ނިއު ޔޯކް، އެމެރިކާ (މާޗް 9) - ނޯބެލް އިނާމް ހާސިލްކޮށްފައިވާ މިޔުޒިކް އާޓިސްޓް ބޮބް ޑިލަންގެ އާ ފޮތެއް އަންނަ ނޮވެމްބަރު މަހު ނެރޭނެކަން އިއުލާންކޮށްފި އެވެ.
"ދަ ފިލޯސޮފީ އޮފް މޮޑަން ސޯންގް" ފޮތް ނެރެން ޝެޑިއުލްކޮށްފައި ވަނީ ނޮވެމްބަރު އަށް ވަނަ ދުވަހު އެވެ. މިއީ ގާތްގަނޑަކަށް 20 އަހަރުގެ ތެރޭގައި ބޮބް ޑިލަން ނެރޭ ފުރަތަމަ ފޮތެވެ.
އެންމެ ފަހުން އުމުރުން 80 އަހަރުގެ ބޮބް ޑިލަންގެ ފޮތެއް ނެރުނީ 2004 ވަނަ އަހަރު އެވެ. އެއީ "ކްރޮނިކަލްސް ވޮލިއުމް 1" އެވެ.
އެމެރިކާގެ މަގްބޫލް ޅެންވެރިޔާ އަދި މިޔުޒިކް އާޓިސްޓް އެންމެ ފަހުގެ ފޮތް ލިޔަން ފެށީ 2010 ވަނަ އަހަރު އެވެ. އެ ފޮތުގައި ލަވަކިޔުންތެރިންނާއި ލަވަ ލިޔުމާ ގުޅޭ 60 އަށް ވުރެ ގިނަ މަޒުމޫން ހިމެނެ އެވެ.
ނިއު ޔޯކްގައި 1960 ގެ އަހަރުތަކުހައި ފޯކް މިޔުޒިކްގެ ތެރެއަށް ތައާރަފްވި ބޮބް ޑިލަންގެ އަލްބަމްތަކުގެ 125 މިލިއަނަށް ވުރެ ގިނަ ރެކޯޑް ވިކިފައިވެ އެވެ.

ބޮބް ޑިލަންގެ 39 ވަނަ ސްޓޫޑިއޯ އަލްބަމް ނެރުނީ 2020 ވަނަ އަހަރު އެވެ. "ރަފް އެންޑް ރައުޑީ ވޭޒް" އަލްބަމަށް ބޮޑު މަގްބޫލްކަމެއް ލިބުނެވެ. ލިޓެރޭޗާއިން ނޯބެލް އިނާމް ބޮބް ޑިލަންއަށް ލިބުނީ 2016 ވަނަ އަހަރު އެވެ.










