އެޕަލް އިން ރޭ ވަނީ މިއަހަރު އެ ކުންފުނިން ބާއްވާ ފުރަތަމަ ޕްރޮޑަކްޓް ލޯންޗު ކުރުމުގެ އިވެންޓް ބާއްވާފަ އެވެ. އާ ފްލެގްޝިޕް ފޯނެއް ނުނެރުނު ނަމަވެސް އެޕަލްގެ ޕްރޮޑަކްޓްތަކަށް ލޯބިކުރާ މީހުންނަށް ރެޔަކީ ވެސް މުހިންމު ރެޔެކެވެ.
ރޭގެ އިވެންޓް އެ ކުންފުނިން ފޯކަސްކުރީ އަގުހެޔޮ އައިފޯނަކާ، އައިޕެޑް އެއާ އާއި މެކް ސްޓޫޑިއޯ ކޮމްޕިއުޓަރާއެކު އެ ކުންފުނިން ނެރޭނެ އެންމެ ބާރުގަދަ މެކް ޗިޕް ދައްކާލުމަށެވެ. ހަމައެހެންމެ، އައިފޯނަށް އަންނަ އާ ކުލަތައް ވެސް ދައްކާލި އެވެ. އަދި މެކްބުކް ޕްރޯގެ ޓީޒާ ވީޑިއޯ އަކާއެކު ގިނަ މީހުން ތިބީ އާ މެކްބުކް ސީރީޒް ނެރޭނެ ދުވަހަކަށް އިންތިޒާރު ކޮށްގެންނެވެ.
އައިފޯންގެ ބަޖެޓް ސީރީޒް "އެސްއީ" ގެ އާ ފޯނެއް އެޕަލް އިން ވަނީ ރޭ ދައްކާލާފަ އެވެ. މިއީ 2020 ގައި ނެރުނު އައިފޯން އެސްއީގެ އަޕްޑޭޓެއް ކަމަށްވާއިރު މިފަހަރުގެ ފޯނުގައި 5ޖީ އަދި އެންމެފަހުގެ A15 ޗިޕު ހުންނާނެ އެވެ. ޓަޗް އައިޑީގެ އިތުރުން 12 މެގަޕިކްސަލްގެ ކެމެރާ އެއް ވެސް ހުންނާނެ އެވެ. މާޗް 18 ގައި ނެރޭ މި ފޯނު ވިއްކާނީ 429 ޑޮލަރަށެވެ.

އާ އައިޕެޑް އެއާ. މި އައިޕެޑް އަންނަނީ ހަލުވި އެމް1 ޗިޕާއެކު -- ފޮޓޯ: އެޕަލް
އެޕަލްގެ މިޑްރޭންޖް އައިޕެޑްތަކުގެ ތެރޭގައި ހިމެނޭ އައިޕެޑް އެއާގެ އާ ވާޝަނެއް ވެސް ރޭ ވަނީ ނެރެފަ އެވެ. މި އައިޕެޑްގައި ހުންނާނީ ޕްރޯ ސީރީޒް އައިޕެޑްގައި ވެސް ބޭނުންކުރާ M1 ޗިޕެވެ. މި އައިޕެޑްގެ ކެމެރާ ވެސް އަޕްޑޭޓް ކޮށްފައިވާއިރު ވިއްކާނީ 599 ޑޮލަރަށެވެ.
އެޕަލް އިން ވަނީ އައިއޯއެސް 15.4 ވަރަށް އަވަހަށް އައިފޯންތަކަށް އަންނާނެކަން ރޭ ހާމަކޮށްފަ އެވެ. މި ސޮފްޓްވެއާ އަޕްޑޭޓާއެކު މާސްކް އަޅައިގެން ވެސް ފޭސް އައިޑީ ބޭނުންކުރެވޭނެ އެވެ. ހަމައެހެންމެ، އިތުރު ހާޑްވެއާ އަކާ ނުލައި ކްރެޑިޓް ކާޑް ޕޭމަންޓް އެޕަލްގެ ކަސްޓަމަރުންނަށް މި އަޕްޑޭޓާއެކު ހެދޭނެ އެވެ.
އަންނަ ހުކުރުން ފެށިގެން "އަލްޕައިން ގްރީން" އަދި "ގްރީން" ކުލާގައި އައިފޯން 13 މިހާރު ޕްރީއޯޑާ ކުރެވޭނެ އެވެ.
ރޭ އެޕަލް އިން ނެރުނު އެންމެ މުހިންމު އެއް ޕްރޮޑަކްޓަކީ M1 އަލްޓްރާ ޗިޕާއެކު ތައާރަފްކުރި މެކް ސްޓޫޑިއޯ އެވެ. މި ޗިޕަކީ މިހާރު ބޭނުންކުރާ M1 މެކްސް ޗިޕަށްވުރެ އަށް ގުނަ ސްޕީޑް ހަލުވި ކޮށްދޭނެ ޗިޕެކެވެ.
އެހެންކަމުން، މިއީ ގްރެފިކްސް މަސައްކަތްތަކާއި އެނިމޭޓްކުރާ ފަރާތްތަކަށް އެފަދަ ދެވަނައެއް ނުވާފަދަ ސްޕީޑް ގެނެސްދޭނެ ޗިޕަކަށްވާނެ އެވެ. M1 އަލްޓްރާ ޗިޕާއެކު މެކް ސްޓޫޑިއޯ ވިއްކަން ފަށާ އަގަކީ 3،999 ޑޮލަރެވެ.

އާ މެކްސްޓޫޑިއޯ ޑިސްޕްލޭ -- ފޮޓޯ: އެޕަލް
އޭގެ އިތުރުން، އާ މެކް ސްޓޫޑިއޯ ޑިސްޕްލޭ އެއް ވެސް ރޭ ވަނީ ދައްކާލާފަ އެވެ. މިއީ 27 އިންޗި ހުންނަ 5K ރެޓީނާ ޑިސްޕްލޭ އެކެވެ. މިހާރު 1،599 ޑޮލަރަށް މި ޑިސްޕްލޭ އޯޑާ ކުރެވޭނެ އެވެ.
އެޕަލްގެ ފޭނުން މިހާރު އިންތިޒާރު ކުރަމުންދަނީ އަހަރުގެ ފަހުކޮޅު އޮންނަ އެ ކުންފުނީގެ އިވެންޓަށެވެ. މި އިވެންޓުގައި އާ އައިފޯނުތައް އެ ކުންފުނިން ދައްކާލާނެ ކަމަށް ބެލެވެ އެވެ. އޭގެ އިތުރުން އާ މެކްބުކްތައް ވެސް ދައްކާލާނެ އެވެ.








