ގޯލްޑަން ފުޓްސަލް ޗެލެންޖް: ގަން، ތިމަރަފުށި، އޭދަފުށި މާމެންދޫ އަށް އަތޮޅު ޗެމްޕިއަންކަން

Mar 11, 2022, 5:09 AM
ތ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ތިމަރަފުށީ ޓީމު ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން.

ތ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ތިމަރަފުށީ ޓީމު ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022" ގައި ރޭ ކުޅުނު މެޗުތަކަށް ފަހު ލ. ގަމާއި ތ. ތިމަރަފުށި، ބ. އޭދަފުށި އަދި ގއ. މާމެންދޫ އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ.

ލ. އަތޮޅުގެ ފަހު މެޗުގައި އިސްދޫ އަތުން ގަން މޮޅުވީ ފަހަތުން އަރައި 2-1 އިންނެވެ. އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށިން އޮމަދޫ ބަލިކުރީ 4-1 އިންނެވެ. ބ. އަތޮޅު ފަހު މެޗުގައި ހިތާދޫ އަތުން އޭދަފުށި މޮޅުވީ 6-0 އިންނެވެ. ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 އިން އެއްވަރުވެފައި އޮތުމުން މާމެންދޫ އާއި ކޮނޑޭ ކުޅުނު މެޗު މޮޅުވި ޓީމެއް ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި މާމެންދޫ މޮޅުވީ 5-4 އިންނެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ލ އަތޮޅު ފައިނަލުގައި ފުރަތަމަ ގޯލު ޖެހީ އިސްދޫ އިންނެވެ. އިސްދޫގެ ކެޕްޓަން އަލީ ހުމޭޒް މެޗު ފަށައިގެން ރަނގަޅަށް ކުޅެ، ގަމުގެ ފަހަތުން ލިބޭ ޖާގަތަކުގެ ބޭނުންހިފައިގެން އުފެއްދި އެޓޭކެއްގައި ލީޑުނެގި އެވެ. މި ގޯލު ޖެހީ އަލީ މީސާގް އެވެ. ފުރަތަމަ ހާފުގައި ގަމުން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ލ. އަތޮޅު ގަމުގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

އެކަމަކު، ދެ ވަނަ ހާފުގައި ނުކުމެ، ގަމުން ނަތީޖާ އަނބުރާލީ މޮޅު ދެ ގޯލު ޖަހައިގެންނެވެ. އެ ގޮތުން އެއްވަރުކުރި ގޯލު ޖެހީ ފައިނަލުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަލީ ޝާމިސް (ތޮއްޕޭ) އެވެ. ތޮއްޕޭ ދުރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. ބަދަލަކަށް އަރައި މޮޅަށް ކުޅުނު ގަމުގެ ޒައިދާން އަބްދުﷲ ވަނީ އެ ޓީމު މޮޅުކޮށްދިން ގޯލު ޖަހައިފަ އެވެ. މިއީ ދުރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޒައިދާން ޖެހި ގޯލެކެވެ. ލ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ އިސްދޫ ޓީމުގެ މީސާގް އެވެ.

ތިމަރަފުށިން ރޭގެ ފައިނަލަށް ނުކުމެ، ފުރަތަމަ މިނިޓްގައި އޭރިއާތެެރެއިން އިސްމާއިލް މުނީޒް ޖެހި ގޯލުން ލީޑުނެގި އެވެ. އޭގެ ފަހުން އާދަމް ނާސިހު (އާދަންނާ) އާއި އިބްރާހިމް އަސްވަދު (ގަބޭ) އަދި އަލީ ޝިފާއު (ރޮނާ) ޖެހި ބޯޅަތައް ގޯލަކަށް ހަދައިނުލެވުނެވެ. ތިމަރަފުށީގެ ގޯލުގައި ހުރި މުހައްމަދު ޝަރުހާން ރަނގަޅު ބޯޅަތަކެއް ހުއްޓުވަމުން ދިޔަ ނަމަވެސް އޮމަދޫ އިން ވަނީ އެހެން ދިޔަ ބޯޅައެއްގައި ގޯލު ޖަހައިފަ އެވެ. މިއީ އަހުމަދު ޔާޒީ ނާޒިމް ތިރިތިރިން ޖެހި ބޯޅައަކުން ޖެހި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާދަންނާ ޖެހި ބާރު ބޯޅައެއް ގޯލުގެ ކަނަށް ފޮނުވާލައިގެން ތިމަރަފުށިން އަލުން ލީޑުނެގި އެވެ.

ދެ ވަނަ ހާފުގައި ތިމަރަަފުށިން އިތުރު ދެ ގޯލު ޖެހިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އާދަންނާ ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އާދަންނާގެ ފުރަތަމަ މެޗެވެ. ތިމަރަފުށީގެ އަނެއް ގޯލު ޖެހީ ގަބޭ އެވެ. ތ. އަތޮޅުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ މުނީޒް އެވެ.

އޭދަފުށީ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ބ. އަތޮޅުން ތިން ޓީމު ބައިވެރިވެފައިވާތީ، ޗެމްޕިއަން ހޮވީ ތިން ޓީމު ލީގު ބުރެއް ކުޅެގެންނެވެ. އޭދަފުށި ތަށި އުފުލާލީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. ރޭ ހިތާދޫ އަތުން މޮޅުވީ، އެ ޓީމަށް މެޗުގެ ތެރެއަށް ވަންނަން އެއްވެސް ފުރުސަތެއް ނުދީ އެވެ. އޭދަފުށްޓަށް ލީޑުނަގައިދިނީ ރޭގެ މެޗުގައި ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ހާފިޒް އަހުމަދު އެވެ.

ދެން އެ ޓީމުގެ ގޯލުތައް ޖެހީ ކެޕްޓަން އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ)، އަލީ ނަސީމް، އަބްދުﷲ ފާސިރު އާއި މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. މީގެ ތެރެއިން ސޮބީ އާއި ފާއްޓެ އަދި އަބްދުﷲ ފާސިރު ގޯލުތައް ޖެހީ އޭރިއާބޭރުންނެވެ. މި ތިން ގޯލު ހުއްޓުވަން ވެސް ހިތާދޫ ގޯލުގައި ހުރި ކީޕަރަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. މީގެ ތެރެއިން އަބްދުﷲ ފާސިރު ޖެހި ގޯލަކީ ކުޅެން އެރިތާ މާގިނައިރެއްނުވެ، އިންޑިވިޖުއަލް ހުނަރަށް ބަލާއިރު، މޮޅު ގޯލެކެވެ. ބޯޅަ ހޯދުމަށް ފަހު، ހިތާދޫ ކުޅުންތެރިއަކު ކައިރިން ދެމިގަތުމަށް ފަހު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

އޭދަފުށިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ދެ މެޗުގައި ވެސް އެ ޓީމުގެ ކީޕަރު އަލީ އަޖްފާން އަމްޖަދު ވަނީ މޮޅު ބޯޅަތަކެއް ހުއްޓުވައިފަ އެވެ. ބ. އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސޮބީ އެވެ.

ގއ. މާމެންދޫ އިން ރޭގެ މެޗަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

މާމެންދޫ އާއި ކޮނޑޭގެ މެޗު ފޯރިގަދަކޮށް ދިޔައިރު، ފުރަތަމަ ގޯލު ޖެހީ ކޮނޑޭ އިންނެވެ. މުހައްމަދު އިންޝާއު މުހައްމަދު ކޮނޑޭ އަށް ދެ ވަނަ ހާފުގައި ލީޑުނަގައިިދިނުމުން އެ ޓީމު މޮޅުވާނެ ކަމަށް ބަލައިގެން ހުއްޓައި، ހިތްވަރު އެލުވާނުލައި ކުޅެގެން މާމެންދޫ އިން އެއްވަރުކުރި އެވެ. މި ގޯލު ޖެހީ ޝަމްވީލް މުހައްމަދު އެވެ. ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ޕެނަލްޓީގައި މާމެންދޫން ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. އެ ޓީމުގެ ޕެނަލްޓީތައް ފޮނުވާލީ އަހުސާމް ހަސަން ދީދީ، މުސީފް އަބްދުލް ގަފޫރް، މުހައްމަދު ޝުހާން، ރައުހާން ރިއްފަތު އަދި ޝަމްވީލް އެވެ. ކޮނޑޭގެ ފުރަަތަމަ ތިން ޕެނަލްޓީ ޝިފާޒް އާދިލް (ތުއްތު)، އަހުމަދު ވިޖުދާން (ވިޖުއްކޮ) އަދި އިންޝާއު ކާމިޔާބުކުރި އެވެ. އެކަމަކު، ހަތަރު ވަނަ ޕެނަލްޓީ ޖަހަންދިޔަ މުހައްމަދު އިމްތިޔާޒް ފޮނުވާލި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ބޭރުވިއެވެ. އޭގެ ފަހުން، އަބްދުލް ރަހުމާން ކޮނޑޭގެ ފަހު ޕެނަލްޓީ ވެއްދި ނަމަވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.

ގއ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހީ ކޮނޑޭގެ ތުއްތު އެވެ. އެންމެ މޮޅު ކުޅުންތެރިއަކީ މުބާރާތުގައި މާމެންދޫ ޓީމުގައި މޮޅަށް ކުޅުނު، ރައުހާން އެވެ.

ރޭ ވަނީ ރ. އަތޮޅުގެ ފަހު މެޗާއި ލ އަތޮޅުގެ ފަހު މެޗު ވެސް ކުޅެފަ އެވެ. ލ އަތޮޅުގެ ފަހު މެޗުގައި ކަލައިދޫ ވަނީ 3-1 އިން މާމެންދޫ ބަލިކޮށްފަ އެވެ. އަދި އިނގުރައިދޫ ވަނީ 7-0 އިން އިންނަމާދޫގެ މައްޗަށް ކުރިހޯދައިފަ އެވެ. ކަލައިދޫގެ ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އަހުމަދު އައްސަދު ދެ ގޯލާއި އިބްރާހިމް ނާއިލް އެވެ. މާމެންދޫގެ ހަމައެކަނި ގޯލު ޖެހީ ތޯއިފް ގާސިމް އެވެ. އިނގުރައިދޫގެ އައިހަމް އަހުމަދު (އައިހު) ރޭގެ މެޗުގައި ހެޓްރިކެއް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއިރު، އެ ޓީމުގެ އަނެއް ގޯލުތައް ޖެހީ އަލީ ޝާފިއު ދެ ގޯލާއި މުހައްމަދު ޖުމާނާއި އަހުމަދު މަޝީދު ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.

ގޯލްޑަން ފުޓްސަލް ޗެެލެންޖްގެ އަތޮޅު ބުރުގެ ކުޅުން ނިމިފައިވާއިރު، ޒޯން ބުރު ފަށާނީ ހޯމަ ދުވަހުގެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox