ދެ އަހަރުގެ މެެދުކެނޑުމަކަށްފަހު، އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އުރީދޫގެ މަސް ރޭސް އެ ކުންފުނިން އިއްޔެ އިއުލާންކޮށްފި އެވެ.
މިފަހަރު ބާއްވާނީ އުރީދޫ މަސް ރޭހުގެ 11 ވަނަ ސީޒަނެވެ. ގްރޫޕްތަކުގެ ގޮތުގައި ބައިވެރިވެ، އެންމެ ގިނައިން މަސް ބާނާ ޓީމަކަށް އެއް ވަނަ ލިބޭ ގޮތަށް ބާއްވާ މަސް ރޭސް ކާމިޔާބު ކުރާ ޓީމަށް މިފަހަރު 50،000ރ. ލިބޭނެ އެވެ. އަދި އެންމެ ގިނައިން މަސް ބޭނި މީހާއަށް އަދި އެންމެ ބަރު މަސް ބޭނި މީހާއަށް 5،000ރ. ލިބޭނެ އެވެ.
"މަސްވެރިކަމަކީ އެންމެ ކުރީއްސުރެ ދިވެހިންގެ ސަގާފަތުގެ ވަރަށް ބޮޑު ބައެއް، އެހެންކަމުން ހުރިހާ ޒުވާނުން ވެސް މިސަގާފަތް ދިރުވާ، އާލާކޮށް ދެމެހެއްޓުމަށް މަސް ރޭހުގެ މިފޯރީގައި ބައިވެރިވާނެ ކަމަށް އުންމީދުކުރަން،" އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވި އެވެ.
އުރީދޫ މަސް ރޭސް ބާއްވާނީ ރޯދަ މަހުގެ ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގެ ރޭގަނޑެވެ. ނަމަވެސް ރޯދަ މަހުގެ ފަހު 10 ގެ ދުވަސްތަކުގައި މުބާރާތް ނޯންނާނެ ކަމަށް އުރީދޫއިން ބުނެ އެވެ.
މަސް ރޭހުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން އެ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް އުރީދޫއިން އެދެ އެވެ.
"ސަރުކާރު އޮފީސްތަކާ، ޕްރައިވެޓް ކުންފުނިތަކުން އަދި އާންމު ރައްޔިތުން ވެސް ޓީމްތަށް އުފައްދައިގެން މަސްރޭހުގެ މި ފޯރިގަދަ ސީޒަންގައި ބައިވެރިވުމަށް އުރީދޫ މޯލްޑިވްސްއިން ދައުވަތު އަރުވަން،" އުރީދޫއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.










