މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގައި ރޭ ރ. ދުވާފަރުން 3-0 އިން ބ. އޭދަފުށި ބަލިކުރިއިރު، ތ. ތިމަރަފުއްޓާއި ކުޑަހުވަދޫ ކުޅުނު މެޗުތަކުން ބޮޑު މޮޅެއް ހޯދައިފި އެވެ.
ޒޯން ފަހެއްގައި ރޭ ތިމަރަފުށިން ވަނީ 6-1 ތ. އޮމަދޫ ބަލިކޮށްފަ އެވެ. ހަމަ އެ ޒޯނުގެ އަނެއް މެޗުން ފ. ބިލެއްދޫ އަތުން ދ. ކުޑަހުވަދޫ މޮޅުވީ 5-1 އިންނެވެ. ރޭ ކުޅުނު އަނެއް މެޗުގައި ޒޯން ހަތެއްގައި ޏ.ފުވައްމުލަކު މާލެގަން ވަނީ 3-2 އިން ސ. ފޭދޫ ބަލިކޮށްފަ އެވެ. ޒޯން ހައެއްގައި ގއ. މާމެންދޫ ވަނީ 2-1 އިން ގއ. ކޮނޑޭ އަތުން ބަލިވެފަ އެވެ. އަދި ހަމަ އެ ޒޯނުގައި ގދ. ވާދޫ އަތުން ލ. ގަން ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
ދުވާފަރުން ރޭގެ މެޗުގައި ވެސް މޮޅުވުމުގައި އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ މެޗުގެ މޮޅު ކުޅުމެއް ދެއްކި މުހައްމަދު ޖުމާން އަހުމަދު އަށެވެ. އޭނާ ވަނީ ފުރަތަމަ ގޯލު ޖެހުމުގެ އިތުރުން ދެ ވަނަ ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. ދެ ވަނަ ގޯލު ޖެހީ ޖުމާން ޖެހި ބޯޅައަކުން މުހައްމަދު އިސާމް ބޮލުންނެވެ. ފަހު ގޯލު ޖެހީ ކައުންޓަ އެޓޭކުގައި އަހުމަދު އީސާ އެވެ. މި މެޗުގައި އޭދަފުށީގެ އަލީ ނަސީމް އާއި މުހައްމަދު ފާސިރު އަދި ހާފިޒު އަހުމަދު ކުރި އެޓޭކްތައް ހުއްޓުވުމުގައި ދުވާފަރުގެ ކީޕަރު މުހައްމަދު އިބްރާހިމް މޮޅު ކުޅުމެއް ދެއްކި އެވެ.

އޮމަދޫ ޓީމުގެ ނަޝްވަން (ވ) ކައިރިން ތިމަރަފުށީގެ އަސްވަދު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ތިމަރަފުށިން އެންމެ ފުރަތަމަ ލީޑުނެގީ އިބްރާހިމް ހަމްދާން ޖެހި ގޯލުންނެވެ. އޮމަދޫގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މުހައްމަދު ޔާޒީ ޖެހި ގޯލުން އެ ޓީމުން އެއްވަރުކޮށްފައިވަނިކޮށް، ތިމަރަފުށިން އަލުން ލީޑުނެގީ އޮމަދޫގެ މުހައްމަދު ސާމީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިމަރަފުށިން އިތުރު ތިން ގޯލު ޖެހި އެވެ. މި ލަނޑުތައް ޖެހީ އަލީ ޝިފާއު (ރޮނާ) އާއި އިސްމާއިލް މުނީޒް އަދި އިބްރާހިމް އަސްވަދު (ގަބޭ) އެވެ.
ދެ ވަނަ ހާފުގައި ތިމަރަފުށިން ގިނަ އެޓޭކްތަކެއްކޮށް ލަނޑު ޖަހާނެ ފުރުސަތުތައް ހޯދި ނަމަވެސް އޭގެއިން ގޯލަކަށް ހަދައިލެވުނީ އެއް ބޯޅަ އެވެ. މި ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހަމްދާން އެވެ.
ޒޯން ހަތެއްގައި ރޭ ކުޅުނު މެޗުގައި ފޭދޫ އާއި މާލެގަން ބައްދަލުކުރިއިރު، މިއީ މި ދެ ޓީމުން ވެސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. އެއީ އަތޮޅު ބުރެއް ކުޅެން ނުޖެހުމުންނެވެ. ރޭގެ މެޗުގައި މާލެގަން ޓީމުގެ ގޯލުތައް ޖެހީ މުހައްމަދު ނާޒިހު ނަޖްމީ އާއި އަހުމަދު ރާއީ ލަތީފް އަދި މުހައްމަދު ވިޝާހު އިބްރާހިމް އެވެ. ފޭދޫ ޓީމުން ވެސް ރަނގަޅަށް ކުޅެ، ގޯލު ޖަހަން ފުރުސަތު ތަނަވަސްކުރި މި މެޗުގައި އެ ޓީމުން ލަނޑުތައް ޖެހީ ހަސަން ސާމިއު ސައީދު އާއި ހަސަން އަޒްވާން އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މާލެގަން ޓީމުގެ އަޖްމަލް އަހުމަދު އެވެ.
ރަނގަޅު ފޯމެއްގައި އޮތް ބިލެއްދޫ ކޮޅަށް ކުޑަހުވަދޫގެ ޖުމައިލް ޖަލީލް ހެޓްރިކެއް ހެދިއިރު، އެ މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އަނެއް ދެ ގޯލު ޖެހީ ހާރޫން އިބްރާހިމް (ހާންޑޯ) އާއި އަބްދުލް މުގުސިތު އެވެ. ބިލެއްދޫގެ ހަމައެކަނި ގޯލު ޖެހީ މުނީފް އަބްދުﷲ ނަސީރު އެވެ.
ގއ. އަތޮޅު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މާމެންދޫ ވަނީ ކޮނޑޭ ބަލިކޮށްފަ އެވެ. އެކަމަކު، ރޭ ޒޯން ބުރުގައި ކޮނޑޭ އިން ވަނީ މާމެންދޫ ބަލިކޮށްފަ އެވެ. ކޮނޑޭގެ ގޯލުތައް ޖެހީ ޝިފާޒް އާދިލް އާއި އަބްދުﷲ މޫމިން އަހުމަދު އެވެ. މާމެންދޫގެ ގޯލު ޖެހީ ޝަމްވީލް އަހުމަދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޮނޑޭގެ ޝިނާޒް މުހައްމަދު އެވެ.












