ސިންގަޕޫރުގައި މީގެ ދެ ހަފުތާ ކުރިން ކުރެއްވި ތައިރޮއިޑްގެ ސާޖަރީއަށްފަހު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ސާޖަރީއަށް ފަހު ފުރަތަމަ ފަހަރަށް ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަ ނިންމަވާލަމުން އޮޕަރޭޝަނު ކާމިޔާބުކަމަށް އިޝާރާތްކުރައްވަމުން ހެޔޮ ދުއާކޮށްދެއްވި ހުރިހާ އެންމެނަށް އެ މަނިކުފާނާއި އާއިލާގެ ފަރާތުން ޝުކުރު އަދާކުރައްވާފަ އެވެ.
"އަޅުގަނޑު މީގެ ހަފުތާއެއްހާ ދުވަސް ކުރިން މިއައީ، އަޅުގަނޑުގެ ތައިރޮއިޑްގެ އޮޕަރޭޝަނެއް ކޮށްގެން. މާތް ﷲގެ އޯގާވަންތަކަމުން އަޅުގަނޑުގެ ހާލު މިހާރު ރަނގަޅު. އޮޕަރޭޝަނަށް އަޅުގަނޑު ސިންގަޕޫރަށް ދިޔަ ދުވަހުން ފެށިގެން، އަޅުގަނޑަށް ހެޔޮ ދުއާކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް އިހުލާސްތެރިކަމާއެކު އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާގެ ފަރާތުން ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
މި ސާޖަރީ ކުރައްވަން ރައީސް ސިންގަޕޫރަށް ވަޑައިގަތީ ފެބްރުއަރީ 23 ގައެވެ. ސާޖަރީ ކުރެއްވީ ފެބްރުއަރީ 25 ގަ އެވެ. ތިން ގަޑިއިރުގެ ސާޖަރީއަކަށް ފަހު އެ މަނިކުފާނު ހޮސްޕިޓަލުގައި އިތުރު ހަތަރު ދުވަސް ހޭދަކުރެއްވި އެވެ. އަނބުރާ ރާއްޖެ ވަޑައިގެންނެވީ މާޗު 6 ގަ އެވެ.
ރައީސް ސޯލިހުގެ ހަށިކޮޅުގައި ސާޖަރީ ކުރެއްވި ވަގުތު، ތިން ގަޑިއިރަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައި ވަނީ އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމެވެ.













