ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކަށް ދައުވާ ކުރަން ދެވަނަ ފުރުސަތު ދިނުމުންވެސް، އެ ފުރުސަތުގެ ބޭނުން ނުކުރީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އެ ދައުވާ ގަސްތުގައި ފެއިލްކޮށްލުމަށް ކަމަށް ބެލެމުގެ ފުރުސަތު އެބަ އޮތް ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ކުށުގެ ދައުވާއާ، އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ އިތުރުން އެ ކުއްޖާއަށް އޭނާގެ ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާ ކުރުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެންމެ ފުރަތަމަ ވެސް އެ މައްސަލަ ނުބެލޭނެ ކަމަށް މެޖިސްޓްރޭޓް އާދަމް ސަލީމް ނިންމެވި އެވެ.
އެފަދައިން އެރަށު ކޯޓުން ނިންމީ ނ. މަނަދޫ، ރެޑްސްޓާ، މުހައްމަދު ޝިފާއުއަށް ކުރެވޭ ޖިންސީ ކުށުގެ ތުހުމަތުގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރި ފަހުން 45 ދުވަސް ވެގެން ދިޔައިރުވެސް ދައުވާ އުފުލާފައި ނުވާތީ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ބަންދުގައި ހުންނަ މީހެއްގެ މައްޗަށް 45 ދުވަސް ތެރޭ ދައުވާ އުފުލަން ޖެހޭނެ އެވެ.
ނަމަވެސް އެ ނިންމުން ބާތިލްކުރުމަށްފަހު، ފެބްރުއަރީ 11، 2020 ގައި ހައިކޯޓުން ނެރުނު އަމުރުގައި ވަނީ އެ މައްސަލަ ދައުލަތުން އަލުން ހުށަހަޅައިފިނަމަ ބެލުމަށް އަމުރުކޮށްފަ އެވެ.
އެކަމަކު ދެވަނަ ފުރުސަތު ދިނުމުން ވެސް ދައުލަތުން އެ މައްސަލަ އަލުން އެ ރަށު ކޯޓަށް ހުށަހެޅީ ފަސް މަސް ފާއިތުވިފަހުންނެވެ. އެހެންވެ އެރަށު މެޖިސްޓްރޭޓް ކޯޓުން ދެވަނަ ފަހަރަށް ވެސް ނިންމީ އެ މައްސަލަ ބަލައި ނުގަތުމަށެވެ. އެ ނިންމުމަށް ހައިކޯޓުން ވެސް ތާއީދުކުރީ ޕީޖީގެ ފަރުވާކުޑަކަން ފާހަގަވުމުންނެވެ. އެހާ ހިސާބުން އެ މައްސަލައަށް ހައްލެއް ލިބޭތޯ ޕީޖީއިން ސުޕްރީމް ކޯޓަށް ދިއުމުންވެސް ކުރިމަތިލާން ޖެހިފައިވަނީ ނާކާމިޔާބީއާ އެވެ.

"...އަލުން މައްސަލަ ހުށަހެޅުމަށް ދައުލަތަށް ހައިކޯޓުން ފުރުސަތު ދިނުމުން، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ އެއިގެ ފަސް މަސް ދުވަސް ފަހުން، ޔަގީނާ ގާތަށް، އެއްވެސް ކޯޓަކުން މިފަހަރު އެ މައްސަލަ ބަލައިނުގަންނާނެ މުއްދަތެއް ފަހުންނެވެ. ސަބަބުވެރި އިންސާނެއްގެ މިންގަނޑުން، ދައުވާ ފެއިލްކޮށްލަން ބޭނުންވާނަމަ އަމަލުކުރާނީ މި ފަދަ ގޮތަކަށެވެ." ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްރަލްދާ ޒާހިރު ކުރެއްވި ހުކުމުގައި ވެއެވެ.
އެ މައްސަލާގައި ދައުލަތުން ބުނަމުން ގެންދިޔައީ ގާނޫނޫލްއުގޫބާތުގައި ދެވަނަ ފަހަރަށް ދައުވާ ހުށަހަޅަން ޖެހޭ ތާރީހު ބަޔާންކޮށްފައި ނެތުމުން، އެ މުއްދަތު ނުގުނޭނެ ކަމަށެެވެ. ގާނޫނީ ހުސްކަމެއް އެކަމުގައި އޮތް ކަމަށް ޕީޖީއިން ދެކުނު ނަމަވެސް، ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ އެފަދަ ހާލަތުގައި އަމަލުކުރަންވީ ގޮތް މަނާކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
"...މިފަދަ ކަންކަމުގައި ކޯޓުތަކަށް މައްސަލަ ހުށަހަޅައިގެން ކޯޓުތައް އިމްތިހާނުކޮށް ކޯޓުތަކުން ގާނޫނު ވާންކޮށްދޭނެ ކަމަށް ބެލުމުގެ ސަގާފަތާ ދުރުހެލިވާންޖެހޭ،" ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ އެކަން ހިނގާފައި ވަނީ ޕީޖީ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފެއްގެ އިހްމާލެއްގެ ސަބަބުން ކަމަށް ވިޔަސް، ނުބައި ނިޔަތެއް އޮވެގެން ކަމަށް ވިޔަސް، ނުވަތަ ބައެއްގެ ނުފޫޒުން ކަމުގައި ވިޔަސް، ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ދައުވާ ނުއުފުލާ އޮތް އޮތުމަކީ އެކަމެއް ފޫބެއްދުމަށްޓަކައި ކޯޓުތަކަށް އިތުރަށް ކޮށްދެވޭނެ ކަމެއް ނޫން ކަމަށެވެ.
"...ކުށްކުރުން ހުއްޓުވައި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާ ދައުލަތުގެ އެންމެހައި އިދާރާތަކުން ގާނޫނުތައް އެއްފަރާތްކޮށް، އެއްވެސް ފަރުވާލެއް ނެތި އަމަލުކުރުމުން، އެކަންކަން ތާއަބަދު ކޯޓުތަކުން ފޫބައްދައިދިނުމުގެ އާހިރު ނަތީޖާއަކީ، ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބާރު ކެނޑިގެންދިޔުމެވެ." ގާނޫނުގައިވާ ގޮތަށް އަދަބު ދެވި އިންސާފު ގާއިމުކޮށްދެވޭނީ ހަމައެކަނި ކޯޓުތަކަށް ކަމަށް ހީކުރެވުމަކީ ކުށް ހީއެއްކަން ފާހަގަކުރައްވާ ފަނޑިޔާރު އަޒްމިރަލްދާގެ ރައުޔުގައި ފާހަގަކުރެއްވި އެވެ.
އެ މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވަނީ ގާނޫނެއްގެ ދަށުން ދައުލަތުގެ މުވައްޒަފަކަށް ކަމެއް ކުރުން ލާޒިމުކޮށްފައިވާ ނަމަ، އެކަމެއް ކުރަން ގާނޫނުގައި ވަކި މުއްދަތެއް ބަޔާންކޮށްފައި ނެތަސް ހިތުހުރިހައި ދުވަހަކަށް އެކަމެއް ނުކޮށް ދަންމާލުމުގެ ފުޅާ އިހްތިޔާރު ދައުލަތުގެ އެ މުވައްޒަފަކަށް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.
"...އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ކުރެވެނީ ވަރަށް ހުތޫރަތްތެރި، އަދި ވަރަށް ހަޑިމުޑުދާރު އަމަލަކަށް ތުހުމަތުކުރެވޭ ދައުވާއެކެވެ. އެހެންނަމަވެސް، ދައުލަތުގެ މުވައްޒަފެއްގެ އިހުމާލުން ހިނގި މި އަމަލުގެ މަތީގައި މި ކޯޓުން މަލަން އަޅަން އުޅެފި ނަމަ، މުޅި އަދުލު އިންސާފުގެ ހަމަތަކާއި ގާނޫނުގެ ވެރިކަމާއި ޖުޑިޝަލް ރިވިއުގެ އަސާސްތައް މުގުރިގެން ދާނެ އެވެ." ފަނޑިޔާރު އަޒްމިރަލްދާގެ ރައުޔަށް ތާއީދުކޮށް ފަނޑިޔާރު ސުއޫދު އިއްވެވި ރައުތުގައި ވިދާޅުވި އެވެ.
އެ ރައުޔަށް ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވެސް ތާއީދުކުރެއްވުމުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމެވީ ދައުލަތުން އެދުނު ގޮތަށް އެ މައްސަލަ ކުރިއަށް ގެންދިއުމުގެ އިތުރު ފުރުސަތެއް ދެވެން ނެތް ކަމަށެވެ. އެހެންވެ އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކުށުގެ ތިން ދައުވާ އުފުލާފައިވާ ޝިފާއު ވަނީ މިނިވަންވެފަ އެވެ.













