ތެލުގެ އަގު ބޮޑުވެފައިވާތީ މާލޭގައި ޓެކްސީ ދުއްވާ އަގު ބޮޑު ކުރުމަށް ހުށަހެޅުމުން ސަރުކާރުން އެކަމަށް އެދެވޭ ޖަވާބެއް ނުދިން ކަމަށް ބުނެ ޓެކްސީ ޑްރައިވަރުން މިއަދު އިހްތިޖާޖް ކުރަން ފަށައިފި އެވެ.
ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި މިހާރު ކުރިޔަށްދާ އެ އިހްތިޖާޖުގައި 100 އެއްހާ ޓެކްސީއެއްގެ ޑްރައިވަރުން ބައިވެރިވާ ކަމަށް އެކަން އިންތިޒާމް ކުރާ ފަރާތުން ބުނެ އެވެ. އެތަނުގައި މިވަގުތު ހުރި ޑްރައިވަރެއްކަމުގައިވާ އަހުމަދު ޝަމާލް "އަދަދު" އަށް ބުނީ ޑްރައިވަރުން ތިބީ އަގުތަކުގެ މައްސަލައިގައި އެދެވޭ ހައްލެއް ލިބެންދެން ދަތުރުތައް ހުއްޓާލައިގެން ކަމަށެވެ.
"އެކަމުގައި ޓްރާންސްޕޯޓަށް މިއަދު 13:00 އާ ހަމަޔަށް ދިން މުހުލަތުގައި ކަމެއް ނުކުރި. ދެން ޑްރައިވަރުން ގޮތް ނިންމާނީ. ހުށަހެޅި އަގުތަކުގައި ނޫން ގޮތަކަށް ދަތުރުނުކުރަން ހުރިހާ ޑްރައިވަރުން ވެސް ނިންމީ. ވަކި ގޮތެއް އަންގަން ދެން. ސެންޓަރުންނެއް ނޫން ނިންމީ. އެކަމަކު ސެންޓަރުތައް ވެސް ތިބީ ޑްރައިވަރުންނާ އެއްކޮށް،" ޝަމާލް ބުނެ އެވެ.
ޓެކްސީ ދަތުރުތައް ހުއްޓާލުމަށް މާލޭގައި އޮޕަރޭޓްކުރާ ޓެކްސީ ސެންޓަރުތަކުގެ ތެރެއިން 16 ސެންޓަރަކުން މިހާރު ނިންމާފައިވާ ކަމަށް ޝަމާލް ބުންޏެވެ. އަދި އެމީހަކު ބޭނުން އަގެއް ނެގުމަށް ސެންޓަރުތަކުން ޑްރައިވަރުންނަށް އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ.
އެހެން ޓެކްސީ ސެންޓަރެއްގެ އިސް ފަރާތެއް މި ނޫހަށް ބުނީ ޑްރައިވަރުން އިހުތިޖާޖަށް ނިކުތް ނަމަވެސް އިމަޖެންސީ ހާލަތްތަކުގައި ހޮސްޕިޓަލް ފަދަ ތަންތަނަށް ދާންޖެހޭ އާންމުންނަށް ހިދުމަތް ދިނުމަށް ކޮންމެ ސެންޓަރަކުން ވެސް ދެ ކާރު ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ސެންޓަރުތަކަށް ޑްރައިވަރުންނަށް ކުޑަ އަގުގައި ދަތުރުކުރަން މަޖުބޫރެއް ނުކުރެވޭނެ ކަމަށް އޭނާ ބުނެ އެވެ. އަދި ޑްރައިވަރުން މިހާރު ޖަޒުބާތުގައި ޖެހިފައިވާ ވަގުތެއްގައި ޑްރައިވަރުން ނަގާ އަގުތަކަށް ،މިނިސްޓްރީން ފިޔަވަޅު ނޭޅުމަށް އޭނާ ގޮވާލި އެވެ.
ޓެކްސީ ޑްރައިވަރުން މިއަދު އިހުތިޖާޖަކަށް ނިކުތީ މިފަހުން ދަތުރުތަކަށް ނަގަން އެ މީހުން އެދޭ އަގުތަކެއް ޓްރްަންސްޕޯޓު މިނިސްޓްރީއަށް ހުށަހެޅުމަށްފަހު އެކަމަށް އިޖާބައެއް ނުދިނުމުން ކަމަށް ޑްރައިވަރުން ބުނެ އެވެ. ޑްރައިވަރުން ހުށަހެޅި އަގުތަކުގައި މާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގުތައް 30ރ. އަށް އިތުރުކުރަން ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ އެތެރޭގެ އަގުތަކަށް ބަދަލެއް ގެންނާކަށް ހުށައެއްނާޅަ އެވެ.
އޭގެ އިތުރުން ވެސް ބްރިޖު ހުރަސްކޮށް މާލެއިން ހުޅުމާލެއަށް ނަމަ 100ރ. އަދި މާލެއިން އެއާޕޯޓަށް ނަމަ 80ރ. ނަގަން ވަނީ ހުށަހަޅާފަ އެވެ. އަދި މާލެއިން ހުޅުލޭގެ ސީޕްލޭން ޓާމިނަލަށް ނަމަ 100ރ. ގެ ރޭޓުން ނެގުމަށް ވަނީ ހުށަހަޅާފަ އެވެ.
އަދި ހުޅުމާލެ އެއް ފޭސް އިން އަނެއް ފޭސްއަށް ދާނަމަ 40ރ. އަދި ހުޅުމާލެ ފޭސް ދެއަކުން އެއާޕޯޓުގެ ސީޕްލޭން ޓާމިނަލަށް ވެސް 120ރ. އަދި މާލެއިން ހުޅުމާލެ ފޭސް ދެއަކަށް ވެސް 120ރ. ނެގުމަށް ވަނީ ހުށަހަޅާފަ އެވެ.
ޑްރައިވަރުންގެ ހުށަހެޅުންތަކުގެ ކުރިން ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އަގުތަކަށް ބަދަލު ގެނައުމުގެ ވިސްނުމެއް އެ މިނިސްޓްރީގެ ނެތްކަމަށް ބުނެފަ އެވެ. އަދި ބޮޑު އަގުތަކުގައި ދަތުރުކުރާ ޑްރައިވަރުންނަށް ފިޔަވަޅު އަޅާނެކަމަށް ވެސް އެ މިނިސްޓްރީން ވަނީ އޭރު ބުނެފަ އެވެ. އެ ނިންމުމަށް ބަދަލެއް އައިކަމެއް އަދި އެ މިނިސްޓްރީގެ ފަރާތުން ހާމައެއް ނުކުރެ އެވެ.













