މެންޗެސްޓާ (މާޗް 16) - ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުގެ ދެ ވަނަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑް އަތުން އަމިއްލަ ދަނޑުގައި 1-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފި އެވެ.
ރޭ އަޔަކްސް ދަނޑުގައި 1-0 އިން މޮޅުވެ، ޕޯޗުގަލްގެ ބެންފީކާ ވަނީ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ބެންފީކާ ދަނޑުގައި 2-2 އިން އެއްވަރުވިއިރު، ރޭ އެ ޓީމު ވަނީ އަޔަކްސް އަތުން އުނދަގޫ މޮޅެއް ހޯދައިފަ އެވެ.
އެތުލެޓިކޯ ދަނޑުގައި މިދިޔަ މަހު ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެހެންވެ، ރޭގެ މެޗަށް ނުކުތްއިރު ވެސް މޮޅުވާ ޓީމަކަށް ކުއާޓާގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. މެޗުގެ ދެ ވަނަ މިނިޓްގައި ޔުނައިޓެޑްގެ އެންތަނީ އެލަންގާ ބޮލުން ޖެހި ބޯޅައެއް އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް އަށް ފައުލުކުރި ކަމަށް ނިންމި އެވެ. އޭގެ ފަހުން އެލަންގާ ކުޑައޭރިއާތެރެއިން ޖެހި ބޯޅައެއް އޮބްލަކް ވަނީ މަތަކޮށްފަ އެވެ.
މެޗުގައި އެތުލެޓިކޯ އިން ފޮނުވާލި ފުރަަތަމަ ނުރައްކާތެރި ހަމަލާ އަކީ 15 ވަނަ މިނިޓްގައި އޭރިއާބޭރުން ރޮޑްރީގޯ ޑެ ޕޯލް ޖެހި ބޯޅައެވެ. އެ ހަމަލާ ހުއްޓުވީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އެވެ. މެޗުގެ 33 ވަނަ މިނިޓްގައި އެތުލެޓިކޯގެ ޔާއޯ ފެލިކްސް ޖެހި ގޯލެއް އޮފްސައިޑް ކަމަށް ނިންމީ އެ ފުރުސަތު ތަނަވަސްކުރި މާކޯސް ލޮރެންޓޭ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް ނިންމައިފަ އެވެ. އެކަމަކު، އެތުލެޓިކޯ އިން ހިތްވަރުކޮށް މެޗުގެ 41 ވަނަ މިނިޓްގައި ލަނޑު ޖެހި އެވެ. އެންޓޮއިން ގްރީޒްމަން ނެގި ހުރަހަކުން މި ގޯލު ޖެހީ ރެނާން ލޮޑީ ބޮލުންނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ޖެހި ބޯޅައެއް އެތުލެޓިކޯ ކީޕަރު އޮބްލަކް ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ގޯލެއް ޖެހޭތޯ ޔުނައިޓެޑުން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނެވެ. އެކަމަކު، އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ އެތުލެޓިކޯ ގޯލުގައި މޮޅަށް ކުޅުނު އޮބްލަކް އެވެ.
ޗެމްޕިއަންސް ލީގުން ކެޓުމާ އެކު ޔުނައިޓެޑުން މި ސީޒަނުް ވެސް ނިިންމާލަން ޖެހިފައިމިވަނީ ހުސްއަތާ އެވެ. ޔުނައިޓެޑް އެންމެ ފަހުން ތަށްޓެއް ހޯދީ މީގެ ފަސް އަހަރު ކުރިން 2017 ވަނަ އަހަރު އެވެ. މި ސީޒަނުގައި ޔުނައިޓެޑް އޮތް ހަމައެކަނި މުބާރާތަކީ އިނގިރޭސި ޕްރިމިއާ ލީގެވެ. އެ މުބާރާތުގައި އެ ޓީމު ވާދަކުރަނީ ގަދަ ހަތަރަކަށެވެ.












