މެޑްރިޑް (މާޗު 10) - ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑް އަތުން ރަށުން ބޭރުގައި 3-1 އިން ބަލިވެ، ޕީއެސްޖީ މުބާރާތުން ކެޓުމާ އެކު، ރެފްރީންގެ ބައެއް ނިންމުންތަކާ ރުޅިގަވެ، އެ ކްލަބުގެ ރައީސް ނާސިރު އަލް-ހެއްލާފީ ރެފްރީންގެ ކޮޓަރި އަށް ވަންނަން މަސައްކަތްކޮށްފި އެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގައި ޕީއެސްޖީގެ ކިލިއަން އެމްބާޕޭ ޖެހި ލަނޑާ އެކު، 2-0 ގެ އެގްރިގޭޓް ނަތީޖާއަކުން ޕީއެސްޖީ ކުރި ހޯދާފައިވާ ވަނިކޮށް، ރެއާލް އިން މެޗުގެ ނަތީޖާ އަނބުރާލީ މެޗުގެ ދެ ވަނަ ހާފުގައި ކަރީމް ބެންޒެމާ ހެދި ހެޓްރިކުންނެވެ.
މެޗަށް ފަހު، ޕީއެސްޖީގެ ރައީސް ހެއްލާފީ ވަނީ ރެފްރީންނާ މެދު ހިތްހަމަނުޖެހި، ރެފްރީންގެ ކޮޓަރި އަށް ވަންނަން މަސައްކަތް ކޮށްފަ އެވެ. ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ)ގެ އިސް ރޯލެއް ފުރުއްވަމުން އަންނަ ހެއްލާފީ އަށް ހުރަސްއެޅުމުން، އޭނާ އެސިސްޓަންޓް ރެފްރީ ބޭނުންކުރާ ތަކެތީގައި އަތުން ޖަހައި، ގެއްލުން ދީފައިވާ ކަމަށް ރެފްރީންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ހެއްލާފީ ރުޅިގަދަވީ މެޗުގައި ރެއާލް އިން ފުރަތަަމަ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކުރިއިރު، ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮނަރޫމާ އަށް ބެންޒެމާ އަށް ފައުލްކުރި ކަމަށް ބުނެ އެވެ.
މެޗަށް ފަހު، ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވެސް ވަނީ ރެފްރީންނާ މެދު ހިތްހަަމަނުޖެހުން ފާޅުކޮށްފަ އެވެ.
ރިޕޯޓްތަކުން ބުނާގޮތުގަައި ހެއްލާފީ ރެފްރީންގެ ކޮޓަރި އަށް ވަންނަ މަސައްކަތްކުރި މަންޒަރު ރެއާލްގެ އޮފިޝަލެއް ވަނީ ފޯނުން ރެކޯޑްކޮށްފަ އެވެ. އަދި ޔުއޭފާ އިން އެ މައްސަލަ ބަލައި، ފިޔަވަޅު އަޅާނެ ކަމަށް ބެލެވެ އެވެ. -- އޭއެފްޕީ












