ސިވިލް ކޯޓަށް އައްޔަންކުރި ދެ ގާޒީންނަށް ސުޕްރީމް ކޯޓު ފަނޑިޔާރުންގެ ނަސޭހަތް

މިއަދުގެ ރަސްމިއްުޔާތުގައި ފަނޑިޔާރު ސުޖޫން ވާހަކަ ދައްކަވަނީ

މިއަދުގެ ރަސްމިއްުޔާތުގައި ފަނޑިޔާރު ސުޖޫން ވާހަކަ ދައްކަވަނީ

ސިވިލް ކޯޓުގެ ގާޒީ ކަމަށް އަލަށް އައްޔަންކުރި ޒުލައިހާ ޝީޒާ އަދި އަހުމަދު ނިމާލް ޖުނައިދު، ފަނޑިޔާރުކަމުގެ ހުވާކުރުމާ އެކު ސުޕްރީމް ކޯޓުން އެ ދެ ބޭފުޅުންނަށް ނަސޭހަތް ދެއްވައިފި އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މީޓިން ރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ދެ ގާޒީންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ އިސްފަނޑިޔާރު ހާތިފް ހިލްމީ އެވެ. މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިނެވެ. އެ ޖަލްސާގައި ބަންޑާރަ ނައިބާއި، އުއްތަމަ ފަނޑިޔާރު ވެސް ބައިވެރިވަޑައިގެންނެވި އެވެ.

އެއަށްފަހު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވާހަކަދެއްކެވި އެވެ. ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ސިފަކުރެއްވި ގޮތުގައި ފަނޑިޔާރުކަމުގެ މަސައްކަތަކީ ވަރަށް އެކަނިވެރި ޒިންމާއެކެވެ. އެއީ އެ މަގާމާ ހަވާލުވުމަށްފަހު، އާންމު އިޖްތިމާއީ ގިނަ ކަންކަން މަނާވެގެން ދާތީ އެވެ.

"ފަނޑިޔާރަކަށް ވުމަށްފަހު އަލަށް ރައްޓިހިންނެއް ނުހޯދޭނެ، ހަދިޔާއެއް ބަލައި ނުގަނެވޭނެ، ވިޔަފާރީއެއް ނުކުރެވޭނެ، މީހަކު އަތުން ލޯނެއް ނުނެގޭނެ،" ފަނޑިޔާރަކަށްވާ ހިސާބުން އާންމު އިޖްތިމާއީ ގުޅުންތަކުގެ ތެރެއިން ގިނަ ކަންކަން އެއްކޮށް މަނާވެގެން ދާނެކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

titledesc

ދެން ވާހަކަ ދެއްކެވި ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ކަނޑައަޅާފައިވާ މެމްބަރު އައިޝާ ޝުޖޫން އެވެ. އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރު ކަމަކީ ބުރަ އަދި ބޮޑު މަސައްކަތެކެވެ. އަދި އެއީ އަމިއްލަ މަންފާއަށާއި ކުރިއެރުމަށް އެދިގެން އަދާކުރެވޭނެ ޒިންމާއެއް ނޫންކަން ފާހަގަކުރެއްވި އެވެ.

"ފަނޑިޔާރު ކަމަކީ ކަންކުރެވޭ ގޮތުން މީހުންގެ އިހްތިރާމާއި އިތުބާރު ލިބޭ، އަދި ހިންހަމަ ނުޖެހުމާއި ބަދުބަސްވެސް ރައްދުވާ ކަމެއް،" މަސައްކަތުގައި ފަރުވާތެރިވުމަށް ނަސޭހަތްތެރިވަމުން ޝުޖޫން ވިދާޅުވި އެވެ.

އޭގެ އިތުރުން ފަނޑިޔާރަކަށްވާ ހިސާބުން އެމީހެއްގެ ވިސްނުމާއި އަމަލު ވަކި ގޮތަކަށް ބައްޓަންކުރަން ޖެހޭނެކަން ފާހަގަކުރެއްވި އެވެ. އެގޮތުން ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ފަނޑިޔާރަކަށްވާ ހިސާބުން މަސައްކަތްކުރަން ޖެހިވަޑައިގަންނަވާ ގޮތް ވަރަށް ތަފާތުވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް, ގިނަ ފަހަރަށް މަގާމާ ހަވާލުވާއިރު އެކަންކަމަށް އެއްވެސް ބޭފުޅަކު ތައްޔާރު ނުވާކަންވެސް ފާހަކުރެއްވި އެވެ.

ނަމަވެސް ނިޒާމުގެ ވަށައިގެންވާ ކަންކަމަށާއި، މަގާމުގެ ހުރިހާ މަސްއޫލިއްޔަތަށް ހޭނި، "ޖަޖް މޫޑް އޮން" ވާން ދުވަސްކޮޅެއް ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސުޖޫން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރެއްގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކީ ކޯޓުތަކަކީ މީހުން އިތުބާރު ކުރާ ތަނަކަށް ހެދުމެވެ.

އަލަށް އައްޔަނުކުރި ދެ ގާޒީންގެ ތެރެއިން ޒުލައިހާ ޝީޒާ އަކީ މެލޭޝިއާގެ ހެލްޕު ޔުނިވާސިޓީން ބެޗެލާ އޮފް ލޯ (އޮނާސް) ހާސިލުކުރައްވާފައި ހުންނެވި ބޭފުޅެކެވެ. އަދި އޭނާ ވަނީ ޔުނިވާސިޓީ އޮފް ލަންޑަންގެ ބާކްބެކް ކޮލެޖުން މާސްޓާސް އޮފް ލޯ އިން ކޮންސްޓިޓިއުޝަނަލް ޕޮލިޓިކްސް، ލޯ އެންޑް ތިއަރީ ވެސް ހާސިލުކުރައްވާފަ އެވެ.

އޭގެ އިތުރުން ވެސް ޒުލައިހާ ވަނީ ބަންޑާރަ ނައިބުގެ އޮފީހުގައި ސްޓޭޓް ކައުންސެލާ، ސީނިއާ ސްޓޭޓް އެޓާނީ އަދި ސްޓޭޓް އެޓާނީގެ މަގާމުގައި ތިން އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ.

ސިވިލް ކޯޓަށް ދެން އައްޔަނުކުރި ފަނޑިޔާރު އަހުމަދު ނިމާލްއަކީ ވިލާ ކޮލެޖުގެ ބެޗެލާ އިން ޝަރިއާ އެންޑް ލޯ (އޮނާސް) ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ނިމާލް ވަނީ މީގެ ކުރިން ފަރްހާން ޒަމީލް އެންޑް ނިމާލް ލޯ ފާމްގެ މެނޭޖިން ޕާޓްނަރުގެ ގޮތުގައި އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox