ސުޕްރީމް ކޯޓުން ވަކިކުރި ފަނޑިޔާރެއް، އޭރު އެ މައްސަލާގައި ހުކުމްކޮށްފައި ވަނީ ރިޝްވަތު ނަންގަވައިގެން ކަމަށް ބުނެ، އެ މައްސަލަ އަލުން ބަލަން ހުށަހެޅި މައްސަލައިގައި އާ ހެކި ހުށަހަޅަން ފުރުސަތު ނުދިނުމަށް ނިންމައިފި އެވެ.
މީގެ ހަ އަހަރު ކުރިން ސުޕްރީމް ކޯޓުގައި ކުރިޔަށް ދިޔަ މައްސަލައެއްގައި އެ ކޯޓުގައި އޭރު އިންނެވި ފަނޑިޔާރަކު މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ އަތުން ވެސް ރިޝްވަތު ނަންގަވަން ހުށަހެޅުއްވި ކަމަށް ތުހުމަތުކުރެއްވީ މިހާރު ސުޕްރީމް ކޯޓުގައި ހުކުމް މުރާޖައާކޮށްދިނުމަށް އެދި ކުރިޔަށްދާ މުހައްމަދު އަނީސް ވ. މުހައްމަދު ޝަވީދުގެ މައްސަލައިގައި މައްސަލަ ހުށަހެޅި މުހައްމަދު އަނީސެވެ.
ސުޕްރީމް ކޯޓުގައި މިއަދު އޮތް އެ މައްސަލައިގެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ އެ މައްސަލަ ހުށަހެޅިއިރު އިތުރު ހެއްކެއް ހުށަހަޅާފައިނުވާތީ، އެކަމާ ގުޅިގެން އިތުރު ހެއްކެއް ބަލައިނުގަތުމަށް އެ ކޯޓުން ނިންމާފައިވާ ކަމަށެވެ.
ފަނޑިޔާރުންގެ ބެންޗުން އެގޮތަށް ނިންމެވީ މައްސަލައިގެ ހުކުމަށް ވާސިލުވުމުގެ ކުރިން ޝަރީއަތުގެ ފަރާތުން ނިންމާ ނިންމުމެއްގެ ގޮތުގަ އެވެ. ފަނޑިޔާރު މަހާޒް ވިދާޅުވީ އެގޮތަށް ނިންމެވީ ދެ ސަބަބެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އެއީ މައްސަލަ ހުށަހެޅުއްވި ފަރާތާއި އެ ފަރާތުގެ ވަކީލުން ވެސް އެ މައްސަލައިގައި އާ ހެކިތަކެއް ނެތް ކަމަށް ތަކުރާރުކޮށް ބުނެފައިވާ ބުނުމުގެ ސަބަބުން ކަމަށް މަހާޒް ފުރަތަމަ ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

"މި މައްސަލަ ހުށަހެޅުއްވުމުގެ ތެރޭގަ ވެސް ކުރިން ދުވަހު ވެސް އަދި މިއަދު ވެސް ތަކުރާރުކޮށް މުހައްމަދު އަނީސްގެ ވަކީލުން ފާހަގަކުރައްވައިފި، މި މައްސަލައިގެ އާ ހެކިތަކެއް ނެތްކަމަށް،" ފަނޑިޔާރު މަހާޒް ވިދާޅުވި އެވެ.
ދެވަނަ ސަބަބެއްގެ ގޮތުގައި ފަނޑިޔާރު މަހާޒް ފާހަގަކުރެއްވީ އާންމު އުސޫލެއްގެ ގޮތުން މައްސަލަ މުރާޖައާކުރަން ސުޕްރީމް ކޯޓަށް ފޯމު ހުށަހަޅާ މަރުހަލާގައި އެ ފޯމާ އެކު އާ ހެކި ހުށަހެޅުމުގެ ފުރުސަތު މުހައްމަދު އަނީސަށް ވެސް ލިބިގެންދިޔައިރު، އެގޮތަށް ފޯމާ އެކު އާ ހެކި ހުށަހަޅުއްވަފައިނުވާތީ ކަމަށެވެ.
"ދެވަނަ ކަމަކަށް މިފަދައިން މި ނިންމާ ސަބަބަކީ، މި މައްސަލަ ހުށަހެޅުއްވި ފޯމުގަ އާއްމު އުސޫލަކީ ހެކިތަކެއް ހުށަހެޅުމަށް ހުރިކަމަށް ވާނަމަ، އެ ހުށަހެޅުމެއް ހުށަހަޅަން ހުށަހަޅާ މަރުހަލާގައި އެ ފޯމާއި އެކީގަ އެކަންކަން ބަޔާން ކުރުން. އެ ފުރުސަތު މި މައްސަލައިގައި މުހައްމަދު އަނީސަށް ވެސް އެރުވިފައި އޮންނާނެ. އެހެންނަމަވެސް އެ ނުކުތާ ފާހަގަކުރެއްވުމަށްފަހު އެ ނުކުތާއާއި ގުޅިގެން އެ ފޯމުގެ ހެކިތަކެއް ހުށަހަޅުއްވާފައެއް ނެތް،" ފަނޑިޔާރު މަހާޒް ވިދާޅުވި އެވެ.
ފަނޑިޔާރު މަހާޒް ފާހަގަކުރެއްވީ އެ މައްސަލައިގައި ވާހަކަ ދައްކަވާފައިވަނީ 2012 ވަނަ އަހަރުގެ ގަޒިއްޔާއެއްގެ މައްސަލަ 2015 ވަނަ އަހަރު ސުޕްރީމް ކޯޓުން ބެލުމުގެ ތެރެއިން ހިނގާފައިވާ އެހެނިހެން ކަންކަމާ ގުޅޭގޮތުން ކަމެވެ. އެ ފާހަގަކުރެއްވި އެހެނިހެން ކަންކަމަކީ އޭރު ސުޕްރީމް ކޯޓުގެ ބެންޗުގައި އިންނެވި ފަނޑިޔާރަކު ރިޝްވަތަށް އެދި މައްސަލައިގެ ހިމެނޭ ދެ ފަރާތަށް ހުށަހެޅިކަމަށް އަނީސްގެ ފަރާތުން ކުރާ ތުހުމަތުތަކެވެ.
ފަނޑިޔާރު މަހާޒް ވިދާޅުވީ ތިން މަރުހަލާއެއްގެ މަތިން ނިމިފައި އޮތް އެ މައްސަލަ ސުޕްރީމް ކޯޓުން މުރާޖައާ ކުރުމަށް ދިރާސާކުރުމުގެ ތެރެއިން ސާފުނުވާ ލިޔެކިޔުމެއް އޮވެއްޖެ ނަމަ އެ ލިޔެކިޔުމެއް ސާފުކުރުމަށް ދަންނަވާފާނެ ކަމަށެވެ. ނަމަވެސް އިތުރު އާ ހެއްކެއް ހުށަހަޅަން ނުދަންނަވާނެ ކަމަށް ފަނޑިޔާރު މަހާޒް ވިދަޅުވި އެވެ.
އެހެންކަމުން އެ ދެ ސަބަބަށްޓަކައި އާ ލިޔެކިޔުމެއް އެ މައްސަލައިގައި ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ވަނީ މިއަދު ނިންމައިފަ އެވެ.
އެ މައްސަލައިގައި ޝަރީއަތުން ނިންމި އެ ނިންމުމާ ގުޅިގެން މައްސަލައިގައި އެންމެ ފަހުގެ ވާހަކަދެއްކުމުގެ ފުރުސަތުގެ ގޮތުން މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލުން ވަނީ ފަނޑިޔާރުންގެ ބެންޗުގެ އެ ނިންމުމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވާފަ އެވެ.
"ގާނޫނާ ހިލާފް ކަންކަން ކަމުގަ މުހައްމަދު އަނީސް ފާހަގަކުރައްވާފައިވާ ނުކުތާއާ ގުޅިގެން މައްސަލަ ރައްދުވާ ފަރާތުގެ ޖަވާބުގެ އަށްވަނަ ނުކުތާގެ ދެވަނަ ޕެރެގްރާފުގައި ބަޔާންކޮށްފަ އެބަވޭ މި ނުކުތާއަކި މުހައްމަދު އަނީސްގެ ފަރާތުން ސުޕްރީމް ކޯޓުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކެއްކަމުގައިވާތީ، މި ނުކުތާގައި އިސްތިއުނާފް ރައްދުވާ ފަރާތަށް ޖަވާބުދެވޭނެ ނުކުތާއެއް ނޫނޭ،" މައްސަލަ ހުށަހެޅި އަނީސްގެ ވަކީލު ވިދާޅުވި އެވެ.
އަދި އެއީ އަނީސްގެ ފަރާތުން ސުޕްރީމް ކޯޓުގެ މައްޗަށް ކުރާ ތުހުމަތުތަކެއްކަމުން އެ މައްސަލައިގައި މައްސަލަ ރައްދުވާ ފަރާތުގެ ހައްގަކަށް އުނިކަމެއް އަންނާނެކަމަށް ގަބޫލުނުކުރެވޭ ކަމަށް އަނީސްގެ ވަކީލު ވިދާޅުވި އެވެ.
"ހުދު އެ ފަރާތުން އެބަ ގަބޫލުކުރައްވައޭ އެފަރާތުން ޖަވާބުއެރުވޭނެ އެފަރާތުން އެއްޗެއް ބުނަން އޮތް ނުކުތާއެއް ނޫން ކަމަށް. އެހެންވީމަ އެކަން ހަމަ ޝަރީއަތުގެ ސަމާލުކަމަށް ގެންނަން ބޭނުންވެފަ އަޅުގަނޑުމެން އޭރު ތިބީމަ އެވާހަކަ ވެސް ދަންނަވާލީ." އަނީސްގެ ވަކީލު ވިދާޅުވި އެވެ.
ނަމަވެސް ފަނޑިޔާރުންގެ ބެންޗުން އެކަމަށް ގޮތެއް ނިންމަވާފައިވާތީ، އެކަން އިހްތިރާމާއެކު ގަބޫލުކުރާކަމަށް އެ ވަކީލުން ވިދާޅުވި އެވެ.
އެ މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި ސުޕްރީމް ކޯތުން މައްސަލައިގައި ގޮތެއް ނިންމާނެއިރު، މިއަދުގެ އަޑުއެހުމުގައި ޝަރީއަތުގެ ފަރާތުން ވަނީ ވަކީލުންނާއި މައްސަލަ ހުށަހަޅާ ފަރާތާއި ގިނަ ސުވާލުތަކެއްކޮށް މައްސަލަ އޮޅުންފިލުއްވާފަ އެވެ.
މުހައްމަދު އަނީސް ވ. މުހައްމަދު ޝަވީދުގެ މައްސަލައަކީ މުދާ ބެހުމުގެ މައްސަލައެއްގައި ހައި ކޯޓުގެ ފަރާތުން އެ މުދާތަކުގައި އިތުރު ބައެއް ހިއްސާތަކެއް ވެސް އޮތް ހިނދު، އެކަންކަމަސް ރިއާޔަތްނުކޮށް މުދާ ބަހައި ވަކި ކުރި މައްސަލައެކެވެ.
އެއީ އަށް މީހެއްގެ ހިއްސާ އޮންނަ އެރިއަދޫ އައިލެންޑް ރިސޯޓާއި ވިލަމެންދޫ އައިލެންޑް ރިސޯޓްގައި ބޭނުންކުރި ލޯންޗަކާއި ދޯންޏަކުން 14 އަހަރުގެ ކުއްޔަށްވާ ފައިސާ ހޯދުމަށް އެ އުޅަނދުތަކުގެ ވެރިފަރާތުން ދައުވާ ކުރާ މައްސަލައެކެވެ.
ދެ މިލިއަނަށް ވުރެ ގިނަ ފައިސާ ހޯދުމަށް ވަކާލާތުކުރާ އެ މައްސަލަ 2008 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅުމުން އެ އުޅަނދުތަކުގެ ވެރިފަރާތް، މުހައްމަދު އަނީސްގެ ކޮޅަށް މައްސަލަ ނިމުނެވެ. އެ ނިންމުން ދައުވާ ލިބޭ ހ. ވާލީވިލާ މުހައްމަދު ޝަވީދު ހައި ކޯޓުގައި އިސްތިއުނާފު ކޮށްގެން ވެސް ކުރިއެރުމެއް ނުލިބުމުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.
މައްސަލަ ހުށަހެޅިތާ ތިން އަހަރަށް ފަހު 2015 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ވަނީ ދަށު ކޯޓުތަކުގެ ނިންމުންތައް ބާތިލްކޮށްފަ އެވެ.
"ސުޕްރީމް ކޯޓުގެ 31/15 ބެއްލެވި އެއް ފަނޑިޔާރު، މައްސަލަ އިސްތިއުނާފް ކުރި ފަރާތާ އެއްކޮށް ބައްދަލުވުންތަކެއް ބޭއްވި، ވާހަކަތަކެއް ދެކެވި، އެ ފަރާތަށް ޕްލެޓިނަމް ކެޕިޓަލް ހޯލްޑިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތައްޔާރު ކުރި އެޕާޓްމެންޓްގެ ތެރެއިން އެޕާޓްމެންޓްއެއް ވެސް ލިބިލެއްވި، އަދި އެއް މިލިއަން ޑޮލަރު ވެސް،" ހަ އަހަރަށްފަހު، އެ މައްސަލަ އަލުން ބެލުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން ބޭއްވި ފުރަތަމަ އަޑުއެހުމުގައި އަނީސް ތުހުމަތު ކުރި އެވެ.
"އެ ފަނޑިޔާރުގެ ފަރާތުން މީހަކު އަޅުގަނޑު [ގާތަށްވެސް] ފޮނުވާފަ، އަޅުގަނޑާ ބައްދަލުކޮށްފައި ބުނީ ދެ މިލިއަން ރުފިޔާ ތިޔަ ފަރާތުން ދީފި ކަމަށް ވެއްޖިއްޔާ ތިޔަ ފަރާތުގެ ކޮޅަށް މައްސަލަ ނިންމާ ދޭނަމޭ،"
އަނީސް ސުޕްރީމް ކޯޓުގައި ދެއްކި ވާހަކައަށް ބަލާއިރު، މައްސަލާގައި ހިމެނޭ ދެ ފަރާތުގެ އަތުންވެސް އެ ފަނޑިޔާރު ރިޝްވަތު ހޯދުމަށް އެދިފައިވާ ތުހުމަތު ކުރެވެ އެވެ. އަދި އެ ފަނޑިޔާރު ރިޝްވަތު ގަބޫލުކޮށްފައިވާ ކަމަށް ވެސް އޭނާ ތުހުމަތުކުރެ އެވެ.
އަނީސްއަށް ރިޝްވަތު ހުށަހެޅުމުން، އެ ހުށަހެޅުން ގަބޫލުނުކުރީ އެ މައްސަލަ އޭނާގެ ކޮޅަށް ނިމޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ވެސް އެ މައްސަލައިގައި މި ހިނގާ މާޗު މަހުގެ ހަވަނަ ދުވަހު ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައި އަނީސް ބުނެފައިވެ އެވެ.













