މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022" ގައި ރޭ ޒޯން ބުރުގައި ކުޅުނު މެޗުން މ. މުލަކު އަތުން 2-0 އިން މޮޅުވެ، މ. ދިއްގަރުން ބަދަލުހިފިއިރު، އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުށްޓާއި ދ. ކުޑަހުވަދޫ 2-2 އިން އެއްވަރުވެއްޖެ އެެވެ.
ރޭ ކުޅުނު އަނެއް ހަތަރު މެޗުގެ ނަތީޖާ އަށް ބަލާއިރު، ލ. ގަން ވަނީ 1-0 އިން ގއ. މާމެންދޫ ބަލިކޮށްފަ އެވެ. ގދ. ވާދޫ އިން ވަނީ 2-0 އިން ގއ. ކޮނޑޭ ބަލިކޮށްފަ އެވެ. ތ. އޮމަދޫ އަތުން 5-4 އިން ފ. ބިލެއްދޫ މޮޅުވިއިރު، އދ. މާމިގިލިން ވަނީ އދ އޮމަދޫ އަތުން 2-1 އިން މޮޅުވެފަ އެވެ.
އަތޮޅު ފައިނަލުގައި މުލަކު އަތުން ބަދަލުހިފި ދިއްގަރުން ރޭ ވަނީ މޮޅަށް ކުޅެފަ އެވެ. ރެހެންދި އެއް ވަނަ ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި ދިއްގަރުން ގޯލުތައް ޖަހައިދިނީ އަލީ މާޖިދް އާއި އާދަމް ހަލީލެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އެ ޓީމުގެ އިބްރާހީމް ރިއްފަތެވެ.
އެ ޒޯނުގައި ރޭ ކުޅުނު އަނެއް މެޗުގައި އދ. މާމިގިލިން މުހިންމު މޮޅެއް ހޯދިއިރު، ގޯލުތައް ޖެހީ ޓީމުގެ ކެޕްޓަން އިބްރާހީމް މައިސަން (މައި) އާއި އަހުމަދު އަޔާޒް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ މައި އެވެ. އޮމަދޫގެ ހަމައެކަނި ގޯލު ޖަހައިދިނީ މޫސާ އަރީފް އެވެ.
ޒޯން ހަތަރެއްގައި ކޮންމެ ޓީމަކުން ވެސް މިހާތަނަށް ވަނީ ކޮންމެ ޓީމެއް ވެސް ދެ މެޗު ކުޅެ ނިމިފަ އެވެ. މެޗުތަކަށް ފަހު މާމިގިއްޔާއި ދިއްގަރުން ވަނީ ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި ތިން ޕޮއިންޓް ހޯދައިގެން އޮތީ އޮމަދޫ އެވެ. ދެ ބައްޔާ އެކު މުލަކަށް ކުރިއަށް ދެވޭނެ ގޮތެއް ނެތެވެ.
ޒޯން ހައެއްގައި ރޭ ދެ މެޗު ކުޅުނު އިރު، ފުރަތަމަ މެޗުގައި ވާދޫން ކޮނޑޭ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ވާދޫގެ މުހައްމަދު އިޔާދު އަލީ ދެ ގޯލު ޖެހި އިރު، މޮޅު ކުޅުންތެރިޔަކީ ވާދޫގެ ގޯލްކީޕަރު ލީވާން މުހައްމަދެވެ.
އެ ޒޯނުގައި ލ. ގަމުން ރޭ ކުޅުނު މެޗުގައި 1-0 އިން ގއ. މާމެންދޫ ބަލިކުރި އިރު، ގަމުގެ ހަމައެކަނި ގޯލު ދެވަނަ ހާފުގައި ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އަހުމަދު ހަލީމެވެ. އެ ޒޯނުގައިވެސް ކޮންމެ ޓީމަކުން މިހާތަނަށް ދެ މެޗު ކުޅެފައިވާ އިރު، ގަމާއި ވާދޫން ވަނީ ހަތަރު ޕޮއިންޓް ހޯދައިފައެވެ. މާމެންދޫ ކުޅުނު ދެމެޗުންވެސް ބަލިވެ އެޓީމު ކަޓައިފައިވާ އިރު، ކޮނޑޭއަށް އަދި ގަދަ 16 އަށް ދާން ފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް އެއީ ފަހު މެޗުގައި ގަން ބަލިކޮށްގެންނެވެ.

ތިމަރަފުށީގެ މުނީޒް (ވ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށިން ރޭގެ މެޗު ފަށައިގެން 40 ސިކުންތު ތެރޭގައި އިބްރާހިމް އަސްވަދު (ގަބޭ) އެ ޓީމަށް ލީޑުނަގައިދިނެވެ. އެކަމަކު، ކުޑަހުވަދޫން ވަނީ ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެެވެ. ދެ ގޯލު ޖެހީ ވެސް ޝައުކަތު އަމީން އެވެ. ތިމަރަފުށިން ފޮނުވާލި ގިނަ ހަމަލާތަކެއް ގޯލުގެ ދަނޑިއަށް އަމާޒުވެ، ކުޑަހުވަދޫ ކީޕަރު އަބްދުލް މާނިއުގެ ރަނގަޅު ސޭވްތަކެއް ފެނިގެންދިޔަ މި މެޗުގައި ތިމަރަފުށްޓައް އެއްވަރުކޮށްދިން ގޯލު ޖެހީ ކެޕްޓަން އިބްރާހިމް ސިނާހު (ސިނާ) އެވެ.
ކޮންމެ ޒޯނަކުން ގަދަ ދެ ޓީމު ގަދަ 16 ބުރަށް ހޮވޭއިރު، މި ޒޯނުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. ޒޯން ޗެމްޕިއަން ހޯދުމުގެ ފުރުސަތު އޮތީ ހަތަރު ޕޮއިންޓް ލިބިފައިވާ ތ. ތިމަރަފުއްޓާއި ދ. ކުޑަހުވަދު އަދި ފ. ބިލެއްދޫ އަށެވެ. އެންމެ ފުލުގައި އޮތް އޮމަދޫ ވަނީ ދެ މެޗުން ބަލިވެ ކަޓައިފަ އެވެ. ފަހު މެޗުތަކުގައި ތިމަރަފުށްޓާއި ބިލެއްދޫ ކުޅޭއިރު، ކުޑަހުވަދޫ ނުކުންނާނީ އޮމަދޫއާ ދެކޮޅަށެވެ. ތިމަރަފުށްޓާއި ބިލެއްދޫގެ މެޗު ކުޅެެގެން މޮޅުވާ ޓީމަކަށް އަނެއް ބުރުގެ ފުރުސަތު ލިބޭ ގޮތަށް އޮތްއިރު، މިއީ ފޯރިގަދަވާނެ މެޗެކެވެ.
ރޭ އޮމަދޫ ކޮޅަށް ބިލެއްދޫގެ ގޯލުތައް ޖެހީ ސާމިދު އަހުމަދު ދެ ގޯލާއި މުނީފް އަބްދުﷲ ނަސީރު، ހަސަން އަހުމީލް އަދި ހުސެއިން ޝަހުމީލް ގޯލެކެވެ. އޮމަދޫގެ ގޯލުތައް ވައްދާލީ އަޒްމާން އަހުމަދާއި އަހުމަދު ނަޝްވާން ކޮންމެ ކުޅުންތެރިއަކު ދެ ގޯލެވެ.
ރޭ ލ. ގަމުން މާމެންދޫ ބަލިކުރި މެޗުގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަހުމަދު ހަލީމް (އައްމަޑޭ) އެވެ. ވާދޫ އިން ފޯރިގަދަ މެޗަކަށް ފަހު ކޮނޑޭ ބަލިކުރިއިރު މި މެޗުގެ ދެ ގޯލު ވެސް ޖެހީ މުހައްމަދު އިޔާދު އަލީ އެވެ.
މުބާރާތުގައި މިރޭ ވެސް ހަ މެޗެއް ކުޅޭނެ އެވެ. އެ ގޮތުން ޒޯން ހަތެއްގެ ފަހު މެޗުގައި ޏ. ފުވައްމުލަކު މާލެގަން އާއި ޒޯން ދޭއްގައި ސ. ފޭދޫ އަދި ބ. އޭދަފުށި އާއި ނ. ކުޑަަފަރި ކުޅޭ މެޗުތައް އޮތީ 20:15 ގަ އެވެ. އޭގެ އެއް ގަޑިއިރު ފަހުން މާލެ ޒޯންގައި ވިލިމާލެ އާއި ހެންވޭރު ކުޅޭ މެޗާއި ހއ. އިހަވަންދޫ އާއި ށ. މިލަންދޫ، ޒޯން 1 ގައި ކުޅޭ މެޗެވެ. އަދި ފަހު މެޗުތައް 22:15 ގައި ފަށާއިރު، މާފަންނާއި ހުޅުމާލެ އެއް މެޗުގައި ބައްދަލުކުރާއިރު، އަނެއް މެޗުގައި ހއ. ވައިކަރަދޫ އާއި ށ. ކަނޑިތީމު ކުޅޭނެ އެވެ.












