ދޮޅު މިލިއަން ރުފިޔާގެ މައްސަލައެއްގައި ވިޔަފާރިވެރިޔާ ޝަވީދުގެ ފައިސާތަކެއް ހިފަހައްޓަން އަންގައިފި

ވިޔަފާރިވެރިޔާ މުހައްމަދު ޝަވީދު. އޭނާ ވަނީ މީގެ ކުރިން އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލައިފަ. ފޮޓޯ: ފޭސްބުކް

ވިޔަފާރިވެރިޔާ މުހައްމަދު ޝަވީދު. އޭނާ ވަނީ މީގެ ކުރިން އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލައިފަ. ފޮޓޯ: ފޭސްބުކް

ދޮޅު މިލިއަން ރުފިޔާގެ ދަރަންޏެއްގެ މައްސަލައިގައި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޝަވީދުގެ ބޭންކް އެކައުންޓް ފްރީޒްކުރަން ސިވިލް ކޯޓުން އަންގައިފި އެވެ.

ސިވިލް ކޯޓުން ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އިއްޔެ ނެރުނު އެ ކޯޓު އަމުރުގައި ޝަވީދު ހިމެނޭހެން ޖުމްލަ އަށް މީހެއްގެ އެކައުންޓް ފްރީޒްކުރުމަށް ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް ވަނީ އަންގައިފަ އެވެ.

ސިވިލް ކޯޓުން ނެރުނު އަމުރަކީ ޝަވީދުގެ އާއިލާ މީހެއްކަމުގައިވާ މުހައްމަދު އަނީސް، ޝަވީދު ހިމެނޭހެން އަށް މީހެއްގެ މައްޗަށް 2011 ވަނަ އަހަރު ކުރި ދައުވާއެއްގެ މައްސަލައެއްގެ ހުކުމް ތަންފީޒުކުރުމުގެ އަމުރެކެވެ. އެ މައްސަލަ އިސްތިއުނާފީ މަރުހަލާތަކުން ނިމުނީ 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ސިވިލް ކޯޓުގެ ހުކުމަށް ތާއިދުކުރުމުންނެވެ.

އެ މައްސަލައިގައި ޖުމްލަ އަށް މީހެއްގެ އެކައުންޓްގައި ހުރި ފައިސާ ހިފަހައްޓަން ސިވިލް ކޯޓުން އެންގިއިރު، އެމީހުންނަކީ ހ. ވާލީވިލާ، މާލެއަށް ނިސްބަތްވާ މުހައްމަދު ޝަވީދު، ފާތިމަތު ފަރީދާ، އަހުމަދު ޝިޔާމް، އާމިނަތު އަޝްފާ، އާމިނަތު ޝިފާ، ހަސަން ޝިޔާމް، އަލީ ޝިޔާމް އަދި ސ. މަރަދޫފޭދޫ، ފަހާގެ، ހައުލަތު ފަހީމް އެވެ.

ސިވިލް ކޯޓުން އެމީހުންގެ އެކައުންޓް ފްރީޒްކުރަން އަންގައި ނެރުނު އަމުރުގައި ބުނީ އެމީހުންގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓްތަކުގެ މައުލޫމާތު ކޯޓަށް އެންގުމަށެވެ. އަދި އެމީހުންގެ އެއްވެސް އެކައުންޓެއްގައި 1.4 މިލިއަން ރުފިޔާ ނުވަތަ އެ އަދަދަށްވާ ފައިސާ ހުރިނަމަ ހިފެހެއްޓުމަށް ކޯޓުން ވަނީ ބީއެމްއެލްގެ މައްޗަށް އަމުރުކޮށްފަ އެވެ. އަދި އަމުރުގައިވާ މީހުންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓެއްގައި އެ އަދަދަށް ހުރި ފައިސާ ހިފެހެއްޓުމަށްފަހު ސިވިލް ކޯޓަށް އެންގުމަށް އެ ކޯޓުން ނެރުނު އަމުރުގައި ބުނެ އެވެ.

ޝަވިދާ ދެކޮޅަށް އަނީސް 2011 ވަނަ އަހަރު ހުށަހެޅި މައްސަލައަކީ އަނީސްގެ ވެސް ހިއްސާ އޮންނަ އާއިލީ ކުންފުނިތަކެއްގައި ހުރި އަނީސްގެ އަމިއްލަ މުދާ ހިމެނޭހެން މުދާތަކެއް ލިކުއިޑޭޓްނުކޮށް އާއިލާގެ މެމްބަރުންތަކެއްގެ މެދުގައި ވާރިސުންގެ ގޮތުގައި ބަހާލި މައްސަލައެކެވެ. އެ މައްސަލައިގައި އަނީސްކުރި ހުށަހެޅި މައްސަލަ 2011 ވަނަ އަހަރު ސިވިލް ކޯޓުން ނިންމީ އޭނާއާ އެއްކޮޅަށެވެ.

ޝަވީދު އަދި އެ މައްސަލައިގައި ދެން ހިމެނޭ ވާރިސުންއެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ހައި ކޯޓުން ވަނީ އެ މައްސަލައިގައި ޝަވީދަށް ބޮޑަށް ބުރަވާ ގޮތަށް ހުކުމްކޮށްފަ އެވެ. ހައި ކޯޓުން އެގޮތަށް ނިންމީ 2017 ވަނަ އަހަރު އެވެ. ނަމަވެސް އަނީސްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ އަހަރު ނިންމީ ސިވިލް ކޯޓުން އެންމެ ފުރަތަމަ 2011 ވަނަ އަހަރު ކުރި ހުކުމަށް ތާއިދުކުރުމަށެވެ.

މި މައްސަލައިގައި އެކައުންޓްގައި ހުރި ފައިސާތަކެއް ފްރީޒްކުރުމަށް ސިވިލް ކޯޓުން އެންގި ޝަވީދަކީ ކުރިން އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ އެފްއޭއެމްގެ އިސް މަގާމުތަކެއް ވެސް މީގެ ކުރިން އަދާކޮށްފަ އެވެ.

އޭގެ އިތުރުން ވެސް ޝަވީދަކީ ރާއްޖޭގައި މަޝްހޫރު ވިޔަފާރިވެރިއެކެވެ. އެގޮތުން ވީބީ ބްރަދާޒް ކުންފުނި، ޓީއެސްއެމްއައިސީ ރިސޯޓު ކުންފުނި އަދި ކޯސްޓްލައިން ފަދަ ބޮޑެތި ކުންފުނިތަކާއި ޝަވީދުއާ އޭނާގެ އާއިލާއާ ގުޅުން އޮވެ އެވެ. ޝަވީދުގެ އިތުރުން ކޯޓު އަމުރުގައި ދެން ހިމެނޭ ހަސަން ޝިޔާމް އަކީ 2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް ވާދަ ކުރެއްވި ބޭފުޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox