ރިޕޯޓުޕޮންޒީ ސްކީމް އަދި ޕިރަމިޑް ސްކީމްގައި ކުރަނީ ކޮންކަމެއް؟

ޕޮންޒީ ސްކީމް އަދި ޕިރަމިޑް ސްކީމްގައި ކުރަނީ ކޮންކަމެއް؟

ތަހުޒީބު ހުރިހާ ގައުމެއްގައި ވެސް ޕޮންޒީ ނުވަތަ ޕިރަމިޑް ސްކީމް ހިންގުމަކީ މަނާ ކަމެއް. ރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 319 ވަނަ މާއްދާގައިވާ ގޮތުން ވަކި ހާލަތުތަކެއްގައި އެފަދަ ސްކީމެއްގައި ބައިވެރިވުމުގެ ހައްގު ވިއްކުން ކުށަކަށްވޭ.

ޕިރަމިޑް އަދި ޕޮންޒީ ސްކީމް މާނަކޮށްދޭ ފޮޓޯއެއް: އެފަދަ ސްކީމްތައް ގާނޫނުލް އުގޫބާތުން ސާފުކޮށް މަނާކޮށްފައެއް ނުވޭ -- ފޮޓޯ: މުހައްމަދު އިސާމް ސާމިރު
ޕިރަމިޑް އަދި ޕޮންޒީ ސްކީމް މާނަކޮށްދޭ ފޮޓޯއެއް: އެފަދަ ސްކީމްތައް ގާނޫނުލް އުގޫބާތުން ސާފުކޮށް މަނާކޮށްފައެއް ނުވޭ -- ފޮޓޯ: މުހައްމަދު އިސާމް ސާމިރު

"މިހާރު ތިޔަ އުޅޭހެން ނުނިދާ މަސައްކަތް ކުރާކަށް ނުޖެހޭނެ. މަބުނާ ކަމެއް ކޮށްލަނިކޮށް ކަލެއަށް ރަނގަޅު އެއްޗެއް ލިބޭނެ،" ގޮތް ނޭނގޭ އިންވެސްޓްމެންޓް ސްކީމެއް ތައާރަފްކޮށްދެމުން މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެއީ ބޮޑު ގައުމެއްގެ ނަން މަޝްހޫރު ޕްރޮގްރާމެކެވެ. އަހަރެން ކުރަންވީ ކަމަކީ އެންމެ ފުރަތަމަ ވެސް 200 ޑޮލަރު އިންވެސްޓްކުރުމެވެ. އެކަމަކު އަހަރެންނަށް ލާރި ލިބޭނީ އޭނާ ބުނި ގޮތުން ނަމަ "ރިފަރަލް" ގެ ގޮތުގައި އަހަރެންގެ ނަން ޖަހައިގެން ބައިވެރިވާނެ އިތުރު ބަޔަކު ހޯދީމަ އެވެ. އެގޮތަށް ހޯދާ މީހުން އިތުރުވާ ވަރަކަށް އަހަރެންނަށް ލިބޭ އެއްޗެއް ވެސް އިތުރުވާނެ އެވެ.

"ތިޔަ ކަމުގައި ބައިވެރިވާކަށް މަ ބޭނުމެއް ނޫނޭ" ބުނީމާ ވެސް އޭނާ ދުލެއް ނުުކުރެ އެވެ. ދުވާލަކު އެއް ފަހަރުހެން ގުޅައިގެން އެވާހަކަ ދައްކަ އެވެ. ފުރަތަމަ ފަށަނީ އަހަރެންނާ ގުޅޭ އެހެން ވާހަކައަކުންނެވެ. ދެން ވާހަކަ ދިގުކޮށްގެން ގެންގޮސް ޖައްސަނީ އެއްކަލަ އިންވެސްޓްމެންޓްގެ ވާހަކައިގަ އެވެ.

"ކަލޭ ތިޔަ ވަރަށް މަ ތިޔައިގެ ތެރެއަށް ވައްދަން ތިޔަ އުޅެނީ ކީއްވެހޭ" އެހިސާބުން އެހީމެވެ. އޭނާގެ ވާހަކަ ވަރަށް ސާފެވެ. އަހަރެން ބައިވެރިވެއްޖެ ނަމަ އޭނާއަށް ލިބޭ ފައިސާ ވަކި ޕަސެންޓޭޖަކުން އިތުރުވާނެ އެވެ. ދޫނުކޮށް ބޮލުގައި ކޮށަނީ އެހެންވެ އެވެ.

އޭނާ އެ ދެއްކީ ޕޮންޒީ ސްކީމް ސްކޭމެއްގެ ވާހަކަކަން މިހާރު އެނގެ އެވެ. އޭރުވެސް އަހަރެން އެ ޕްރޮގްރާމަށް ޝައްކު ކުރީމެވެ. ބައިވެރިނުވެ ހުރީ އެހެންވެ އެވެ. އެމެެރިކާގެ ނިއުޔޯކްގައި މަރުކަޒު ހުންނަ ކޯނެލް ލޯ ސްކޫލުން "ޕޮންޒީ ސްކީމް" ގެ ތައާރަފްގައި ބުނެފައިވާ ގޮތުގައި އެ ބާވަތުގެ ސްކީމްތަކަށް އެ ނަން ދިނީ 1920 ގެ އަހަރުތަކުގައި އެމެރިކާގެ އެތައް އިންވެސްޓަރުންނަކަށް އޮޅުވާލައިގެން އެތައް މިލިޔަން ޑޮލަރު ހޯދި މީހެއް ކަމަށްވާ ޗާލްސް ޕޮންޒީ އަށް ނިސްބަތްކޮށްގެންނެވެ.

ކޯނެލް ލޯ ސްކޫލުން ތަފްސީލްކޮށްދީފައިވާ ގޮތުގައި އިންވެސްޓަރުންނަށް "އާދަޔާ ހިލާފު ބޮޑެތި އަދަދުތަކުން ފައިދާވާ" އެފަދަ ސްކީމްތަކުގައި އަސްލުގައި ކުރާ ކަމަކީ ފަހުން އިންވެސްޓްކުރި މީހުންގެ ފައިސާއިން ބައެއް ކުރިން އިންވެސްޓްކުރި މީހުންނަށް ދިނުމެވެ. އެގޮތުން އެންމެ ބޮޑު އަދަދެއް އަބަދުވެސް ނަގާނީ އެކަން ފެށި މީހާ އެވެ. ޗާލްސް ޕޮންޒީ ހިންގި ޖަރީމާގައި އޭނާ އެވެ. އެއާ ޖެހިގެން ދެވަނައަށް ފައިސާ ދޭ ގްރޫޕްގެ މީހުންނަށް ފައިދާގެ ގޮތުގައި ދޭނީ ތިން ވަނައަށް އިންވެސްޓްކުރާ މީހުން ދޭން ފައިސާއިން ބައެކެވެ.

އެއީ ހަގީގީ އިންވެސްޓްމަންޓެއް ކަމަށް ފަހުން އަންނަ މީހުންނަށް އެހާ ފަސޭހައިން ގަބޫލުކުރެވެނީ ވެސް އެހެންވެ އެވެ. އެފަދަ ގިނަ ޖަރީމާތަކުގައި ކަންހިނގާ ގޮތަކީ، ތިން ވަނަ ފަށަލައެއްގެ ގޮތުގައި އަންނާނީ ދެވަނަ ފަށަލައިގެ މީހުން ރަނގަޅަށް ދަންނަ ބަޔަކަށް ވުމެވެ. އެހެންވީމާ ދެވަނަ ފަށަލައިގެ މީހުންނަށް ފައިސާ ލިބުނުކަން، އެއީ ތިން ވަނަ ފަށަލައިގެ މީހުންނަށް ލޮލުން ފެނި އަތުން ހިފެ އެވެ. އެއީ އެމީހުންގެ ދިރިއުޅުމުގެ ފެންވަރަށް އަންނަ ބަދަލުތަކުންނެވެ.

"ޕިރަމިޑް ސްކީމް" އަކީ ވެސް ހަމަ މިއާ ދާދި އެއްގޮތަކަށް ހިންގާ ޖަރީމާ އެކެވެ. ކުރިއަރާފައިވާ ގިނަ ގައުމުތަކުގެ ގާނޫނުތަކުގައި މި ދެބާވަތަކީ ވެސް މާލީ ޖަރީމާ އެވެ.

ފަހުގެ ތާރީހެއްގައި އެމެރިކާގައި ހިންގި އެންމެ ބޮޑު ޕޮންޒީ ސްކީމެއް ހިންގި ބާނާޑް ލޯރެންސް މެޑޯވް އަށް 150 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އޭނާ ހިންގި ސްކޭމަކީ ދުނިޔޭގެ ތާރީހުގައި ވެސް ހިންގި އެފަދަ އެންމެ ބޮޑު ޖަރީމާ ކަމަށް ކޯނެލް ލޯސްކޫލްގެ ލިޔުމުގައިވެ އެވެ. ބާނީގެ ސްކޭމް 2008 ވަނަ އަަހަރު ފަޅާ އެރި އިރު އޭނާގެ ކުންފުނީގެ މިލްކިއްޔާތުގެ އަގު އޮތީ 64.8 ބިލިޔަން ޑޮލަރަށް އަރައިފަ އެވެ. އޭނާ ޖަލަށްލީ 2009 ވަނަ އަަހަރު އެވެ.

ރާއްޖޭގެ ގާނޫނުގައި މިއީ ކޮންކަހަލަ ކަމެއް؟

ކުރު ޖަވާބަކީ ރާއްޖޭގެ ގާނޫނުގައި މިބާވަތުގެ އޮޅުވައިލުންތަކަށް އެހައި ސާފުކޮށް އެއްވެސް ފަރުވާއެއް ނެތް ކަމެވެ. މެލޭޝިއާ އާއި އިންޑޮނީޝިއާ ފަދަ ގައުމުތަކުގެ ބޮޑެތި "ފްރައުޑްސްޓާ" އިން ހިންގި މީގެ ބައެއް ސްކީމްތައް ރާއްޖޭގައި ވަރަށް ހާމަކޮށް ފުޅާކޮށް ކުރިން ކުރިއަށް ގެންގޮސްފައި ވެސް އެބަހުއްޓެވެ.

ރާއްޖޭގައި ސީދާ ގޮތެއްގައި މި މައްސަލައަށް އެޑްރެސްކުރާނެ ގާނޫނެއް ނެތަސް، "ޕިރަމިޑް ސޭލްސް" ސްކީމްތައް މާނަކޮށްދީފައިވާ މާއްދާއެއް، ގާނޫނުލް އުގޫބަތުގައި އެބަ އޮތެވެ.

އެކަން ގެނެސްފައި އޮތީ "ޕިރަމިޑް ސޭލްސް ސްކީމެއްގައި ބައިވެރިވުމުގެ ހައްގު ވިއްކައިލުން" މި ސުރުހީގެ ދަށުން އެ ގާނޫނުގެ 319 ވަނަ މާއްްދާގަ އެވެ.

އެ މާއްދާގެ ހ. ގައި އޮތް ގޮތުން ޕިރަމިޑް ސޭލްސް ސްކީމް އެއްގައި ބައިވެރިވުމުގެ ހައްގު، ވަކި ހާލަތްތަކެއްގައި ވިއްކާ މީހާ އެކުރަނީ ކުށެކެވެ. އެއާ ޖެހިގެން އޮތް އެ މާއްދާގެ ށ ގައި އޮތީ ޕިރަމިޑް ސޭލްސް ސްކީމަކީ ކޮބައިކަން މާނަކޮށްދީފަ އެވެ.

"ޕިރަމިޑް ސޭލްސް ސްކީމް" ކަމަށް ބުނެފައި އެވަނީ އަންނަނިވި ކަންކަމަށްޓަކައި އެކުލަވައިލެވޭ ކޮންމެ ޕްލޭނެއް، ނުވަތަ ހިންގާ ކޮންމެ މަޝްރޫއަކަށެވެ:

  1. މީހަކު އަގެއް ހުރި އެއްޗެއް ދޫކޮށްލުމުގެ މުގާބިލުގައި، އަގެއް ހުރި އެހެން އެއްޗެއް ލިބިގަތުމުގެ ފުރުސަތު ހޯދުން.
  2. މި މާއްދާގެ ހ. ގައިވާ އަމަލު ހިންގަނީ ވީހާވެސް ގިނަ މީހުން އެކަމުގައި ބައިވެރިވުމަށް ހިތްވަރުދެވޭ ގޮތަށްކަމުގައިވުން؛ އަދި
  3. އެކަމަކީ އެ ޕްލޭނުގެ ދަށުން ނުވަތަ މަޝްރޫއުގެ ދަށުން ވިއްކޭ، ނުވަތަ އަލުން ވިއްކުމަށްޓަކައި ބައިވެރިންގެ މެދުގައި ބަހައިލެވޭ މުދަލުގެ އަދަދުގެ ނިސްބަތަށް އެކަނި ބުރަވެފައި އޮންނަ ޕްލޭނަކަށް ނުވަތަ މަޝްރޫއަކަށް ނުވުން.

އެ މާއްދާ މާނަކުރުމުގައި ބައެއް ގާނޫނީ ވަކީލުންގެ ރައުޔު ތަފާތެވެ. ބައެއް ވަކީލުން ދެކޭ ގޮތުގައި ޕިރަމިޑް ސްކީމެއް ހިންގުން މިމާއްދާއިން އެކީއެކަށް މަނައެެއް ނުކުރެ އެވެ. އެކަމަކު މަނާ ވާނީ ގާނޫނުގައިވާ ސިފަތަކާ އެކު ހިންގާ ސްކީމްތައް އެކަންޏެެވެ. އަދި މަނާ ކުރެވިފައި އެވަނީ ޕިރަމިޑް ސޭލްސް ސްކީމެއްގައި ބައިވެރި ކުރުވަން މަސައްކަތް ކުރުމެވެ. އެފަދަ ސްކީމެއް ހިންގުމާއި، ބައިވެރިވުން މި މާއްދާއިން މަނާކުރާކަމާމެދު ވަކީލުންގެ ރައުޔު ތަފާތެވެ.

އެކަމަކު މިތާ ސާފުކޮށް ފެންނަން އޮތް ހަގީގަތެއް އެބަ އޮތެވެ. ކުރިއަރާފައިވާ ގައުމުތަކުގައި ޕިރަމިޑް ސްކީމް ނުވަތަ ޕޮންޒީ ސްކީމް މާނަކުރާ ގޮތާއި ގާނޫނުލް އުގޫބާތުގެ މި މާއްދާގައި މާނަކޮށްފައިވާ ގޮތާއި ދެމެދު މާބޮޑު ތަފާތެއް ނެތެވެ. އަނެއް ހަގީގަތަކީ މިސިފަތަކުން މުޅިން ސަލާމަތްކޮށްގެން އެފަދަ ޖަރީމާއެއް ނުވެސް ހިންގޭނެ ކަމެވެ.

އެނގެންޖެހޭ އަނެއް ކަމަކީ، މަލްޓި ލެވެލް މާކެޓިންގެ ކޮންމެ ސްކީމަކީ ޕިރަމިޑް ސޭލްސް ސްކީމެއް ނޫން ކަމެވެ. ވަކި މުދަލެއް އިޝްތިހާރުކޮށް ވިއްކުމަށްޓަކައި، މަލްޓި-ލެވެލް މާކެޓިން ސްކީމްތައް ހިންގުމަކީ ގައުމުތަކުގައި ހުއްދަ އަދި ގާނޫނުން ރެގިއުލޭޓް ކުރާ ކަމެކެވެ. އެފަދަ ސްކީމްތައް އާންމުކޮށް ހިނގާ ގޮތަކީ، ބައިވެރިވުމުގެ ފީއެއް ދެއްކުމަށްފަހު، އެ ޕްރޮޑަކްޓެއް މާކެޓްކޮށް ވިއްކާ މީހެއްގެ ގޮތުގައި ސްކީމްގައި ބައިވެރިވުމެވެ. އޭނާއަށް ލިބޭ އާމްދަނީ ބިނާވާނީ އޭނާ އަމިއްލައަށް މާކެޓްކޮށް ވިއްކާ ތަކެތީގެ ނިސްބަތުންނެވެ. އަދި ބައެއް ފަހަރު، އޭނާ މެދުވެރިކޮށް ބައިވެރިވާ މީހުން ވިއްކާތަކެތީގެ ފައިދާގެ އިންސައްތައެއް އޭނާއަށް ލިބޭ ގޮތަށް ވެސް މި ސްކީމްތައް ފަރުމާ ކުރެވިފައި ހުރެ އެވެ. މިއީ ނެޓްވޯކް މާކެޓިންގ ސްކީމްތަކެވެ.

އެފަދަ އަނެއް ހާލަތަކީ ފައިދާ ހޯދުމުގެ ބޭނުމުގައި ވަކި ކުންފުންޏަކަށް އިންވެސްޓްކޮށްދިނުމެވެ. ކުންފުނިން ކުރާ ވިޔަފާރިއަކީ ކޮބައިކަން އެނގިހުރެ، އެ ވިޔަފާރިއަށް ވަކި މިންވަރެއްގެ ފައިސާ އިންވެސްޓްކޮށްދީ، އެ ފައިސާ ބޭނުންކޮށްގެން އެ ކުންފުނިން ހޯދާ ފައިދާއިން ހިއްސާއެއް ލިބިގަތުމަކީ ވެސް ހުއްދަ ވިޔަފާރި އެކެވެ.

އެފަދަ ސްކީމްތަކުން ފައިދާ ލިބިގަތުމަށްޓަކައި، އެހެން މީހުން މި ސްކީމްގައި ބައިވެރިކުރުވުން ޝަރުތެއް ނުކުރާނެ އެވެ. އަދި އެހެން މީހަކު ބައިވެރިކުރުވައިގެން އިތުރު ފައިދާއެއް ވެސް ނުލިބޭނެ އެވެ. އިންވެސްޓްކުރާ މީހާއަށް ލިބޭނީ ދުރާލާ ވެވިފައި އޮންނަ އެއްބަސްވުމުގެ ދަށުން ލިބޭނޭ މަންފާ އެކަންޏެވެ.

ނަމަވެސް އެއާ ހިލާފަށް ޕިރަމިޑް ސޭލްސް ސްކީމްތަކުގައި އިންވެސްޓުކުރަނީ އޭގެ ހަގީގަތް ނޭނގި ތިބެ އެވެ. ކުންފުންޏަކުން ކުރާ ކޮންމެވެސް ކަމަކަށް އިންވެސްޓުކުރަނީ އެވެ. އިންވެސްޓް ކުރާ މީހާގެ ފަހަތުން އިތުރު މީހުން އެ ސްކީމަށް ޝައުގުވެރިކުރުވައި، ސްކީމުގައި ބައިވެރިކުރުވުމަކީ ފުރަތަމަ އިންވެސްޓަރުންގެ މަންފާ ބޮޑުވާނެ ކަމެކެވެ. މިފަދަ ސްކީމްތަކުގައި އާންމު ގޮތެއްގައި ލަނޑުލިބޭނީ ފަހުން އެ ސްކީމުގައި ބައިވެރިވާ މީހުންނަށެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox