ކޮވިޑް-19 ފެތުރެން ފެށުމާއެކު މީގެ ދެ އަހަރު ކުރިން އިއުލާން ކުރި ސިއްހީ ކުުއްލި ނުރައްކަލުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އުވާލައްވައިފި އެވެ.
މިރޭ ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އެމަނިކުފާނު އުވާލެއްވީ ސިއްހީ މާހިރުންފެ ލަފާގެ މަތިން ކަމަށެވެ. ފިޔަވަޅުތައް އުވާލި ނަމަވެސް ސިއްހީ ރަނގަޅު އާދަތައް ދަމަހައްޓަން ރައީސް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
"ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އިއުލާންކުރަމުން އައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ސިއްހީ މާހިރުންގެ ލަފާގެ މަތިން، މިއަދުން ފެށިގެން ނިމުމަކަށް ގެނައި ވާހަކަ ދަންނަވަން. އަދި ދެން އަމަލުކުރަމުން ދާނެ ގޮތުގެ މައުލޫމާތު ހެލްތު މިނިސްޓްރީން އަންމު ކުރައްވާނެ،" ރައީސް ވިދާޅުވި އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެއްވި ނަމަވެސް ކޮވިޑަށް ފާރަވެރިވެ، އަބަދުވެސް ހާލަތު މޮނީޓާކޮށް، ހާލަތާ ގުޅޭ ގޮތުން ފިޔަވަޅު އަޅަމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކޮށް، ކޮވިޑްގެ ހާލަތަށް އަންނަ ބަދަލުތައް ވަރަށް ރަނގަޅަށް ބަލަމުން ދާނެ. ރާއްޖޭގައި ފެތުރެނީ ކޮވިޑް ޖައްސާ ކޮން ބާވަތެއްގެ ވައިރަހެއްތޯ ދެނެގަތުމަށް، ގަވާއިދުން ޖެނެޓިކް ސީކުއެންސް ޓެސްޓުތައް ކުރެވޭނެ ނިޒާމެއް ވެސް މިހާރުވަނީ ރާއްޖޭގައި ގާއިމުކޮށްފައި. އެބަދަލުތައް ދެނެގަނެ، ހާލަތާ ގުޅޭ ގޮތުން ފިޔަވަޅުތައް އަޅަމުން ދާނެ،" ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ކޮވިޑާ ކުރިމަތިލާނެ ގައުމީ ފެންވަރުގެ ރޭވުންތަކެއް އެކުލަވައިލާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
"ކުރިމަގުގައި ކޮވިޑް-19 އަށް އިޖާބަ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ނޭޝަނަލް ސްޓްރެޖީ އާއި އެކްޝަން ޕްލޭނެއް، މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅުއްވައިގެން ކުރިއަށް ގެންދަވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ އެންމެ ފުރަތަމަ އިއުލާން ކުރީ މީގެ ދެ އަހަރާއި ދެ ދުވަސް ކުރިންނެވެ. ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާ އެންމެ ފުރަތަމަ ގަރާރު ނެރުއްވީ އެއިރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. އެންމެފަހުން އެ ހާލަތު އިތުރު ކުރެއްވީ މިހާރު ހެލްތު މިނިސްޓަރު މުހައްމަދު ނަސީމް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.













