ކޮވިޑާހެދި އިއުލާންކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލި ނަމަވެސް، އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ޝަރީއަތުގެ މައްސަލަތައް ކުރިޔަށް ގެންދިޔުމުގެ އިހްތިޔާރު ފަނޑިޔާރުންނަށް ލިބިގެންވާކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ޕްރެކްޓިސް ޑައިރެކްޝަނެއްގައި ބުނީ ގާނޫނުން މަނާކުރާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި އޮންލައިންކޮށް ޝަރީއަތްތަކާއި މައްސަލަތަކުގެ އިޖުރާއީ މަރުހަލާތައް ފަދަ ކަންކަން އޮންލައިންކޮށް ކުރިޔަށް ގެންދެވިދާނެ ކަމަށެވެ.
އެ ޑިރެކްޝަނުގައި އިތުރަށް ބުނީ ފެބްރުއަރީ 23، 2021 އިން ފެށިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން އެކޯޓުން ނެރުނު ޕްރެކްޓިސް ޑިރެކްޝަނުގައި އާންމުކުރި ހާއްސަ އިރުޝާދުތަކަށް އަމަލުކުރުން މިމަހުގެ 13 އިން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
އެ ހާއްސަ އިރުޝާދުތަކަށް އަމަލުކުރުން ނިމުމަކަށް އައިސްފައިވީނަމަވެސް ޝަރީއަތުގެ މަޖިލިސްތައް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރިޔަށްގެންދިޔުމުން ކަންކަން އަވަސްވެ، ފަސޭހަވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް އެ ކޯޓުން ބުންޏެވެ.
އަދި އެއީ ހަރަދު ކުޑަ ނިޒާމެއްގެ ތެރެއިން އަދުލު އިންސާފަށް ވާސިލުވުމަށް މަގުފަހިވެ ހަލުވިކަމާއެކު ޝަރީއަތްތައް ހިނގައި، މައްސަލަތައް ނިންމުމަށް މަގުފަހިކުރުވާ ކަމެއްކަމަށް ވެސް ސުޕްރީމް ކޯޓުން ބުނެ އެވެ.

އެހެންކަމުން އެކޯޓުން ބުނީ ގާނޫނީ ގޮތުން އޮންލައިންކޮށް ޝަރީއަތްތައް ކުރިޔަށް ނުގެންދެވޭނެކަމަށް ބަޔާންކުރާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި އޮންލައިން ޝަރީއަތްތައް ކުރިޔަށް ގެންދިޔުމުގެ އިހްތިޔާރު ފަނޑިޔާރުންނަށް ލިބިގެންވާ ކަމަށެވެ.
އަދި އަޑުއެހުންތަކާގުޅޭ އިދާރީ އަދި އިޖުރާއީ ކަންކަން ވެސް އެގޮތަށް ކުރިޔަށް ގެންދިޔުމުގެ އިހްތިޔާރު ފަނޑިޔާރުންނަށް ލިބިގެންވާކަމަށް އެ ޑިރެކްޝަނުގައި ބުންޏެވެ.
ސުޕްރީމް ކޯޓުން މިހެން އިއުލާންކުރިއިރު، ކޮވިޑުގެ ކުރިން އާންމުކޮށް ޝަރީއަތުގެ މައްސަލަތައް ކުރިޔަށް ގެންދަނީ މީހުން ކޯޓަށް ހާޒިރުކޮށްގެންނެވެ. އެއާއެކު ވަސީލަތްތައް މަދުވުމާއިި، ޖާގައިގެ ދަތިކަން އަދި މައްސަލަތަކުގެ ސަބަބުން އާންމުން މާލެއަށް ދަތުރުކުރަން ޖެހި ގިނަ ހަރަދުތަކެއް ކުރަންޖެހޭކަމުގެ ޝަކުވާތައް އަބަދުވެސް ދިޔައީ އިވެމުންނެވެ.
ނަމަވެސް ކޮވިޑާއެކު އޮންލައިން ޝަރީއަތްތައް އާންމުވުމުން، ގިނަ ބަޔަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދިޔަކަމަށް ބުނެ އެވެ.













