މީގެ 12 އަހަރު ކުރިން މާލޭގައި ހަދަމުންދިޔަ ކޮންސްޓްރަކްޝަން ސައިޓެއްގެ ތެރެއިން މަރާލާފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލައިގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅި ގަސްދަކާ ނުލާ މީހަކު މަރާލުމުގެ ހުކުމް، ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.
ޖެނުއަރީ 3، 2010 ވަނަ ދުވަހު މ. އަނގާގިރި ނަމަކަށްކިޔާ ގޯއްޗެއްގެ ކޮންސްޓްރަކްޝަން ސައިޓެއްގެ ތެރޭ މަރާލާފައި އޮއްވާ ފެނުނު ޝީރީންގެ މައްސަލައިގައި ދައުލަތުން ނަޖާހުގެ މައްޗަށް އުފުލީ ގަސްދު މަރުގެ ދައުވާ އެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ނަޖާހުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް 2015 ވަނަ އަހަރު ކަނޑައަޅައިފަ އެވެ.
ނަމަވެސް, 2017 ވަނަ އަހަރު އިސްތިއުނާފަށް ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ޝީރީން މަރުވެފައިވަނީ ނަޖާހުގެ އަމަލުތަކަކުންކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާ ކަމާއި އެހެންވެ, ގަސްދު މަރު ސާބިތު ނުވި ނަމަވެސް ގަސްދަކާ ނުލާ މީހަކު މަރާލުމުގެ ކުށް ނަޖާހުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ.
އެ މައްސަލަ ނަޖާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރިއިރު، ޝަރީއަތުގެ އަޑުއެހުންތައް ނިންމައި މިއަދު އޮތީ ހުކުމް އިއްވުމުގެ އަޑުއެހުމެވެ.
އެއް ގަޑިއިރަށް ދެމިގެންދިޔަ ހުކުމް އިއްވުމުގެ އެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނަޖާހުގެ މައްޗަށް ހައި ކޯޓުން އިއްވި ގަތުލު ޝިބުހު އަމްދު ނުވަތަ ގަސްދަކާ ނުލާ މީހަކު މެރުމުގެ ހުކުމް ދަމަހައްޓަން ނިންމެވި އެވެ.

"ގަޒިއްޔާ ނިންމާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބެލެވޭނެ ހަމައެއް އޮތް ކަމަށް ނުފެނޭ،" އެ މައްސަލައިގައި ހުކުމް އިއްވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި އެވެ.
ފަސް ފަނޑިޔާރުންގެ އެ ބެންޗުގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ދެން ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމް އެވެ.
ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ނިންމުމަށް ބަދަލެއް ގެނައުމަށް ނުފެންނާތީ، މައްސަލައިގެ ތައުޒީރީ އަދަބެއްގެ ގޮތުން ނަޖާހުގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ހުކުމަށް ވެސް ތާއިދުކޮށްފަ އެވެ.
ޖަލު ހުކުމުގެ އިތުރުން ޝީރީންގެ ވާރިސުންގެ ބަސް ހޯދިފައިނުވާތީ, ވާރިސުން ދިޔަ ބޭނުންވާނަމަ އެ މައްސަލަ ވަކިން ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ނަޖާހު ތައުބާވެ ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހަނދުމަހުގެ ދެ މަސް ދުވަހު ރޯދަ ހިފަން ހައި ކޯޓުން އަންގާފައިވެ އެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ހުކުމް އިއްވަވަމުން ފަނޑިޔާރު ސުއޫދު ވަނީ އެ މައްސަލައިގައި ހެކިބަސްދިން މީހުން ނަޖާހު ޝީރީންއަށް އެތައް ފަހަރެއްގެ މަތިން އަނިޔާކޮށް މަރުގެ އިންޒާރު ދިން ކަމަށް ބުނެފައިވާކަން ފާހަގަކުރައްވާފަ އެވެ.
އަދި ޝީރީން މާލެއަށް ބަދަލުވީ ނަޖާހުގެ ކިބައިން ދުރުވުމަށް ކަމަށް ހެކިތަކުން ފާހަގަވާކަމަށާއި، ނަޖާހު ޝީރީންގެ ފަހަތުން މާލެ އައި ކަމަށް ވެސް އެ މައްސަލައިގެ ހެކިވެރިންގެ ހެކި ބަހުން އެނގޭ ކަމަށް އެ މައްސަލައިގައި ހުކުމް އިއްވަވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
ހަމައެއާ އެކު ފަނޑިޔާރު ސުއޫދު ވަނީ ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވެސް ނަޖާހު ދޮގު ހަދާފައިވާ ކަމަށް ވިދާޅުވެ އެކަންކަން ފާހަގަކުރައްވައިފަ އެވެ.
