ގާނޫނާ ހިލާފަށް ވިލިމާލެ ހޭޅިފަށުން ގަސްކެނޑި މައްސަލަ ބެލުމަށްފަހު، މާލެ ސިޓީ ކައުންސިލަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދީފި އެވެ.
ވިލިމާލެ އިރުމަތި ފަރާތުގެ ހޭޅިފަށުން ގަސްކެނޑީ ފައިބަރު މަސައްކަތް ކުރާ ސަރަހައްދެއް ހެދުމުގެ ގޮތުން ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. ނަމަވެސް, ރުށްގަސް ކެނޑުމުގެ ގަވާއިދު އޮންނަ ގޮތުން ނަމަ އެ ސަރަހައްދުން ގަސްކެނޑޭނީ އެންވަޔަރެމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓެއް ހެދުމަށްފަހު، ހުއްދަ ލިބިގެން ކަމަށް އީޕީއޭއީން ބުނެ އެވެ.
އެ އިދާރާގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "އަދަދު"އަށް ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލުން ވިލިމާލެ ހޭޅިފަށުން ގަސް ކަނޑާފައި ވަނީ އީއައިއޭ ރިޕޯޓެއް ހެދުމެއް ނެތި އެވެ. އަދި އީޕީއޭގެ ހުއްދަ ވެސް ހޯދުމެއް ނެތި އެވެ.
"އެ މައްސަލަ ބެލުމަށްފަހު، ސިޓީ ކައުންސިލަށް ފިޔަވަޅު އަޅާނަން، ކަނޑައެޅިގެން ގާނޫނާ ހިލާފަށް އެކަން ކޮށްފައި އެ އޮތީ،" އޭނާ ވިދާޅުވި އެވެ.
ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ވިލިމާލެ ހޭޅިފަށުން ގަސް ނުކަނޑާ ކަމަށާއި، އެ ސަރަހައްދު ފައިބަރު މަސައްކަތަށް ހާއްސަކުރުމުގެ ގޮތުން އެތަނަށް ވަދެ ނިކުމެވޭ ގޮތަށް ހެދީ ކަމަށެވެ.

އޭނާ އެހެން ވިދާޅުވި ނަމަވެސް, އެ ސަރަހައްދަށް ވަދެ ނިކުމެވޭ ގޮތަށް ހެދުމަށްޓަކައި ސިޓީ ކައުންސިލުން ވަނީ ކޮންމެސް ވަރަކަށް ގަސް ކަނޑާ، ހޭޅިފަށުގެ ބައެއް ސާފުކޮށްފަ އެވެ.
ނަރީޝް ވިދާޅުވި ގޮތުގައި އެ ސަރަހައްދު ފައިބަރު މަސައްކަތަށް ހާއްސަކުރީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި އެގޮތަށް އެރަށު ރައްޔިތުން އެދިގެންނެވެ.
އެ ވާހަކައަށް ރައްދުދެމުން އީޕީއޭއިން ބުނީ ފައިބަރު މަސައްކަތް ރައްޔިތުން އުޅޭ ސަރަހައްދެއް ހާއްސަ ނުކުރެވޭނެ ކަމަށެވެ. އަދި އެއީ ޕްލޭނިން ގާނޫނާ ހިލާފު އަމަލެއް ކަމަށާއި އެއީ ގިނަ ބަޔަކު އެ ސަރަހައްދަށް މޫދަށް ގޮސް އުޅޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޓީ ކައުންސިލްގެ އެ އަމަލު ކުށްވެެރިކޮށް, އެ ސޯޝަލް މީޑިއާގެ ސަމާލުކަމަށް އެކަން ގެނައީ ވިލިމާލޭގައި ހިންގަމުން އަންނަ ސޭވް ދަ ބީޗް ޖަމިއްޔާއިންނެވެ. އެ ޖަމިއްޔާއިން މި ނޫހާ ވާހަކަދައްކުމުން ބުނީ "ހޭޅިފަށަށް ވަކިކުރަން ސިޓީ ކައުންސިލަށް ނޭންގުމަކީ ދެރަވަރު" ކަމެއް ކަމަށެވެ. އަދި ފައިބަރު މަސައްކަތް ކުރަން އެ ސަރައްދުން ގަސްކެނޑީ ވިލިމާލެ ރައްޔިތުންނާ މަޝްވަރާކުރުމެއް ނެތި ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
"އެއްވެސް ހުއްދައެއް ނެތި، އަދި ރައްޔިތުންނާ މަޝްވަރާކުރުމެއް ނެތި، އަދި ލޭންޑް ޔޫސް ޕްލޭން ކޮންސަލްޓޭޝަން މީޓިންގައި [އެކަމާއި ގުޅޭ] އެއްވެސް ވާހަކައެއް ނުދައްކައި، އަޅުގަނޑުމެންގެ [ވިލިމާލެ] ގޮނޑުދޮށުގެ ގަސްގަހާގެހި ހަލާކުކުރަމުން މާލެ ސިޓީ ކައުންސިލުން ދަނީ ހަލާކުރަމުން." މާލެ ސަރަހައްދުގައި ހަމައެކަނި ގުދުރަތީ ގޮނޑުދޮށެއް އޮންނަނީ ވިލިމާލޭގައިކަން ފާހަގަކޮށް، އެ ބީޗް ހިމާޔަތްކުރުމަށް އެ ޖަމިއްޔާއިން ގޮވާލި އެވެ.
ގާނޫނުގައި އޮންނަނީ ކިހިނެއް؟
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން "ރުއްގަސް ކެނޑުމާއި އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިއުމާބެހޭ" ގަވާއިދެއް ޖޫން 6، 2017 ގައި އެކުލަވައިލި އެވެ.
އެ ގަވާއިދުގެ ތިންވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ރުއްގަހުގެ ތެރެއިން ކެނޑުމާއި އުފުރުން އަދި ކޮނެގެން ނެގުން މަނާ ބާވަތްތައް ފާހަގަކޮށްފަ އެވެ.
"ރަށުގެ ހޭޅީގައި އެންމެ ގޮނޑުދޮށަށް ހެދިފައިވާ ގަހުން ފެށިގެން އެއްގަމަށް 15 މީޓަރުގެ ފުޅާ ސަރަހައްދުގައި ހުރި ހުރިހާ ބާވަތެއްގެ ރުއްގަސް" އެންމެ ފުރަތަމަ ވެސް ގަސްކެނޑުން މަނާ ސަރައްހައްދެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ރަށްރަށުގެ ހޭޅިފަށްތަކެވެ.
މަނާ ސަރަހައްދަކުން ގަސްކަނޑައިފި ނަމަ ޖޫރިމަނާ ކުރަނީ ތިމާވެެއްޓަށް ލިބުނު ކުޑަބޮޑުމިނަކަށް ބެލުމަށްފަހު އެވެ.
އެގޮތުން ހޭޅިފަށުން ގަސް ކެނޑި ސަރަހައްދުގެ ބޮޑުމިން ފަސް އަކަމީޓަރަށްވުރެ ކުޑަ ނަމަ 55،900 ރުފިޔާގެ ޖޫރިމަނާއެއް ކުރެވިދާނެ އެވެ. އެއަށްވުރެ އިތުރުވާ ކޮންމެ އަކަމީޓަރަކަށް 12،600 ރުފިޔާ އިތުރުކުރެވޭނެ އެވެ. ކެނޑި ގަސްތަކުގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ގަހެއް ހިމެނޭނަމަ، ކޮންމެ ގަހަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެ އެވެ. އަދި އިދާރީ ގޮތުން ނަނގަން ޖެހޭ ހުއްދައެއް ނުނަގައިފި ނަމަ، 191،250 ރުފިޔާ ޖޫރިމަނާއަށް އިތުރު ކުރެވޭނެ އެވެ.
އެހެން ކަމުން ގަވާއިދުގައިވާ ގޮތުގެ މަތިން ހަމަ ގައިމުވެސް ދެލައްކައަށް ވުރެ ބޮޑު ޖޫރިމަނާއެއް ސިޓީ ކައުންސިލަށް އަތުވެދާނެ އެވެ.












