މިއުނިކް (މާޗް 8) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ކުޅުނު މެޗުތަކަށް ފަހު ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަތައް ބަޔާން މިއުނިކާއި ލިވަޕޫލުން ހޯދައިފި އެވެ.
ފުރަތަމަ ލެގުގައި ސަލްޒްބާގު ދަނޑުގައި 1-1 އިން އެއްވަރުވި ނަމަވެސް 23 މިނިޓް ތެރޭ ރޮބަޓް ލެވަންޑޯސްކީ ހެދި ޗެމްޕިއަންސް ލީގުގެ ރެކޯޑް ހެޓްރިކާ އެކު ބަޔާން ވަނީ މިރޭ އަމިއްލަ ދަނޑުގައި 7-1 އިން ސަލްޒްބާގް ބަލިކޮށްފަ އެވެ. ލިވަޕޫލުން އިންޓަ މިލާން ބަލިކުރީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ފުރަތަމަ ލެގުގައި މިދިޔަ މަހު އިންޓަ ދަނޑުގައި ލިވަޕޫލް ވަނީ 2-0 އިން މޮޅުވެފަ އެވެ. އިންޓަ އިން މިރޭ ލިވަޕޫލް ދަނޑުގައި 1-0 އިން މޮޅުވި ނަަމަވެސް ވަނީ ކަޓައިފަ އެެވެ.
ލިވަޕޫލުން މިރޭގެ މެޗު ރަނގަޅަށް ފަށައި ޖޮއެލް މަޓިޕް އެ ޓީމަށް ލީޑުނަގައިދޭން ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑީ އަށެވެ. ދެ ވަނަ ހާފުގައި އިންޓަގެ އޭރިއާތެރެއިން އެ ޓީމުގެ ކީޕަރު ސާމިރް ހަންޑަނޯވިޗް އަތުގައި ޖެހިފައި ދޫވި ބޯޅައެއް މުހައްމަދު ސަލާހު ފޮނުވާލި ނަމަވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މުޅި މެޗަށް ބަލާއިރު ރަނގަޅު އޮގްނައިޒް ކުޅުމެއް ދެއްކި އިންޓަ އިން މެޗުގެ ހަމައެކަނި ލަނޑު ޖެހީ 61 ވަނަ މިނިޓްގަ އެވެ. ލަޓާރޯ މާޓީނޭޒް އޭރިއާ ރޮނގުކައިރިން ފޮނުވާލި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަތްމަތިން ވަނީ ގޮލުގެ މަތީ ކަނަށެވެ. އެ ގޯލު ޖެހިތާ ދެ މިނިޓް ފަހުން އިންޓަ އަށް މައްސަލަ ދިމާވީ ދެ ވަނަ ރީނދޫ ކާޑާ އެކު އަލެކްސިސް ސަންޗޭޒަށް ރަތް ކާޑު ދެއްކުމުންނެވެ. ފުރަތަމަ ހާފުގައި ތިއާގޯ އަލްކަންޓާރާ އަށް ސަންޗޭޒް ކުރި ފައުލަށް ރީނދޫ ކާޑެއް ދެއްކިއިރު، ދެ ވަނަ ހާފުގައި އަނެއް ރީނދޫ ކާނޑު ދެއްކީ ފަބީނިއޯ އަށް ކުރި ފައުލަކަށެވެ.

މާޓީނޭޒް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ލިވަޕޫލަށް ފަހުން ވެސް ގޯލު ޖަހަން ފުރުސަތު ލިބުނެވެ. ސަޑިއޯ މާނޭ ދިން ބޯޅައަކުން ސަލާހު ފޮނުވާލި ބޯޅަ މި ފަހަރު ވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ލުއިސް ޑިއާޒް އޭރިއާތެރެއިން ހުސްކޮށް ހުރެފައި ޖެހި ބޯޅަ އިންޓަގެ އާޓޫރޯ ވިޑާލް ވަނީ ބޭރުކޮށްލައިފަ އެވެ.
މިރޭގެ މެޗަކީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ކުޅުނު އަށް މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ.
މިރޭ ޖަރުމަނުގައި ކުޅުނު މެޗުގެ 12 ވަނަ މިނިޓާއި 21 ވަނަ މިނިޓްގައި ލެވަންޑޯސްކީ ބަޔާންގެ ފުރަތަމަ ދެ ގޯލު ޖެހީ ޕެނަލްޓީންނެވެ. މި ދެ ޕެނަލްޓީ އަކީ ވެސް ލެވަންޑޯސްކީ އަށް ކުރި ފައުލުތަކަށް ދިން ޕެނަލްޓީތަކެކެވެ. މެޗުގެ 23 ވަނަ މިނިޓްގައި ލެވަންޑޯސްކީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ މެޗެއް ފަށައިގެން ޗެމްޕިއަންސް ލީގުގެ ތާރީހުގައި ކުޅުންތެރިއަކު ހެދި އެންމެ އަވަސް ހެޓްރިކް އެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ 24 މިނިޓް ތެރޭ ހެޓްރިކް ހެދި މާކޯ ސިމޯނޭ އަތުގަ އެވެ.
މިރޭގެ ގޯލުތަކާ އެކު ލެވަންޑޯސްކީ ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ވެސް ބަޔާނަށް 40 ގޯލު ހަމަކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ސާޖް ގްނަބްރީ ވަނީ ބަޔާންގެ ހަތަރު ވަަަނަ ގޯލު ޖަހައިފަ އެވެ. ދެ ވަނަ ހާފުގައި ބަޔާންގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ތޯމަސް މުލާ އެވެ. އަނެއް ގޯލު ޖެހީ ލެރޯއި ސާނޭ އެވެ. މި މެޗުގައި ސަލްޒްބާގުގެ ހަމައެކަނި ގޯލު ޖެހީ ބްރެންޑެން އާރޮންސަން އެވެ.