އެގޮތުން, ޝީރީން މަރާލި ކަމަށް ބުނާ ރޭ ދަންވަރު ނަޖާހު ހޭލާ އުޅުނުކަން ހެކިވެރިއެއްގެ ހެކިބަހުން އެނގެން އެބަ އޮތް ކަމަށާއި ނަމަވެސް، ނަޖާހުގެ ސުޕްރީމް ކޯތުގެ ޝަރީއަތުގައި އެކަމާ ގުޅިގެން ދޮގު ހަދާފައިވާ ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގެ ޝަރީއަތުގައި ނަޖާހު ބުނެފައިވަނީ ނަޖާހު އެރޭ 10 ޖެހިއިރު ނިދި ގޮތަށް ހޭލެވުނީ އެރޭ 2 ޖެހިއިރު ކަމަށް. ކަންހިނގާފައިވާ ގޮތަށް ބަލާއިރު ނަޖާހު ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގަ ހެދީ ދޮގުކަން އެނގޭ،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
އަދި އޭގެ އިތުރުން ވެސް ޝީރީން މަރުވި ރޭ ޝީރީން ފުރައިގެން ދިޔަ ކަމަށް ނަޖާހު ބުނި ނަމަވެސް, އެއީ ދޮގެއްކަން އެނގޭ ފަދަ ހެކި ހުރިކަން ފަނޑިޔާރު ސުއޫދު މިއަދު ފާހަގަކުރެއްވި އެވެ.
ޝީރީން މަރުވި ރޭ އޭނާ އާއި ނަޖާހު ދިރިއުޅުނު ކޮޓަރިން ހެކިވެރިޔަކަށް އިވުނު ބާރު އަޑަކާ ދޭތެރޭ ވެސް ނަޖާހު ދޮގު ހަދާފައިވާކަން އޭނާގެ އަމިއްލަ ބަހުން އެނގެން އޮތް ކަމަށް ފަނޑިޔާރު ސުއޫދު ފާހަގަކުރެއްވި އެވެ.
"އެ ކޮޓަރިން މީހަކު މަރާލަން ބޭނުންކުރެވިދާނެ ވަޅިއެއް ނުވަތަ އެހެން ހަތިޔާރެއް ފެނުނުނަމަ، ނުވަތަ ޝީރީން ގަޔަށް ވަޅިއެއްފަދަ ހަތިޔާރަކުން ހަމަލާދީފައިވާކަން ސާބިތުވާނަމަ ނަޖާހުގެ މައްޗަށް ގަސްދު މަރު ސާބިތުވާކަމަށް އަހުރެން ނިންމީމުސް،" ފަނނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
މަންޒަރު ދުއް ހެއްކެއް ނެތި، ވަށާޖެހިފައިވާ ގަރީނާތަކަށް ބަލައި ނިންމި އެ މައްސަލައިގައި ފަނޑިޔާރު ސުއޫދު ވިދާޅުވީ އެ ގަރީނާތަކުގެ އަލީގައި ޝީރީން މަރުވީ ނަޖާހުގެ އަމަލަކުންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.
"އެފަދަ ތޫނު ހަތިޔާރެއް ނުވަތަ މީހަކު މަރާލެވިދާނެ ފަދަ ހަތިޔާރެއް ފެންނަން ނެތް ނަމަވެސް ޝީރީން މަރުވެފައިވަނީ ތޮބީއީ މަރަކުން ކަމަށް ނުވާތީ، އަދި އެ މަރު މެދުވެރިކުރުވިއިރު އެތަނުގައި ނަޖާހު ފިޔަވައި އެހެން އެއްވެސް މީހަކު ނެތުމުން މި މައްސަލަައިގައި ޗޭނެއްހެން ގުޅިލާމެހިފައިވާ ގަރީނާތަކުން ޝީރީން މަރުވެފައިވަނީ މުހައްމަދު ނަޖާހުގެ އަމަލަކުންކަން އަހުރެން ހިތުގަ އެއްވެސް ޝައްކެއް ނެތް،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
އަދި އެ މައްސަލައިގެ އެއްވެސް ވާގިއާއަކުން ނަޖާހުގެ މައުސޫމް ކަމަށް އިޝާރާތްނުކުރާ ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
"ޝީރީން މަރުވީ ނަޖާހުއާ އެއްކޮށް އެއް ކޮޓަރިއެއްގައި ހުއްޓާކަން ސާބިތުވާތީވެ، މަރުވި ގޮތް ބުއްދި ގަބޫލުކުރާ ގޮތަކަށް ނަޖާހަށް އޮޅުންފިލުވައި ނުދެވޭހާ ހިނދަކު ޝީރީންގެ މަރު މެދުވެރިކުރުވީ ނަޖާހުގެ އަމަލުންކަމަށް ބަލަން ޖެހޭ،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
ފަނޑިޔާރު ސުއޫދު ވިދާޅުވި ގޮތުގައި, އެ މައްސަލައިގައި ޝައްކު އެހެން މީހަކަށް ނެތެވެ. އަދި ނަޖާހު ޝީރީންގެ މަރުގެ ހެކިތައް ފޮރުވަން މަސައްކަތްކޮށް، ޝީރީންގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ގެންގޮސް އެހެން ތަނަކަށް ލައި، އެކަމާ ގުޅިގެން ދޮގު ހަދަންވީ ސަބަބެއް ނެތް ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
"ދިވެހި ރާއްޖޭގެ ހައި ކޯޓުގެ އަގުލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވާ ފަދައިން މަރިޔަމް ޝީރީން މަރާލާފައިވަނީ މުހައްމަދު ނަޖާހުގެ އަމަލަކުންކަމާމެދު އަހުރެންގެ ހިތުގަ އެއްވެސް ޝައްކެއް ނެތް،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
އެ މައްސަލައިގައި ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުނާފަށް ހުށަހެޅި ނުކުތާގެ ތެރެއިން ދައުވާކުރި ކުށް ނޫން އެހެން ކުށެއް ސާބިތުކުރުމާ ދޭތެރޭ ވެސް ވާހަކަ ދައްކަވާފަ އެވެ.
އެގޮތުން, އެ ނުކުތާއަށް ވާހަކަ ދައްކަވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ ދައުވާކޮށްފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހެެއްކަށް ބަލައި، ދައުވާކޮށްފައިވާ ކުށް ސާބިތުނުވެއްޖެ ހާލަތުގައި، އެޔަށްވުރެ ދަށް ކުށެއް ސާބިތުވާން އޮވެއްޖެނަމަ، އެކަމުގެ އިހްތިޔާރު ހައި ކޯޓަށް ލިބިގެންނުވާ ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށެވެ.
އެހެންކަމުން ގަތުލު ޝިބުހު އަމްދު ނަޖާހުގެ މައްޗަށް ސާބިތުވާ ކަމަށް ހައި ކޯޓުން ކަނޑައެޅުމަކީ ގޯސްކޮށް ކުރި ކަމެއް ކަމަށް ބެލެވެން ނެތް ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
ނަމަވެސް, އެގޮތަށް އަމަލުކުރުމުގައި ގާނޫނުއަސާސީގައި ކުށުގެ ތުހުމަތުވާ މީހާއަށް ވެސް ލިބެން ޖެހޭ ކަމަށް ބަޔާންކުރާ ހައްގުތައް ނެގެހެއްޓުމަށް ފަނޑިޔާރުން ސަމާލުކަން ދޭން ޖެހޭނެ ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
ފަނޑިޔާރު ސުއޫދު ވިދާޅުވީ އެގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބާރުދީފައި އޮންނަނީ ޖިނާއީ އަދުލުގެ ނިޒާމު ފުރިހަމަކުރުމަށް ކަމަށެވެ.
"އެ ބާރުގެ ބޭނުން ފަނޑިޔާރު ކުރަމުން ނުގެންދާނަމަ، ވަރަށް ގިނަ ފަހަރަށް ކޯޓު ވެގެންދާނީ ކުށް ކުރާ މީހުންނަށް އަދަބު ނުލިބި ނިކުމެގެން ދެވޭ ދޮރަކަށް،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
އަދި އެއީ އިންސާފު ނުލިބި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެ މަސްލަހަތު ގެއްލިގެން ހިނގައިދާނެފަދަ ކަމެއް ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.













