ.
"މައުލޫމާތު ފުރިހަމައަށް ހިމަނާފައި ނުވާނަމައޭ މިހެން ލިޔުނީމާ މި ދެވެނީ މި ގާނޫނު ތަންފީޒު ކުރަން އޮންނަ ފަރާތަށް، އެއީ އެއިރެއްގައި އޮންނަ ސަރުކާރަށް އަޅުގަނޑުމެން ދޭންނުޖެހޭ ވަރުގެ ބޮޑު ލަޓިބުރިއެއް މި ދެވެނީ،" އަލީ ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލީ ބަޔާނުގައި ވަކި އެއްޗެއް ހިމަނާފައިނުވާ ކަމަށް ބުނެ، އިދިކޮޅުގައި ތިބި މެމްބަރުން "ދުއްވާ"ލުމަކީ ހިނގާފާނެ ކަމެކެވެ. އެހެންކަމުން އެފަދަ ބޮޑު ބާރެއް އެއްވެސް ސަރުކާރަކަށް ދިނުމާ އޭނާ ދެކޮޅެވެ.
އެއީ ޖާއިޒު ކަންބޮޑުވުމެއްގެ ގޮތުގައި ޓްރާންސްޕޭރަންސީގެ ފަރާތުން ޝައިފާ ވެސް ގަބޫލު ކުރައްވަ އެވެ. ނަމަވެސް، ޝައިފާ ވިދާޅުވި ގޮތުގައި މި ގާނޫނު ސިޔާސީ ހަތިޔާރެއްގައި ގޮތުގައި ބޭނުން ކުރުމުގެ މަގު ބަންދު ކުރަން، ވަކި ދެ މުއައްސަސާއަކުން މާލީ ބަޔާންތަކުގައި ހުންނަ މައުލޫމާތު ބަލައި، ދިރާސާ ކުރާނެ އެވެ. އެކަމަކު މިނިވަންކަމާއެކު އެ މަސައްކަތް ކުރުމުގެ އިހުތިޔާރު ސަރުކާރުން ފަހިކޮށްދޭންޖެހޭ ކަމަށް ޝައިފާ ވިދާޅުވި އެވެ.
އަލީ ހުސެއިންގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ވެސް އެހެން ކަންބޮޑުވުމެއް ފާޅުކުރެއްވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި މާލީ ބަޔާނުގައި ނޭނގި ނަމަވެސް ހެދޭ ގޯހެއްގެ ސަބަބުން ލިބޭ މުސާރައާ ނުބައްދަލު، އެތައް ގުނައަކުން ޖޫރިމަނާކޮށް ދެ އަހަރަށް ޖަލަށް ލުމަކީ ގަބޫލުކުރެވޭ ވަރަށް ވުރެ ހަރުކަށި އަދަބެކެވެ.
"ފަސް ހާސް ރުފިޔާގެ އަގުހުރި އެއްޗެއް ތަނެއްގައި ހުރެއްޖެއްޔާ އެވެސް އެބަ ހިމަނަންޖެހޭ. މީހެއްގެ ހަނދާނުން ވެސް ކައްސައިލާފައި އޮވެ ދާނެ،" ޝަހީމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރަށެއްގައި ހުންނަ ކައުންސިލަރު، މާލޭގައި ހުންނަ އޮޑިޓަރަކަށް ފޯނުން ގުޅައިގެން ދޭ މައުލޫމާތަކުން ތައްޔާރުކުރާ މާލީ ބަޔާނެއްގައި ކުށެއް އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މިގޮތުން، ބަޔާނެއްގައި އޮންނަ ކުށެއްގެ ސަބަބުން މީހަކު އެތައް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އަދި ޖަލު ހުކުމެއް އިއްވުމަކީ ޝަހީމްގެ ނަޒަރުގައި ދެކޮޅުޖެހޭ ކަމަކަށް ނުވެ އެވެ.
ނަމަވެސް، ޝަހީމްގެ އެ ކަންބޮޑުވުމުގެ ހައްލު ވެސް ގާނޫނުގައި އެބައޮތް ކަމަށް ޝައިފާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބިލުގައި އަދަބު ކަނޑައަޅާފައިވަނީ ގަސްދުގައި އޮޅުވާލުން ހުއްޓުވާށެވެ. ބަޔާނެއް ހުށަހަޅާއިރު އޭގައި ހިމެނޭ ކުށަކުން އަދަބު ނުދެވޭނެ ކަމަށް ޝައިފާ ވިދާޅުވި އެވެ.
"މީގައި މުހިންމު ކަންނޭނގެ ފާހަގަކޮށްލަން ފުރަތަމަ ފަހަރަކުން ގާނޫނުގައި ބުނާ އަދަބު ނުދެވޭނެ ކަން. ބަޔާނުގައި ހުރި މައުލޫމާތެއް ރަނގަޅު ކުރަން އެ މީހަކަށް ފުރުސަތުތަކެއް ދެވޭނެ،" އޭނާ ވިދާޅުވި އެވެ.
ބިލު ހުށަހަޅުއްވަމުން އީވާ ވެސް ހާމަކުރެއްވި ފަދައިން، މި ބިލު ގާނޫނަކަށް ހެދުމާ ދެކޮޅު އަޑުތައް މިހާރު ވެސް ގަދަ އެވެ. އެ ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް މިހާރު ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވިފަ އެވެ.
ކޮމިޓީ މަރުހަލާގައި އެ ބިލަށް ގިނަ އިސްލާހުތަކެއް ގެންނާނެ ކަމަށް ބެލެވޭއިރު، އެއީ ޓްރާންސްޕޭރަންސީގެ މައިގަނޑު ކަންބޮޑުވުމެވެ. މިފަދަ ގާނޫނެއް ވުޖޫދު ކުރުމުގެ މަގުސަދު ގެއްލޭ ގޮތަށް ބިލަށް އިސްލާހުތައް ގެނެސްދާނެތީ އެވެ.
މި ބިލު ކޮންމެ ގޮތަކަށް ބަދަލުވެގެން ވިޔަސް މި ގާނޫނުގެ ވެސް ހަގީގީ މަގުސަދު ހާސިލު ކުރެވޭނީ އިހުލާސްތެރި ވެގެނެވެ. ދައުލަތުގެ އިސް މަގާމުތަކާ ހަވާލުވަނީ ހަމައެކަނި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ނިޔަތް އޮވެގެންކަން ދައްކައިގެނެވެ. އެފަދަ މަގާމުތަކަށް އަންނަނީ މަދު ދުވަސްކޮޅެއްގައި ތެރޭގައި މުއްސަނދިވާން ނޫން ކަން ސާބިތުކޮށްދީގެނެވެ. އެހެން ނޫނީ ގާނޫނެއް ގެނެސްގެން ވާނެ އެއް ކަމެއް ވެސް ނޯންނާނެ އެވެ. މިހާރު ވެސް ހުރި އެތައް ބައިވަރު "ނުކުޅެދޭ" ގާނޫނުތައް އެކަމަށް ހެކިދޭނެ އެވެ.












